ވިކީ އަދި ވަރުން.
20 ޖެނުއަރީ 2021 - 07:43
ދެހާސް ނަވާރަ ވަނަ އަހަރު ޝޫޓިން ފަށަން ތައްޔާރުވަމުން ދަނިކޮށް ކުއްލި ގޮތަށް މަސައްކަތް ހުއްޓާލި، ޑައިރެކްޓަރު ޝިޝާންކް ކައިތާންގެ ކޮމެޑީ ފިލްމު "މިސްޓަ ލޭލޭ" ވަރުން ދަވަންގެ ބަދަލުގައި ވިކީ ކޯޝަލާ އެކު ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކަރަން ޖޯހަރްގެ ދަރުމާ އިން ޕްރޮޑިއުސްކުރާ މި ފިލްމު 2019 ގައި އިއުލާންކޮށް ފިލްމު ޕޯސްޓަރު ވެސް ވަރުންއާ އެކު ދައްކައިލީ މިި މަހުގެ 1 ގައި ސިނަމާތަކަށް ގެންނަ ގޮތަށެވެ. ނަމަވެސް ފަހުން ވަނީ ފިލްމުގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމިކަން އިއުލާންކޮށްފަ އެވެ. އޭގެ ސީދާ ސަބަބެއް ދަރުމާ އިން ހާމައެއްނުކުރެ އެވެ.
"މިސްޓަ ލޭލޭ" އިއުލާންކުރި ދުވަސްވަރު މީޑިއާތަކުން ބުނެފައިވާ ގޮތުގައި ފިލްމުގެ ބަތަލާއިންނަކީ ކިއާރާ އަދުވާނީ އާއި ބޫމީ ޕިޑްނޭކަރެވެ. ނަމަވެސް ކިއާރާ އެހެން ޕްރޮޖެކްޓްތަކެއްގައި ބިޒީވުމުން ޖާންވީ ކަޕޫރަށް ފިލްމު ދީފައިވާ ކަމަށް ވެސް އަޑުއަރާފައިވެ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން މިހާރު ބުނާގޮތުން ވަރުން ބާކީކޮށް މިހާރު ނިންމާފައި ވަނީ ވިކީއާ އެކު "މިސްޓަ ލޭލޭ" ކުރިއަށް ގެންދާށެވެ. އަދި އޭނާ އަށް ސްކްރިޕްޓް ކަމުދިޔަލެއް ބޮޑުކަމުން ވަގުތު ފިލްމަށް އެއްބަސްވި ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
Dharma Productions announces its next commercial entertainer directed by Dulhania series fame @ShashankKhaitan... Starring @Varun_dvn in and as #MrLele, the film to release on 1st January 2021... Leading ladies to be announced soon! @DharmaMovies @karanjohar pic.twitter.com/XSL01aP8VG
— Rahul Raut (@Rahulrautwrites) January 13, 2020
ވިކީ އަކީ 2018 ގައި ދަރުމާ އިން ގެނެސްދިން "ރާޒީ" އާއި 2019 ގެ "ބޫތު: ޕާޓް ވަން-ދަ ހޯންޓެޑް ޝިޕް" ގެ ބަތަލެވެ. އަދި ކަރަން ޑައިރެކްޓްކުރަން ހަމަޖެހިފައިވާ "ތަޚުތު" ގެ ކާސްޓްގައި ވެސް ވިކީ ހިމެނެ އެވެ.
ވަރުންއާ އެކު "މިސްޓަ ލޭލޭ" ގެ މަސައްކަތް ހުއްޓާލި ނަމަވެސް ދާދި ފަހުން ކާމިޔާބު އެކްޓަރު ވަނީ ދަރުމާގެ އެހެން ފިލްމެއްގެ ޝޫޓިން ނިންމައިފަ އެވެ. އެއީ 2019 ގައި "ގުޑް ނިއުސް" ގެނެސްދިން ރާޖް މެހެތާގެ "ޖުގް ޖުގް ޖިއޯ" އެވެ. ފިލްމުގެ ކާސްޓްގައި ކިއާރާ އާއި އަނިލް ކަޕޫރާއި ނީޓޫ ކަޕޫރް ހިމެނެ އެވެ.
"މިސްޓަ ލޭލޭ" ގެ މަސައްކަތް ހުއްޓާލަން ޖެހުމުން ޝިޝަންކް ދަރުމާ އަށް "ޔޯދާ" ކިޔާ ފިލްމެއް ހަދަން ވެސް ތައްޔާރުވި ކަމަށް މީޑިއާތަކުން ބުންޏެވެ. އެކަމަކު އެ ފިލްމަށް އެއްބަސްވުމަށް ފަހު ޝާހިދު ކަޕޫރް ފިލްމު ދޫކޮށްލުމުން އޭގެ މަސައްކަތް ވެސް އޮތީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.
#MrLele back on track and this time not with #VarunDhawan, but stars #VickyKaushal.https://t.co/vudihUPO6u
— Filmfare (@filmfare) January 19, 2021
ޝިޝާންގެ އެންމެ ފަހުން ގެނެސްދިން ފިލްމަކީ ޝާހިދުގެ ކޮއްކޮ އިޝާން ޚައްތަރާއި ޖާންވީ ކަޕޫރް ކުޅުނު 2018 ގެ "ދަޅަކް" އެވެ. އޭނާ އަކީ ވަރުން އާއި އާލިއާ ބަޓާ އެކު "ހަމްޝީ ޝަރުމާ ކީ ދުލްހަނިޔާ" އާއި "ބަދުރީނާތު ކީ ދުލްހަނިޔާ" ވެެސް ގެނެސްދިން ޑައިރެކްޓަރެވެ.
ވިކިއާ އެކު "މިސްޓަ ލޭލޭ" ގެނެސްދޭން ނިންމި ކަމަށް މީޑިއާތަކުން ބުނި ނަމަވެސް މި ފިލްމާ ބެހޭ ފަހުގެ އެއްވެސް އަޕްޑޭޓެއް ދަރުމާ އިން ނުދެ އެވެ. ވަރުންއާ އެކު ޝިޝާންކް ހަދަން އުޅުނު އެހެން ފިލްމެއް ވެސް އޮތީ ހުއްޓިފަ އެވެ. އެއީ 2017 ގައި އިއުލާންކުރި "ރަންބޫމީ" އެވެ.
ވިކީ، 32، ގެ އަތުގައި މި ވަގުތު ހުރި ފިލްމުތަކުގެ ތެރޭގައި ޔާޝްރާޖް (ވައިއާރްއެފް) ގެ ކޮމެޑީއަކާއި ޑައިރެކްޓަރު އަދިތިޔާ ދާރްގެ ސައިންސް ފިކްޝަން ފިލްމު "ދި އިމޯޓަލް އަޝްވަތައްމާ" އާއި މެގްނާ ގުލްޒާރުގެ ބައޮގްރަފިކަލް ޑްރާމާ "ސޭމް" ހިމެނެ އެވެ.
ވިކީގެ ފިލްމަކަށް އެންމެ އަވަހަށް ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެނީ ޑައިރެކްޓަރު ޝުޖިތު ސިރްކާގެ ތާރީހީ ބައޮގްރަފިކަލް ޑްރާމާ "ސަރުދާރު އުދަމް ސިންގް" އެވެ. އެއީ ޝޫޓިން ނިމި، ޕޯސްޓް-ޕްރޮޑަކްޝަންގައި އޮތް ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy