ޒީޓީވީން ގެނެސްދޭ އެކްތާ ކަޕޫރްގެ މަގުބޫލު ސިލްސިލާ "ކުމްކުމް ބަގިއާ" ގެ ރޯލަކަށް ޕޫޖާ ބެނަޖީ ސޮއިކޮށްފި އެވެ.

އޭނާ އަކީ އަކީ އެކްތާ ސްޓާ ޕްލަސް އިން ގެނެސްދޭ "ކަސޯޓީ ޒިންދަގީ ކޭ" ގައި އަނޫރާގް ބާސޫ (ޕާތު ސަމްތާން) ގެ ދައްތަ ނިވެދިތާ ބާސޫގެ ކެރެކްޓާ ކުޅެމުން އަންނަ ބަތަލާ އެވެ. "ކުމްކުމް ބަގިއާ" އިން ޕޫޖާ އަށް ލިބުނީ ކުރިން ނައިނާ ސިންގް ކުޅުނު ރިއާ މެހެރާގެ ރޯލެވެ.

އޭނާ ސިލްސިލާ އިން ވަކިވީ ނެގަޓިވް ކެރެކްޓާއަކަށް މި ވަގުތު ޝައުގުވެރިކަން ނެތުމުންނެވެ. އިންޑިއާގެ ލޮކްޑައުންގެ ކުރިން "ކުމްކުމް ބަގިއާ" ދެއްކުން މާޗް މަހުގެ ތެރޭގައި މެދުކެނޑުނު އިރު ފެބްރުއަރީ މަހުގެ ތެރޭގައި ނައިނާ ވަނީ ރިއާގެ ކެރެކްޓާ ދޫކޮށްލައިފަ އެވެ.

ނަމަވެސް އޭނާގެ ބަދަލުގައި ވަރަށް އަވަހަށް ޕޫޖާ ރިއާގެ ކެރެކްޓާ އިން ފެންނަން ފަށާނެ އެވެ. "ކުމްކުމް ބަގިއާ" ހުއްޓިފައި އޮތުމަށް ފަހު އަލުން ދައްކަން ފެށީ މި މަހުގެ 18 ގަ އެވެ.

ޕޫޖާ ބުނީ އޭނާ އަކީ އަބަދު ވެސް ނެގަޓިވް ކެރެކްޓާތަކަށް ވަރަށް ގަޔާވާ މީހެއް ކަމަށާއި އެފަދަ ރޯލްތައް މާ ރަނގަޅު ކަމަށެވެ.

"ހަގީގަތުގައި މާ އިންސްޓަރެސްޓިން ގްރޭ ޝޭޑްގެ ކެރެކްޓާތައް. އަހަރެން ބޭނުން ވަނީ ގިނައިން އެކަހަލަ ރޯލްތައް ކުޅެން. އަސްލު އެއީ ވޭރިއޭޝަން ދައްކަން މާ ބޮޑަށް ފުރުސަތު ލިބޭ ކަހަލަ ރޯލްތަކެއް." ޗަންދުރަ ނަންދިނީ އާއި ދިލް ތޯ ހޭ ފަދަ ސިލްސިލާތައް ވެސް ކުޅެފައިވާ 28 އަހަރުގެ ބަތަލާ ބުންޏެވެ.

ޕޫޖާ ބުނީ "ކުމްކުމް ބަގިއާ" ގެ ރިއާ ކެރެކްޓާ ކުޅެން ލިބުމަކީ ވަރަށް އުފާވި ކަމެއް ކަމަށެވެ. ސަބަބަކީ އެ ސިލްސިލާ އަކީ އޭނާ ވަރަށް ކަމުދާ އެއްޗަކަށްވެފައި ރިއާގެ ކެރެކްޓާ އަކީ ވެސް ސިލްސިލާގެ ވަރަށް މުހިއްމު ރޯލަކަށްވުމެވެ. އަދި ބެލުންތެރިން ގަޔާވާ ކަހަލަ ކެރެކްޓާއަކަށް ރިއާގެ ކެރެކްޓާއާ އެކު އޭނާއާ އެކު ހަދައިދޭން މަސައްކަތްކުރާނެ ކަމަށް ބުންޏެވެ.