ބާސެލޯނާ (އޭޕްރީލް 25) - ރަޔޯ ވަޔެކާނޯ އަތުން ބަލިވެ، އެފްސީ ބާސެލޯނާގެ ތާރީހުގައި ހުތުރު ރެކޯޑަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އަމިއްލަ ދަނޑު، ކޭމްޕް ނޯ ސްޓޭޑިއަމްގައި 1-0 އިން ބާސާ ރޭ ބަލިވުމުން އެ ޓީމުގެ ތާރީހުގައި އަމިއްލަ ދަނޑުގައި ވިދިވިދިގެން ތިން މެޗުން ފުރަތަމަ ފަހަރަށް ބަލިވީ އެވެ. މީގެ ކުރިން ކުޅުނު ދެ މެޗުގައި ފްރޭންކްފާޓް އަދި ކަޑީޒް އަތުން ވަނީ ބަލިވެފަ އެވެ.
ބާސާ ބަލިވުމުން އެންމެ ބޮޑު ފައިދާއެއް ކުރީ ވާދަވެރި ރެއާލް މެޑްރިޑަށެވެ. އެއްވަނައިގައި އޮތް ރެއާލަށް ލީގު ހޯދަން ދެން ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ. އަންނަ އާދިއްތަ ދުވަހު އެސްޕަންޔޯލްއާ ދެކޮޅަށް ކުޅޭ މެޗުން ޕޮއިންޓެއް ހޯދިޔަސް ރެއާލް އަށް ލީގު ލިބޭނެ އެވެ.
ރޭގެ މެޗު ފެށިގެން ހަތް ވަނަ މިނިޓުގައި ވަޔެކާނޯގެ އަލްވާރޯ ގާސިއާ ވަނީ ލަނޑު ޖަހައިފަ އެވެ. ފްރޭންކްފާޓާއި ކަޑީޒް އިން ވެސް ބާސާ ބަލިކުރީ މެޗުގެ ކުރީ ކޮޅު ލަނޑު ޖަހައިގެންނެވެ. މިއީ ވަޔެކޯނާގެ ތާރީހުގައި ކޭމްޕް ނޯ ސްޓޭޑިއަމްގައި ހޯދި ދެވަނަ މޮޅެވެ.
ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒް ގާބޫލު ކުރާގޮތުގައި މެޗުގައި ބާސެލޯނާ އަށް ޕެނަލްޓީ ދޭން ޖެހޭ ދެ ހާލަތެއް ކުރިމަތިވި އެވެ. އެ ދެފަހަރު ވެސް ގަވީ އަށް ވަނީ ފައުލުކޮށްފަ އެވެ. ދެވަނަ ފަހަރު ފައުލު ކުރުމުގެ ކުރިން ބާސާގެ ކުޅުންތެރިން ވަނީ އޮފްސައިޑްވެފަ އެވެ.