ޖަރުމަނުގެ ފްރައިބާގްގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި އެސްޓަން ވިލާއިން ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ތުރުކީގެ އިސްތަންބޫލްގައި ކުޅުނު މެޗުގައި ޔޫރީ ޓީލެމަންސް އާއި އެމީ ބުއެންޑިއާ ޖެހި ހިތްގައިމު ލަނޑުތަކުގެ އިތުރުން މޯގަން ރޮޖާސް ޖެހި ތިންވަނަ ލަނޑާ އެކު ވިލާއިން ތަށި ޔަގީން ކުރި އެވެ.
ވިއެ ކްލަބުން އާ ކުރީ މީގެ 44 އަހަރު ކުރިން ޖަރުމަނުގެ ބެޔާން މިޔުނިކް ބަލިކޮށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ހަނދާންތެކެވެ. އޭރުގެ ނަމުންނަމަ، "ޔޫރަޕިއަން ކަޕް" ގެ ޗެމްޕިއަންކަން 1982 ގައި ވިލާއިން ހޯދި ފަހުން، ރޭގެ މެޗާ ހަމައަށް ޔޫރަޕްގެ ތައްޓެއްގައި އެ ޓީމަށް އަތްލެވިފައެއް ނުވެ އެވެ.
މިއީ 1996 ވަނަ އަހަރު ލީޑްސް ޔުނައިޓެޑް ބަލިކޮށް ލީގު ކަޕް ހޯދި ފަހުން، ވިލާއިން ހޯދި ފުރަތަމަ ބޮޑު މުބާރާތެވެ. އެ ކްލަބް 2016 ގައި ޕްރިމިއާ ލީގުން ރެލިގޭޓްވެ، ދެވަނަ ޑިވިޝަނަށް ފުރޮޅިގެން ދިޔަ ގޮތަށް، އަލުން އެއްވަނަ ޑިވިޝަނަށް ދާން ތިން އަހަރު ނެގި އެވެ.
އަލުން ޕްރިމިއާ ލީގުގެ ޖާގަ 2019 ގައި ހޯދައި، ވިލާއިން އެނބުރި އައީ ކްލަބް ހިންގުމުގައި ވެސް ޒަމާނީ ބަދަލުތަކެއް ގެނެސްގެންނެވެ. އިނގިރޭސި މަޝްހޫރު "ބޮޑު ފަސް ކްލަބް"ގައި އޮތް ވަރުގެ މާލީ ނުފޫޒެއް ވިލާގައި ނެތެވެ.
އެކަމަކު ބޮޑު މުބާރާތްތަކުގެ ތައްޓާ ހަމައަށް އެ ކްލަބުން ދަތުރު ކުރީ، ހަރުދަނާ ސްޕޯޓިން ޕްރޮޖެކްޓެއްގެ އެހީގަ އެވެ. އެ ޕްރޮޖެކްޓް ރަނގަޅު ބިންގަލެއްގެ މައްޗަށް ބިނާކުރީ ކޯޗު އުނައި އެމެރީ އެވެ.
އޮކްޓޯބަރު 2022 ގައި ވިލާގައި އޭރު ކޯޗަކަށް ހުރި އިނގިރޭސި ފުޓްބޯޅަ ލެޖެންޑް ސްޓިވަން ޖެރާޑް މަގާމުން ވަކިކޮށް އެމެރީ ގެންދިޔައީ އޭނާ އޭރު މަސައްކަތް ކުރި ކްލަބް، ވިޔަރެއާލަށް ޓްރާންސްފާ ފީ އެއްވެސް ދެއްކުމަށް ފަހު އެވެ. އޭރު ލީގުގެ 17 ވަނައިގައި އޮތް ޓީމު އެމެރީ ބަދަލުކޮށްލި އެވެ.
ޔޫރޮޕާ ލީގަށް އެންމެ ފަރިތަ ކޯޗު، ރޭ ހޯދި ކާމިޔާބާ އެކު އޭނާ ވަނީ އެ މުބާރާތް ތަފާތު ތިން ކްލަބެއްގައި ފަސް ފަހަރު ހޯދައިފަ އެވެ.
އެއީ ސެވިއްޔާއާ އެކު ތިން ފަހަރު، ވިޔަރެއާލާ އެކު އެއް ފަހަރު އަދި މިފަހަރު ވިލާގަ އެވެ.
އެމެރީގެ ކުރީގެ ޓީމު ވިޔަރެއާލާ ދެކޮޅަށް 2021 ގެ ޔޫރަޕިއަން ސުޕަ ކަޕް މެޗަށް ނުކުތުމުގެ ކުރިން ޗެލްސީގެ އޭރުގެ ކޯޗު އަދި އިނގިރޭސި ގައުމީ ޓީމުގެ މިހާރުގެ ކޯޗު ތޯމަސް ޓޫހުލް ބުނެފައި ވަނީ ޔޫރޮޕާ ލީގުގެ ރަސްގެފާނަކީ އެމެރީ ކަމަށެވެ. އަދި ޔޫއެފާއިން އެ މުބާރާތުގެ ތަށި އޭނާގެ ނަމަށް ނިސްބަތްކޮށް، "އެމެރީ ޓްރޮފީ" ކިޔަންޖެހޭ ހިސާބަށް ދާނެ ކަމަށް ޓޫހުލް ބުނެފައިވެ އެވެ.