"ބަޅިނދު" ގެ ކާސްޓަށް "ނީނާ" އިން ތައާރަފުކުރާ ބަތަލު ޝަރަފް

ޑާކް ރެއިން އެންޓަޓައިންމަންޓުން ހަދަމުން އަންނަ ބިރުވެރި ފިލްމު "ބަޅިނދު" ގެ ކާސްޓަށް، އަންނަ އަހަރު ރިލީޒްކުރާ ފިލްމު "ނީނާ" އިން ފިލްމީ ދާއިރާ އަށް ތައާރަފުކުރާ ބަތަލު ޝަރަފު އަބްދުﷲ އަށް ވެސް ފުރުސަތު ދީފި އެވެ.


ޝޫޓިންގެ 15 ޕަސެންޓް ނިމިފައިވާ ފިލްމުގެ އިތުރު ކާސްޓުންތަކަކާ އެކު ޕޯސްޓަރުތަކެއް ދައްކައިލި އިރު ޝަރަފުގެ ޕޯސްޓަރެއް ވެސް ހިމެނެ އެވެ. އޭނާ ތައާރަފުކުރާ ފިލްމު "ނީނާ" އަކީ މިދިޔަ އަހަރު "ބަވަތި" ގެނެސްދިން އިލްޔާސް ވަހީދު (އިއްލެ) ގެ ދެވަނަ ފިލްމެވެ.

އެ ފިލްމުގައި ޝަރަފާ އެކު ބަތަލާގެ ރޯލު ކުޅޭނީ "ބަވަތި" ގެ ވެސް ބަތަލާ ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ "ބަޅިނދު" އިން ވެސް ނުޒޫ ފެންނާނެ ކަމެކެވެ. "ނީނާ" އަކީ މި އަހަރުގެ ކުރީކޮޅޫ ޝޫޓިން ނިންމާލައި، މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމެކެވެ.

މިދިޔަ އަހަރު ގޮށްރާޅު" ގެނެސްދިން އުންމީދީ ޑައިރެކްޓަރު އަހުމަދު ޝިނާން ޑައިރެކްޓްކުރާ "ބަޅިނދު" ގެ ކާސްޓްގައި މިހާރު ޑާކް ރެއިންގެ ފިލްމުތަކުން އާންމުކޮށް ފެންނަ ބަތަލާ މަރިޔަމް މަޖުދާ (މަޖޫ) އާއި އަލީ އާޒިމް (ދޮން އައްޔަ) ވެސް ހިމެނެ އެވެ.

ފިލްމުގެ ކާސްޓަށް ދޮން އައްޔަ ނެގީ ޖިންސީ ގޯނާގެ ތުހުމަތުތަކެއްގެ މައްސަލަ ދާދި ފަހުން ހޫނުވި އެކްޓަރު ޖުމައްޔިލް ނިމާލު (ޖުމަލް) ގެ ބަދަލުގަ އެވެ. އޭނާގެ މައްޗަށް ކުރެވުނު ތުހުމަތާ ގުޅިގެން ޑާކް ރެއިނުން ވަނީ ޖުމަލްއާ އެކު މަސައްކަތް ނުކުރަން ނިންމައިފަ އެވެ.

"ނީނާ" ގެ ކާސްޓްގައި ވެސް ޖުމަލް ހިމެނެ އެވެ. ބެލެވޭ ގޮތުން އެ ފިލްމު ވެސް ގެނެސްދޭނީ އޭނާގެ މަންޒަރުތައް އުނިކޮށްފަ އެވެ.

"ބަޅިނދު" ގެ އިތުރު ކާސްޓުންގެ ތެރޭގައި އިސްމާއީލް ޖުމައިލް (ޖުމާ) އާއި އައިމިނަތު ރަޝްފާ (އާޝާ) އާއި ހުނޭޝާ އާދަމް ހިމެނެ އެވެ.

ހަގީގީ ހާދިސާތަކެއްގެ މައްޗަށް ގެނެސްދޭ މި ފިލްމަކީ އަލަށް ސްކްރީން ރައިޓިން އަށް ނުކުމެގެން އުޅޭ ހޫދު އިބްރާހީމްގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ.