ސަޅަކް 2: މަހޭޝް ބަޓްގެ އެނބުރި އައުން ވަރަށް ފީކަޅާ

ރީތި އަދި ކާމިޔާބު އެތައް ފިލްމެއް ގެނެސްދިން ކުރީގެ ޑައިރެކްޓަރު މަހޭޝް ބަޓް 22 އަހަރު ފަހުން އަލަށް ޑައިރެކްޝަނަށް އައި ފިލްމު "ސަޅަކް 2" އާ ދޭތެރޭ ބޮޑެތި އުންމީދުތަކެއް ކޮށްގެން ތިއްބައި ބެލުންތެރިން މާޔޫސްކޮށްލައިފި އެވެ.


ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި ފިލްމުގެ ގިނަ ރިވިއުތަށް ބަލާއިރު، މިއީ ވަރަށް ފީކަޅާ ތާކުންތާކު ނުޖެހޭ ފިލްމެއް ކަމަށް ގިނަ ރިވިއުތަކުގައި ބުނެފައިވެ އެވެ.

މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝްގެ ރިވިއުގައި ފާހަގަކޮށްފައިވާ އެންމެ މުހިއްމު އެއް ކަމަކީ އެއްވެސް އޮއްޓަރެއް، ހަމަޖެހޭ ކަމެއް ނެތް ވާހަކައަކަށް ފިލްމު ހެދި ސަބަބާ ބެހޭ ގޮތުން ސުވާލު އުފައްދާފައިވުމެވެ. އޭނާ ބުނެފައިވާ ގޮތުގައި 1991 ގައި ގެނެސްދިން "ސަޅަކް" އަކީ ވަރަށް އަސަރު ގަދަ ރީތި ފިލްމަކަށްވި ނަމަވެސް އެއާ އަޅާކިޔޭނެ އެއްވެސް ކަމެއް "ސަޅަކް 2" ގައި ނެތެވެ. އޭނާ ބުނީ މީގެ އެންމެ ދެރަ ކަމަކީ މަހޭޝް ބަޓާއި އޭނާގެ ސްކްރީން ރައިޓަރު ސުހިތުރާ ސެންގުޕްތާގައި ވާހަކަ އެއްގޮތަކަށް ވެސް ހަމަނުޖެހުމެވެ.

"ސަޅަކް 2" ގެ މައިގަނޑު ވާހަކަ އަކީ ކެންސަރު ބަލީގައި އުޅެނިކޮށް މަރުވެފައިވާ މަންމަގެ މަރުގެ ހަގީގަތް ހޯދަން އާރިއާ (އާލިއާ ބަޓް) ކުރާ މަސައްކަތުގައި ނުފޫޒު ގަދަ ގޯޑްމޭން (މަކަރަންދު ދޭޝްޕާންޑޭ) އަކާ ކުރިމަތިލާން ޖެހި، އެކަމުގެ ތެރެގައި އޭނާ އަށް ކުރިމަތިވާ ކަންކަމެވެ. މި މަސައްކަތުގެ ތެރޭގައި ގޯޑްމަން އާރިއާ މަރައިލަން މަސައްކަތް ވެސް ކުރެ އެވެ. އެކަމަކު އެކަމުން އޭނާ ސަލާމަތް ވަނީ ފަހުން ފަހުން ލޯބީގެ ގުޅުމެއް އުފެދޭ ވިޝާލް (އަދިތިޔާ ރޯއި) ކަޕޫރްގެ ސަބަބުންނެވެ. އާރިއާ މަރައިލަން ގޯޑްމަން ފޮނުވާ މީހާ މަރައިލުމުގެ މައްސަލާގައި ވިޝާލް ޖަލަށް ދާން ޖެހެ އެވެ. އަދި އާރިއާ އަކީ ނަފުސާނީ މައްސަލަތެއް ހުންނަ މީހެއް ކަމަށް ނިންމައި އެފަދަ މީހުން ގެންގުޅޭ ތަނެއްގައި ބަންދުކުރެ އެވެ.

އާރިއާ ކުރާ މަސައްކަތުގެ ތެރޭގައި ސަންޖޭ ދަތު (ރަވީ) އާ ދިމާވަނީ ތިން މަހަށް ކުއްޔަށް ޓެކްސީ ދަތުރަކަށް އަރާ ހިސާބުންނެވެ. އެ ޓެކްސީ އަކީ ރަވީ އޭނާގެ އަންހެނުން ޕޫޖާ (ޕޫޖާ ބަޓް) ގެ ހަނދާނުގައި ދޭ ހިދުމަތެކެވެ.

ތަރަންގެ ރިވިއުގައި ބުނެފައިވާ ގޮތުގައި "ސަޅަކް 2" ގެ ޕްލޮޓްގައި ލޮޖިކުން ހިނގާ އެއްވެސް ކަމެއް ނެތުމުން މިއީ ވަގުތު ބޭކާރުވުން ނޫން ކަމެއް ނުވާ ފިލްމެކެވެ. އޭނާ ބުނީ ސްކްރީންޕްލޭ ދޯދިޔާވުމާއި އޮއްޓަރެއް ނެތް ހާސަރުގަނޑަކަށް ފިލްމު ހަދާފައި އޮތުމުން މަހޭޝްގެ ޑައިރެކްޝަނުގައި ވެސް ހާއްސަ އެއްވެސް ކަމެއް ނެތް ކަމަށެވެ. ފިލްމެއްގެ ސްކްރީންޕްލޭ ގޯސްވެއްޖެ މުޅި ފިލްމުގެ މިސްރާބު ގެއްލޭ އުސޫލުން "ސަޅަކް 2" އޮތީ ރާސްތާ އިން ބޭރުވެފަ އެވެ.

ތަރަން ބުނީ ސްކްރީންޕްލޭ ވަނދުވުމާއި ކެރެކްޓާތަކުގައި މާ ބޮޑު ބުރަދަނެއް ނެތުމުން ތަރިންގެ ފަރާތުން ވެސް މާ މޮޅު ހުނަރެއް ނުފެންނަ ކަމަށެވެ. އެކަމަކު މުޅި ފިލްމުގެ ހައިލައިޓަކީ ސަންޖޭ ކަމަށާއި އާލިއާއާ ހަވާލުކުރި ރޯލް އޭނާ ވެސް ރަނގަޅަށް އިންސާފުކޮށް ދީފައިވާ ކަމަށް ބުންޏެވެ. "ސަޅަކް 2" އިން އެންމެ މާޔޫސްކޮށްލި އެއް ކަމަކީ ޕޫޖާގެ ރޯލެއް ފިލްމުން ފެންނާނެ ކަމަށް އުންމީދު ކުރެވުނަސް އޭނާގެ އަޑު ފިޔަވައި، ޕޫޖާގެ އެއްވެސް އަސަރެއް ފިލްމުގައި ނެތުމެވެ.

ތަރަން ބުނިގޮތުގައި "ސަޅަކް 2" ފާހަގަކުރެވުނު ހަމައެކަނި ރަނގަޅު ކަމަކީ ފިލްމުގެ ސިނަމަޓޯގްރަފީ ރަނގަޅުވުމެވެ. ފިލްމުގެ ލަވަތަކާއި ބެކްމިއުޒިކާއި އެޑިޓިން ފަދަ ކަންކަމުގައި ވެސް އަޅައިގަންނަ ކަހަލަ އެއްވެސް ކަމެއް ނެތް ކަމަށް ތަރަން ބުންޏެވެ. އޭނާ ފިލްމަށް ދީފައި ވަނީ ފަސް ތަރިން އެންމެ ތަރީގެ ރޭޓިންއެކެވެ.