"ދޯސްތާނާ 2" އިން ކާތިކް އާރިޔަން ވަކިކޮށްފައިވާތީ އެކަމަށް ފާޑުކިޔައި، މިހާރު މަސައްކަތްކުރަނީ މިދިޔަ އަހަރު ސުޝާންތު ސިންގް ރާޖްޕޫތަށް ޖެއްސި ހާލު ކާތިކަށް ވެސް ޖައްސަން ކަމަށް ބުނެ ކަރަން ޖޯހަރަށް އިޝާރާތްކޮށް ބަތަލާ ކަންގަނާ ރަނާވަތުގެ ބަހުގެ ހަމަލާތަކެއް ދީފި އެވެ.

ޝޫޓިން ފަށާފައި އޮތް "ދޯސްތާނާ 2" އިން ކާތިކް ވަކިކޮށް ފިލްމުގެ ކާސްޓް އަލުން ހަމަޖައްސަމުން އަންނަ ވާހަކަ ކަރަންގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަނުން އިއުލާންކުރި ބަޔާނާ އެކު ކަންގަނާ ބުނީ ކާތިކަކީ އޭނާގެ އަމިއްލަ ބުރަ މަސައްކަތުން ކުރިއަރައިގެން ދިޔަ އެކްޓަރެއް ކަމަށާއި އެ ގޮތުގައި އޭނާ ސާބިތުވެ ހުންނަން ޖެހޭނެ ކަމަށެވެ. އެކަމަކު "ނެޕޮޓިޒަމް ގޭންގް" އިން މިހާރު އުޅެނީ ފިއްތުންތައް ކުރިމަތިކޮށްގެން ސުޝާންތު މިދިޔަ އަހަރު ދަންޖެހިގެން މަރުވި ގޮތަށް ކާތިކަށް ވެސް އެ ހާލު ޖައްސަން ކަމަށް ބުންޏެވެ.

"[ކަލޭމެން] އޭނާ ދޫކޮށްލާ. ކުރިން ވެސް އޭނާ އަމިއްލަ އަށް މަސައްކަތްކުރި ގޮތަށް ކުރިއަށް ދާނެ،" ކަންގަނާ ބުންޏެވެ. "ކާތިކް [މަސައްކަތެއް ނުލިބިދާނެތީ] ބިރުން އުޅޭކަށް ނުޖެހޭނެ."

އޭނާގެ ޓްވީޓްގައި އާންމުކޮށް ކަރަން އަށް ކިޔައި އުޅޭ "ކޭޖޯ" އިން "ކޭ" ކަނޑާލައި ކަރަން އިޝާރާތްކޮށް ބުނީ ކަރަން މިހާރު ހުރީ ހަފަރާތުން ބާކީވެފައި ކަމަށާއި އެހެންވެ "ޑްރާމާ ކްއީންް" އުޅެނީ ކޮށްފައި ނުކުރާނެ ކަމެއް ނޭނގިގެން ކަމަށެވެ.

"އެކަމަކު [ކަލޭ] އިސްލާހުވޭ،" އަބަދު ވެސް ކަރަން އަކީ ނެޕޮޓިޒަމްގެ ރަސްގެފާނު ކަމަށް ސިފަކުރާ ކަންގަނާ ބުންޏެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ގައި ސުޝާންތު އޭނާގެ އެޕާޓްމަންޓްގައި މަރުވެފައި އޮއްވައި ފެނުނު ހިސާބުން ކަރަން އާއި ބޮލީވުޑްގެ ނުފޫޒު ގަދަ އެތައް ބައެއްގެ ބޮލުގައި ސުޝާންތުގެ މަރުގެ ޒިންމާ އަޅުވައި ކަންގަނާ އެތައް ވާހަކައެއް ދައްކާފައިވެ އެވެ. ފަހުން އެކަމާ ގުޅުވައިގެން އޭނާ ދައްކަމުން ދިޔަ ވާހަކަތައް "މައިތިރިވީ" ސުޝާންތު މަރުވީ އަމިއްލަ އަށް ދަންޖެހިގެންކަން ކަމާ ބެހޭ ފަރާތްތަކުގެ ތަހުގީގަށް ފާހަގަކުރެވޭ ކަމަށް ބުނުމުންނެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ޝޫޓިން ފަށާފައި އޮތް "ދޯސްތާނާ 2" އިން ކާތިކް ވަކިކުރީ އެ ފިލްމުގެ ޝޫޓިން އަށް އޭނާ ވަގުތު ދޭން މަސައްކަތް ނުކުރުމާއި ފިލްމުގެ ޓީމާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ހެދި ކަމަށް އަޑު އަރާފައިވެ އެވެ. އެކަމަކު އޭގެ އެއްވެސް ތަފުސީލެއް ކަރަންގެ ދަރުމާ އާއި ކާތިކް ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ދޯސްތާނާ 2" އިން ކާތިކް ވަކިކުރުމަށް ފަހު، ދަރުމާ އިން މިހާރު ނިންމާފައި ވަނީ ދެން ދުވަހަކު ވެސް އޭނާއާ އެކީ މަސައްކަތް ނުކުރުމަށެވެ. އެ ފިލްމަކީ އޭނާ އެ ސްޓޫޑިއޯ އަށް ސޮއިކުރި ފުރަތަމަ ފިލްމެވެ.

ކޮލިން ޑި ކަންހާ ޑައިރެކްޓްކުރާ ފިލްމުގެ ކާސްޓްގައި ޖާންވީ ކަޕޫރާއި އަލަށް ތައާރަފުކުރާ ލަކްޝް ވެސް ހިމެނެ އެވެ. މީޑިއާތަކުން ބުނެފައިވާ ގޮތުގައި "ދޯސްތާނާ 2" އިން ކާތިކް ކުރުމުކީ ދަރުމާ އަށް 20 ކްރޯޑް ރުޕީސްގެ ގެއްލުމެކެވެ.

މިހާރު ބޮލީވުޑްގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެކްޓަރުންގެ ތެރޭގައި ހިމެނޭ ކާތިކް އަކީ 2011 ގެ "ޕިޔާރު ކާ ޕަންޗްނާމާ" އިން ތައާރަފުވި އެކްޓަރެކެވެ. އޭނާ އާންމުންގެ ތެރޭގައި ވިދައިލީ 2018 ގެ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އިންނެވެ.