މެންޗެސްޓާ (ޖެނައުރީ 12) - މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗް ރާލްފް ރަންގްނިކަށް ޓީމު ހަމަޔަކަށް އެޅުވުމުގައި އަދި މިހާތަނަށް އުންމީދު ކުރިވަރުގެ މަސައްކަތެއް ނުކުރެވޭ ކަމަށް ފުޓުބޯޅައިގެ ތަޖްރިބާކާރުން ބުނަން ފަށައިފި އެވެ.

މާކޯސް ރަޝްފޯޑްގެ އަސްލު ކުޅުން ނެރެދިނުމުގައި ރަންގްނިކް ވަނީ ނުކުޅެދިފަ އެވެ. ރަޝްފޯޑް އަށް އެންމެ ރަނގަޅު ކުޅުން ނުދެއްކޭ މައްސަލައިގެ ސަބަބު ބުނެދޭކަށް ރަންގްނިކް އަކަށް ނޭނގެ އެވެ. އޭނާ ބުނީ ޕްރެކްޓިހުގައި ރަޝްފޯޑް ވަރަށް ރަނގަޅަށް މަސައްކަތް ކުރާ ކަމަށެވެ.

"އެހެންވެ އޭނާ އަށް ފުރުސަތު ދިނީ. އޭނާ އަށް ރަނގަޅަށް ނުކުޅެވެންވީ ކީއްވެކަން ބުނާކަށް އަހަންނަކަށް ނޭނގެ،" ރަންގްނިކް ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް، ޕޯލް ސްކޯލްސް ބުނީ، ޔުނައިޓެޑްގެ މައްސަލަތައް ހައްލު ކުރުމުގައި ރަންގްނިކަށް އެކަށޭނެ މަސައްކަތެއް ކުރެވިފައި ނެތް ކަމަށެވެ. އޭނާ ބުނީ ޔުނައިޓެޑަށް އެންމެ ރަނގަޅު ކޯޗަކަށް ވާނީ، ޓޮޓެންހަމްގެ މިހާރުގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ކަމަށެވެ.

"ސްޕާސްގައި މާވަރުގަދަ ސްކޮޑެއް ނެތި އޭނާ ރަނގަޅު މަސައްކަތްތަކެއް އެބަކުރޭ. ޔުނައިޓެޑްގައި މިހާރު އޮތް ސްކޮޑް އޭނާ އަށް ދީފިއްޔާ އަހަންނަށް ހީވަނީ ގަދަ ހަތަރަކަށް ގެންދާނެހެން،" ސްކޯލްސް ބުންޏެވެ.

ޔުނައިޓެޑުން ވަނީ، ކޮންޓޭ ސޮއިކުރުވަން ލިބުނު ފުރުސަތު ދޫކޮށްލައިފަ އެވެ. އޭރު އެ ޓީމުން ނިންމީ، ކުރީގެ ކޯޗް އޮލޭ ގުނާ ސޮލްޝެއާއާ އެކު ކުރިއަށް ދިއުމަށެވެ.

ސްކޯލްސް ބުނީ، ޔާގަން ކްލޮޕް އާއި ތޯމަސް ޓުޗެލް، ރަންގްނިކަށް ތައުރީފްކޮށްފައި ވާހަކަ ދެއްކި ނަމަވެސް ކޯޗެއްގެ ގޮތުގައި ފާހަގަ ކުރެވޭ މަސައްކަތެއް އޭނާ ކޮށްފައި ނުވާ ކަމަށެވެ.

ޔުނައިޓެޑް އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ ހަތް ވަނައިގަ އެވެ. ރަންގްނިކުގެ ކޯޗުކަމުގައި ކުޅުނު ހަތް މެޗުގެ ތެރެއިން އެންމެ މެޗަކުން ބަލިވި ނަމަވެސް، ޔުނައިޓެޑަށް އޭނާގެ އިރުޝާދުގެ ދަށުން ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ.