ސިދާތު.
16 އޮކްޓޯބަރ 2021 - 06:13
މިދިޔަ މަހު ހާޓްއެޓޭކެއް ޖެހިގެން މަރުވި އިންޑިއާގެ އެކްޓަރު ސިދާތު ޝުކްލާގެ މަސައްކަތް ނުނިމި އޮތް ވީޑިއޯ ލަވައެއް މި މަހުގެ 21 ގައި ނެރެން ނިންމައިފި އެވެ.
ސާރޭގާމާގެ ތައްގަނޑުގައި ނެރޭ ލަވައިގެ ނަމަކީ "އަަދޫރާ" އެވެ. ޕޯސްޓަރު ވެސް އާންމު ކޮށްފައިވާ މި ލަވައިގެ ސިދާތާ އެކު ފެނިގެން ދާނީ އޭނާ މަރުވި އިރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޝެހެނާޒް ގިލް (ސަނާ) އެވެ. އެ ދެ މީހުންނަކީ އެކީގައި ވާދަކުރި "ބިގް ބޮސް 13" އިން ދިމާވެ ގުޅުން އުފެދުނު ދެ މީހުންނެވެ. "ބިގް ބޮސް 13" އަކީ ސިދާތު ކާމިޔާބު ވެސް ކުރި ޝޯއެކެވެ.
ސާރޭގާމާ އިން ބުނި ގޮތުގައި ސިދާތާއި ޝެހެނާޒް އެކީގައި ފެންނާނެ "އަދޫރާ" ފޭނުންގެ ވަރަށް ބޮޑު ޑިމާންޑަކާ އެކު ނެރޭ އިރު، ލަވައިގެ ޝޫޓިން ވެސް އޮތީ އެއްކޮށް ނުނިމި އެވެ. އެހެންވެ ލަވަ ނެރޭނީ ސިދާތުގެ އެންމެ ފަހުގެ ބައެއް ފުޓޭޖްތައް ވެސް ހިމަނައިގެންނެވެ.
ޝްރެޔާ ގޯޝަލް އާއި އާކޯ ކިޔާފައިވާ "އަދޫރާ" ލަވައިގެ ޕޯސްޓަރުގެ ޓެގް ލައިނަކީ "އޭކް އަދޫރާ ގާނާ، އޭކް އަދޫރީ ކަހާނީ" އެވެ. މި ލަވައިގެ ކުރިން ވެސް "ބިގް ބޮސް 13" އަށް ފަހު ސިދާތާއި ސަނާ އެކީގައި ލަވަތަކެއް ކުޅުނެވެ. އޭގެ ތެރެއިން ދެބެއިން ކަމަށްވާ ނޭހާ ކައްކަރާއި ޓޯނީ ކައްކަރް ކިޔާފައިވާ ލަވަ "ޝޯނާ ޝޯނާ" އަކީ ވަރަށް މަޝްހޫރުވި ލަވައެކެވެ.
ސިދާތުގެ ކުއްލި މަރާ އެކު ސަނާ އަށް ވަރަށް ބޮޑު ހިމޭންކަމެއް އައިސްފައިވާ އިރު އޭނާގެ ބަތަލާއެއްގެ ރޯލު ކުޅެފައިވާ ޕަންޖާބީ ފިލްމު "ހޯންސްލާ ރަކް" ހުކުރު ދުވަހު ރިލީޒް ކޮށްފައިވެ އެވެ. އެ ފިލްމުގެ ކާސްޓްގައި ދިލްޖީތު ދޮސަންޖާއި ސޯނަމް ބަޖްވާ ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy