އާދިއްތަ ދުވަހާ ގުޅޭ
"މި ގޭގަ ހުންނަންވީ؟" ރިފާ ސުވާލުކުރިއެވެ.
ކާރު މަޑުކުރިއެއް ކަމަކު ރިފާ ކާރަކުން ނުފައިބައެވެ. ލިބުނު ސިހުން ބޮޑުކަމުން ރިފާ އިނީ ހިރިލަން ވެސް ނޭނގިފައެވެ.
"ރިފާ ނިންމާ!" މިހާދު ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ރިފާ ތި ގޭގަ ހުއްޓަކަސް މައްސަލަޖައްސާނެ މީހަކު ނާންނާނެ. ތީ އަހަރެންގެ އަންހެނުން. ރިފާ ހުންނަން ބޭނުމިއްޔާ ގެންދެވޭނެ މީހަކު ނުހުންނާނެ. ރިފާ ދާން ބޭނުމިއްޔާ ހުއްޓުވޭނެ މީހަކު ވެސް ނުހުންނާނެ."
ބުނާނެ އެއްޗެއް ނޭނގިފައި ރިފާ ބަލަހައްޓައިގެން އިނެވެ. މިހާދުގެ ލޮލުން ރިފާއަށް ފެނުނީ ލޯބީގެ ވިދުވަރެވެ. އެއީ ދެއްކުންތެރިކަމެއް ނުވަތަ ފައިސާގެ ނުފޫޒެއް ނޫނެވެ. އެ ވަގުތު ރިފާގެ ހިތުގައި އުފެދުނީ ޝަކުވާއެކެވެ. ކައިވެންޏަށް އެތައް ދުވަހެއް ވެ، ދަރިޔަކު ވެސް ލިބޭ ފަހުން ލޯބިވާ މީހަކު ފެންނަނީ ކީއްވެގެން ހެއްޔެވެ؟ އިނދެވުނީ އެންމެ ލޯބިވާ މީހާޔާ ނޫންކަން އެތައް އަހަރެއް ފަހުން އެނގެނީ ކީއްވެގެން ހެއްޔެވެ؟ އެ ކަހަލަ އުނދަގޫ މަރުހަލާއެއް ރިފާއަށް ކުރިމަތިވީ ކީއްވެގެން ހެއްޔެވެ؟
"ހަމަ އަސްލު ވެސް އަހަރެން ވަރިކުރަނީ؟" ރިފާ ސުވާލުކުރިއެވެ.
މިހާދާއި ރިފާގެ ކައިވެންޏަކީ ވަރިކުރާ ގޮތަށް އެއްބަސްވެގެން ކުރެވުނު ކައިވެންޏެކެވެ. ވަރިވާން ރިފާ ކިޔާތާ ވެސް އެތައް ދުވަހެކެވެ. އެހެނަސް ވަގުތު އައިސް ޖެހުމުން ރިފާގެ ހިތުގައި ނުތަނަވަސްކަމެއް އުފެދުނު ސަބަބެއް ރިފާއަކަށް ވެސް ނޭނގެއެވެ. ވަރިވެގެން ޒާހިރާ އިނދެވޭނެއެވެ. އޭރުން ދަރިފުޅު އުފާވާނެއެވެ. ރިފާގެ އުފަލަކީ ދަރިފުޅުގެ އުފަލެވެ. ވީއިރު އެންމެ ފަހު ވަގުތު ރިފާގެ ހިތް އަވަސްވާންވީ ކީއްވެގެން ހެއްޔެވެ؟
"އަހަންނަށް ރިފާ ނުލިބިދާނެ. ރިފާ އެހެން މީހަކާ ވެސް އިނދެފާނެ،" އަމިއްލަ ހިތުގައި އަތް ޖައްސައިލަމުން މިހާދު ބުންޏެވެ. "އެކަމަކު މި ތާ ދިރިއުޅޭ މީހަކު ނުއެއް ގެއްލޭނެ. ރިފާއަކީ ރީތި ހުވަފެނެއް. އަހަންނަށް ހޭލެވޭ އިރު ރިފާއެއް ނުހުންނާނެ. އެނގޭތަ؟ ރިފާޔާ އިން ފަހުން މި ވީ ކުޑަ ދުވަސްކޮޅު ތެރޭގަ، ދުވަހަކު ވެސް އަހަރެން ހިތްހަމަނުޖެހޭ ވަރަށް ހިތްހަމަޖެހިއްޖެ!"
"އެއީ ކީއްވެތަ؟" ހައިރާންވެފައި ރިފާ އެހިއެވެ.
"ރަނގަޅަށް ތި ބުނީ. އެއީ ކީއްވެތަ؟ ނޭނގެ އަހަންނަކަށް ވެސް،" ކާރުގެ ދޮރު ހުޅުވައިދެމުން މިހާދު ބުންޏެވެ. "މާދަމާ އަންނާނަން ކޯޓަށް ދާން ބަލާ! މިހާރުން މިހާރަށް ބޭނުންވާ ވަރަށް ފޮށީގަ އެއްޗެހި ހުންނާނެ."
ރިފާ ހިތަށްއެރިއެވެ. ހަޔާތުގެ އެ ރީތި ބާބު އެ ހިސާބުން ނިންމާލަންވީ ހެއްޔެވެ؟ ކުރިން އުޅުނު ދިރިއުޅުމަށް އެނބުރި ދާންވީ ހެއްޔެވެ؟ ދެން ރިފާ އިންނަންޖެހޭ ޒާހިރަކީ ކުރިން ރިފާ ދަންނަ ޒާހިރެއް ނޫނެވެ. އޭނަގެ މިޒާޖާއި ބަހުރުވަ ބަދަލުވެއްޖެއެވެ. ދަރިފުޅުގެ އުފަލަށް ޓަކައި އެ ފަދަ މީހަކާ އިނދެގެން އުޅެވިދާނެ ހެއްޔެވެ؟ ދުނިޔެއަށް ދައްކަން އެއީ ލާމަސީލު މިސާލަކަށް ވާނެއެވެ. އެކަމަކު އަމިއްލަ ހިތަށް އެ ދެވުނީ ކެއްސެއް ނޫން ހެއްޔެވެ؟ އެ ވަގުތު ދޮރާށި ކައިރިއަށް ނަޝްފާ ނުކުތެވެ.
"ދަރިފުޅު އެހެރީ ބަލާ އައިސް،" މިހާދު ބުންޏެވެ. "ދޭ!"
ރިފާ ދެ ފަހަރަށް ވިސްނައިލިއެވެ. މިހާދު އުންމީދުކުރީ ރިފާ ނުދާނެ ކަމަށެވެ. އެކަމަކު ރިފާ ކާރުން ފޭބިއެވެ. އެ ވަގުތު ގޭތެރެއިން ޒުލްފާ ނުކުތެވެ. ވައްކަޅިން ރިފާއަށް ބަލައިލިއެވެ. ކުއްލިއަކަށް ރިފާ ކާރަށް އެރިއެވެ. އެތެރެއަށް ވަނުމަށް ދަރިފުޅަށް އިޝާރާތްކުރިއެވެ.
"ހިނގާ ގެއަށް!" ރިފާ އެދުނެވެ.
ގެއަށް ދާން ރިފާ އެދުނީ ކީއްވެގެންތޯ އަހާކަށް ވެސް މިހާދު ބޭނުމެއް ނުވިއެވެ. ފަހަރެއްގައި ވެސް ރިފާގެ ހިޔާލު ބަދަލުވެދާނެތީއެވެ. މިހާދު ކަންތައް ކުރީ ރިފާގެ މަންމަ އެދުނު ގޮތަށެވެ. ރިފާ ބޭނުން ގޮތަކަށް ނިންމަން ރިފާއަށް ދޫކޮށްލީއެވެ.
"ވަރިވެގެން މި ކޮޅަށް އަންނާނީ،" މިހާދު ނޭހިޔަސް ރިފާ ސަބަބު ބުނެދިނެވެ. "އޭރުން ދެން އެއް ފަހަރުން ނިމުނީނު."
މިހާދު ނެގީ އެހެން މާނައެކެވެ. ރިފާއަކީ ގެއަށް ނާދެވިގެން އުޅުނު މީހެކެވެ. ރިފާގެ ގޭގައި ހުއްޓަސް ވަރީގެ ކަންތައް މިހާދަށް ކުރިޔަށް ގެންދެވޭނެއެވެ. ހަގީގަތަކީ މިހާދާ ދުރުގައި ހުންނަން ރިފާއަށް އުނދަގޫވުމެވެ. އެހެން ބުނަން ރިފާ ބޭނުން ނުވަނީއެވެ. އެ ވަގުތު މިހާދު ގާތަށް އައީ ލާނެތް ހިންޏެކެވެ. ރިފާއަށް އެ މަންޒަރު ފެނުނެވެ.
"ކިހިނެއްވީ؟" ހިނިތުންވެފައި ރިފާ އެހިއެވެ.
"ކަމެއް ނުވޭ!" ކާރު ދުއްވައިލަމުން މިހާދު ބުންޏެވެ. "އެއްވެސް ކަމެއް ނުވޭ!"
ޒާހިރު ހީކުރީ ނަޝްފާޔާ އެކުގައި ރިފާ ވަންނާނެ ކަމަށެވެ. އެކަމަކު އެހެނެއް ނުވިއެވެ.
"ކޮބާ މަންމަ؟" ނަޝްފާ އައުމުން ޒާހިރު ސުވާލުކުރިއެވެ.
"ހިނގައްޖެ!" ހިތްހަމަނުޖެހިފައި ނަޝްފާ ބުންޏެވެ.
"އަޅާނުލާ!" ފުރަތަމަ ފަހަރަށް އަޒީޒާ ރުހުން ދިން އަޑު އިވުނެވެ. "ރިފާއަށް ވެސް މިހާރު ހެޔޮނުބައި ވިސްނޭނެ."
އެ ޖަވާބާ މެދު ހައިރާންވީ ޒާހިރު އެކަންޏެވެ. ނަޝްފާ އިސްޖަހައިލައިގެން ހުރީއެވެ. މަންމަ ގެއަށް ގެނެވޭނެ ކަމަށް ނަޝްފާއަށް ލަފާ ކުރެވެނީ އެންމެ ގޮތަކަށެވެ. އެ ގޮތް އިހުތިޔާރުކުރަން ވެސް ނަޝްފާ ހުރީ ތައްޔާރަށެވެ.
ނިދަން އޮށޯވެގެން ތިބި އިރު މިހާދު އޮތީ ރިފާގެ އަތް މަތީގައި އަތް ބާއްވައިލައިގެންނެވެ. ގާތުގައި ރިފާ އޮތް ކަމުގެ ޔަގީންކަން ހޯދަން މިހާދު ބޭނުންވާ ކަހަލައެވެ. ދެ މީހުން ވެސް ތިބީ ލޯމަރައިގެންނެވެ. އަހަން ބޭނުންވެފައިވާ ސުވާލު ނާހަން ރިފާ މަސައްކަތްކުރިއެވެ. އެކަމަކު މާ ގިނަ އިރަކު ކެތެއް ނުވިއެވެ.
"އަސްލު ވެސް މާދަމާ ކޯޓަށް ފޯމު ލާންތަ ތި އުޅެނީ؟" ރިފާ ސުވާލުކުރިއެވެ.
މިހާދު އޮތީ އެ ދަނޑިވަޅަށް ބަލަބަލައެވެ. ދޭންވާ ޖަވާބު އޮތީ މިހާދުގެ ދުލުކުރީގައެވެ. އެހެނަސް އެ ޖަވާބު ދޭ އިރު ރިފާގެ ދެ ލޮލުން ފެންނަ ތަރުޖަމާ މިހާދަށް ވަރަށް މުހިންމެވެ.
"ރިފާ މި ކޮޅު ބަލާލަބަލަ!" މިހާދު އެދުމުން ރިފާ ބަލައިލިއެވެ. "ނުލާންވީތަ؟"
ރިފާ ޖަވާބެއް ނުދިނެވެ. ބަލަހައްޓައިގެން އޮތީއެވެ. އެކަމަކު މިހާދަށް ޖަވާބުލިބުނެވެ.
"ތި ވަރު ވާ އިރު ވެސް ބުނަން ޖެހިލުންވަނީ ކީއްވެގެންތަ؟" މިހާދު އެހިއެވެ. "އޮޔާ ދެކޮޅަށް ފެތުން ހުއްޓާލަބަލަ ރިފާ! އެހެންނޫނީ ވަރުބަލިވެގެން ގެނބޭނީ. ފޯމު ނުލަންވީ ދޯ؟ ރިފާއަށް އެނގޭނެ އަހަރެން ރިފާ ދެކެ ކިހާ ލޯބިވާކަން. ކިހާ އިތުބާރުކުރާކަން. މި ވަރަށް ކާކު ރިފާ ދެކެ ލޯބިވާނީ؟ ބުނޭ ފޯމު ނުލާށޭ!"
އެހެން ބުނާކަށް ރިފާއަކަށް ނުކެރުނެވެ. އަނެއް ފަރާތަށް އެނބުރުނު ގޮތަށް ދެން ބަލާކަށް ވެސް ނުކެރުނެވެ. ދެކަފި މަގެއްގެ ކަންމައްޗަށް ހުއްޓުނު ގޮތަށް ހިނގައިގަންނާނެ ކޮޅެއް ރިފާއަކަށް ނޭނގުނެވެ. ވަކި އެއް ގޮތެއްގައި ސާބިތުވެ ހުންނާކަށް ހިތަކަށް ނޭނގުނެވެ.
ޖެހިގެން އައި ދުވަހު ރިފާއަށް އިރުއެރީ ޒާހިރުގެ ފޯނުކޯލަކުންނެވެ. އޭރު މިހާދު ނުހޭލައެވެ.
"ތެދެއް މިހާދުތަ އަހަރެން ގައިގަ ސައިކަލުން ޖެއްސީ؟" އެހެން އެހި އިރު ވެސް ޒާހިރުގެ އަޑު ތުރުތުރުއަޅައެވެ.
ރިފާ ތެދުވިއެވެ. ފޯނު ހިފައިގެން ކޮޓަރިން ނުކުތެވެ.
"ތީ ތެދެއް ނަމަ ފުލުހުން މިހާރު މިހާދު ހައްޔަރުކޮށްފީސް،" ރިފާ ބުންޏެވެ. "ތި ވާހަކަ ނޫހުގަ ވެސް ޖެހީސް؟"
"ރިފާއަށް އެ ކަން އެނގި ހުރެ އަހަންނަށް ސިއްރުކުރީ. އެއީ ގައިމު ތެދެއްނު!" ޒާހިރު ބުންޏެވެ. "ނޫހަކު އެ ވާހަކައެއް ވެސް ނުޖަހާ. އަހަރެން ފުލުހުންނަށް އަންގާނަން. މިހާދު ހައްޔަރުކުރުވާނަން. ބަލަން ހުންނައްޗޭ!"
ރިފާ ވާހަކަދައްކަދައްކާ ހުއްޓައި ޒާހިރު ފޯނު ކަނޑައިލިއެވެ. ރިފާ ގުޅީމަ ފޯނެއް ނުވެސް ނެގިއެވެ. ޒާހިރު ގާތުގައި އެ ވާހަކަ ބުނާނީ ނަޝްފާކަން ރިފާއަށް ކަށަވަރުވާތީ ނަޝްފާއަށް ރިފާ ގުޅިއެވެ. ނަޝްފާ ވެސް ފޯނެއް ނުނަގައެވެ. ރިފާ ވިސްނައިލިއެވެ. އެއީ ތެދަކަށް ވެދާނެ ހެއްޔެވެ؟ އެ ކަހަލަ ކަމެއް މިހާދު ކުރާނެ ހެނެއް ރިފާއަކަށް ހިޔެއްނުވެއެވެ. ޔަގީނެއް ނުމެ ކުރެވޭ މެއެވެ. މިހާދު ގާތުގައި އަހާކަށް ނުކެރުނެވެ. ރިފާއަށް އެހާ އިތުބާރުކުރާ މީހަކަށް ރިފާ ޝައްކުކުރަން ވެދާނެ ހެއްޔެވެ؟ މިހާދަކީ ރިފާ އިނދެ ވަރިކުރި މީހާޔާ އެކުގައި ރިފާ އިންޑިޔާއަށް ފޮނުވި ފިރިމީހާއެވެ. ޒާހިރު ގާތުގައި ހޮސްޕިޓަލުގައި ހޭލާ އިންނަން ފޮނުވި ފިރިމީހާއެވެ. އެކަމަކު މިހާދު ގާތުގައި ނާހާ ރިފާ ޔަގީންކުރާނީ ކިހިނެއް ހެއްޔެވެ؟ އިރުކޮޅަކު ވިސްނަން ހުރެފައި ރިފާ ކޮޓަރިއަށް ވަން އިރު މިހާދު އިނީ އެނދުގައި އިށީނދެލައިގެން ފޯނަށް ބަލާށެވެ.
"ޒާހިރު ދޯ ގުޅީ!" ވަރަށް ހަމަޖެހިލައިފައި މިހާދު ބުންޏެވެ. "އަޑުން އެހެން ހީވި."
އެހެން ފިރިޔަކު ނަމަ އެ ސުވާލު އެހުމުގެ ކުރިން ރިފާ ގައިގަ އެތިފަހަރެއް ނުޖަހާނެބާއޭ ރިފާ ހިތަށްއެރިއެވެ.
"އޭނަ މި ޚަބަރު ކިޔައިފާނެ ދޯ؟" ފޯނު ދައްކާލަމުން މިހާދު އެހިއެވެ.
ރިފާ އައިސް މިހާދުގެ ފޯނު ބަލައިލިއެވެ. އޭގައި އޮތީ ޒާހިރު ގައިގަ ސައިކަލުން ޖެއްސި މީހާ ދަންވަރުގެ ވަގުތެއްގައި ހައްޔަރުކުރި ވާހަކައެވެ. ބޭއިހުތިޔާރުގައި މިހާދުގެ ގައިގަ ރިފާއަށް ބައްދައިލެވުނެވެ. އެ ސުވާލު ނޭހުނީތީ ހިތާހިތުން ޝުކުރުކުރެވުނެވެ.
"ގުގުރުމެއް ވިދުމެއް ނެތި ކޮންހާ ލޯތްބެއް މި އޮއްސައިލީ؟" ސަމާސާ ރާގެއްގައި މިހާދު ބުންޏެވެ. "އިރުއޮއްސެންދެން ތި ގޮތަށް ވެހިލަވެހިލާ އޮންނާނެ ނަމަ."
ރިފާ ހެމުންހެމުން ކޮޓަރިން ނުކުތެވެ. އަދި ފޯނުން އެ ޚަބަރު ހޯދައިފައި ނަޝްފާއަށް ފޮނުވިއެވެ. ނަޝްފާގެ ހިތުގައިވާ ކުށްހީ ފިލުވައިލުމުގެ ބޭނުމުގައެވެ. އެހެނަސް ނަޝްފާ ނެގީ އެހެން މާނައެކެވެ. ނަޝްފާ ހިތުން މަންމަ ބުނީ މިހާދުގެ ކުށެއް ނެތް ވާހަކައެވެ. މިހާދު ކައިރިން ވަރިވެގެން އަންނަން ބޭނުން ނުވާ ވާހަކައެވެ. ނަޝްފާ ހިތަށްއެރިއެވެ. މަންމައަކަށް އެހެނެއް ނެހެދޭނެއެވެ. ބައްޕަ އެއްލައެއް ނުލެވޭނެއެވެ. އަމުދުން ބައްޕަ އެ ހާލުގައި އޮއްވައެވެ. މަންމަގެ ހިތާ ދެކޮޅަށް ވިޔަސް މަންމަ ގެންނާނެ ގޮތް ނަޝްފާއަށް އެނގެއެވެ. ނަޝްފާ ބަލައިލީ އެލުވައިފައި ހުރި ފަންކާއަށެވެ. އެއަށް ފަހު އެނދުގައި އަޅާފައި އޮތް ފޮތިގަނޑު ނެގިއެވެ.
ނުނިމޭ