ކޯޕަންހޭގަން (ޖޫން 12) - ޔޫރޯ 2020ގެ ގުރޫޕް ބީގައި މިރޭ ޑެންމާކް އަތުން 1-0 އިން މޮޅުވެ، މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ފިންލޭންޑުން ތާރީޚީ މޮޅެއް ހޯދައިފި އެވެ.

ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ފިންލޭންޑް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވީ މެޗުގެ ދެވަނަ ހާފުގައި ޖޯލް ޕޮޖަންޕާލޯ ޖެހި ލަނޑުންނެވެ.

މި މެޗުގެ ނަތީޖާ އަށްވުރެ ބޮޑަށް، ބޮޑު ސަމާލުކަމެއް ލިބުނީ މި މެޗުގައި ޑެންމާކްގެ ޑިފެންޑަރު ކްރިސްޓިއަން އެރިކްސަން އަށް ދިމާވި ހިތާމަވެރި ހާދިސާ އެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ހޭނެތިގެން ދަނޑު މައްޗަށް ވެއްޓި، އޭނާގެ ހާލު ސީރިއަސްވި އެވެ. ދަނޑުމަތީގައި އެރިކްސަން އަށް 15 މިނިޓަށް ފަރުވާ ދިނުމަށް ފަހު، އޭނާ ވަނީ އިތުރު ފަރުވާ އަށް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. މި ހާދިސާއާ ގުޅިގެން، މެޗުގެ ކުޅުން މެދުކަނޑާލި އެވެ. މެޗުގެ ދެވަނަ ހާފު އަލުން ފެށީ، ދެ ޓީމާ މަޝްވަރާކުރުމަށް ފަހު އެވެ.

ޑެންމާކްގެ ކުޅުންތެރިން ދަނޑުން ފައިބަނީ. -- ފޮޓޯ އޭއެފްޕީ
ޑެންމާކްގެ ކުޅުންތެރިން ދަނޑުން ފައިބަނީ. -- ފޮޓޯ އޭއެފްޕީ

ޑެންމާކް ފުޓްބޯލް ޔޫނިއަން (ޑީބީޔޫ) އިން ބުނީ އެރިކްސަން މިހާރު ހޭ އަރާފައިވާ ކަމަށާއި ޑެންމާކްގެ ޓީމުގެ ކުޅުންތެރިން ވެސް އޭނައާ ވާހަކަދައްކަފައިވާ ކަމަށެވެ.

"ކުޅުންތެރިން އެރިކްސަންއާ ވާހަކަދެއްކި. އެ ކުޅުންތެރިން މިހާރު މެޗު އެ ކުޅެނީ އެރިކްސަން އަށްޓަކައި،" ޑީބީޔޫގެ ޑިރެކްޓަރ ޕީޓާ މޮއެލާ ބުންޏެވެ.

އަމިއްލަ ސަޕޯޓަރުން ކުރިމަތީ ޑެންމާކަށް މާޔޫސްކަން

އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި މި މެޗުން ބަލިވުމަކީ ޑެންމާކަށް ލިބުނު ބޮޑު ދެރައެކެވެ. މުޅި މެޗުގައި ވެސް ގިނައިރު ބޯޅަ ގެންގުޅެ، ގިނަ ހަމަލާތަކެއް އުފެއްދީ ޑެންމާކުންނެވެ. އެކަމަކު ފިންލެންޑްގެ ގޯލު ހުޅުވާލެވޭ ގޮތެއް ނުވި އެވެ.

ފިންލޭންޑް އިން އުފެއްދި ކައުންޓާ އެޓޭކެއްގައި ޔެރޭ ޔޮރޮނެން ޑެންމާކްގެ ޕެނަލްޓީ އޭރިޔުާ ތެރަށް ހުރަސްކޮށްލި ބޯޅަ، ޕޮޖަންޕާލޯ ގޯލާ އަމާޒުކޮށްލީ ބޮލުންނެވެ.

ފިންލެންޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ. -- ފޮޓޯ / އޭއެފްޕީ
ފިންލެންޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ. -- ފޮޓޯ / އޭއެފްޕީ

ފިންލެންޑް އިން ލީޑު ނެގި ފަހުން، ޑެންމާކަށް ޕެނަލްޓީއެއް ލިބި، މެޗުގެ ނަތީޖާ ނެރުމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ޑެންމާކަށް ޕެނަލްޓީ އެއް ލިބުނީ ޑެންމާކްގެ ޔޫސުފް ޕޯލްސަން އަށް ފިންލެންޑްގެ ޕައުލުސް އަރަޖޫރީ ކުރި ފައުލަކާ ގުޅިގެނެވެ.

އެހެން ނަމަވެސް، ޑެންމާކްގެ ޕިއޭރް އެމީލް ހޮއިބިއާ ފޮނުވާލި ޕެނަލްޓީ، ފިންލެންޑްގެ ގޯލްކީޕަރު ލޫކަސް ހްރާޑެކީ ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފަ އެވެ.

މެޗުގެ ބާކީ އޮތް ބައިގައި ޑެންމާކް އިން އިތުރަށް ކުރިއަށް ޖެހި، މެޗުގެ ނަތީޖާ އެއްވަރުކުރަން މަސައްކަތްކުރި އެވެ. އެކަމަކު ޑެންމާކަށް އެކަން ކާމިޔާބެއްނުވި އެވެ. -- އޭއެފްޕީ