އިޝިތާ.
02 އޯގަސްޓް 2021 - 07:13
ކަލާޒް ޗެނެލުން ގެނެސްދިން ކާމިޔާބު ސިލްސިލާ "ބޭޕަނާ ޕިޔާރު" ގެ ބަތަލާ އިޝިތާ ދައްތާ އަނެއްކާ ވެސް އެ ޗެނެލްގެ އާ ސިލްސިލާއަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.
މިހާރު ޕްރޮމޯ ވެސް ދައްކަމުން އަންނަ ސިލްސިލާގެ ނަމަކީ "ތޯޅާ ސާ ބާދަލް، ތޯޅާ ސާ ޕާނީ" އެވެ. ވަރަށް އަވަހަށް ދައްކަން ފަށާނެ ކަމަށް ބުނާ މި ސިލްސިލާގައި ދައްކަނީ އުފާވެރި އާއިލައަކަށް ދިމާވާ ހާދިސާތަކެކެވެ.
ބޮލީވުޑްގެ ފިލްމުތަކާއި ޓީވީ ސިލްސިލާތައް ވެސް ކުޅޭ އެކްޓަރު ވަތުސަލް ސޭތުއާ ކައިވެނިކޮށްގެން އުޅޭ އިޝިތާ އަކީ 2018 ގައި ބޮލީވުޑްގައި ޖިންސީ ގޯނާގެ މައްސަލަގަނޑު ހިލުވި ކުރީގެ ބަތަލާ ތަނޫޝްރީ ދައްތާގެ ކޮއްކޮ އެވެ.
އިޝިތާ، 30، އަކީ ވެސް ބޮލީވުޑް ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ. އޭގެ ތެރޭގައި އަޖޭ ދޭވްގަންގެ 2015 ގެ "ދުރިޝަމް" އާއި ކަޕިލް ޝަރުމާގެ 2017 ގެ "ފިރަންގީ" އަދި ސަނީ ޑިއޯލްގެ 2019 ގެ "ބްލޭންކް" ހިމެނެ އެވެ.
އިޝިތާ ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި ސްޓާ ޕްލަސްގެ "އޭކް ގަރު ބަނޫގާ"، ކަލާޒްގެ "ކޯން ހޭ: އޭކް ނަޔާ އަދިއޭ" އަދި ސްޓާ ބާރަތު (ލައިފް އޯކޭ) ގެ "ރިޝްތޯ ކާ ސޯދާގާރު: ބާޒީގަރް" ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy