މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި، އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ހޫލިއަން އަލްވަރޭޒް ގެންދަން ވާދަވެރި ބާސެލޯނާއި ކުރި މަސައްކަތުގައި އުސޫލުތައް މުގުރާލިކަން ސާބިތުވެއްޖެ އެވެ. 

ބާސާއިން ސްޓައިކަރަކު ހޯދަން ކުރި މަސައްކަތުގައި އެ ކްލަބުން ގެންދަން އެންމެ ބޭނުންވި ކުޅުންތެރިޔަކީ މެންޗެސްޓާ ސިޓީއަށް ވެސް ކުރިން ކުޅުނު އަލްވަރޭޒެވެ. އޭނާ ވެސް ބާސާއަށް ބަދަލުވާން ބޭނުންވި އެވެ. 

އެކަމަކު އޭނާ ދޫކޮށްލަން އެތުލެޓިކޯއިން ދެކޮޅު ހެދި އެވެ. ބާސާއިން އުސޫލުތައް މުގުރާލީ އެތުލެޓިކޯގެ ކޮންޓްރެކްޓްގައި ހުއްޓައި، އަލްވަރޭޒްއާ ވާހަކަ ދެއްކުމުންނެވެ. ބާސާގެ މައްސަލަ އެތުލެޓިކޯއިން ފީފާ އާއި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަށް ވެސް ހުށަހެޅި އެވެ. 

ފީފާއިން ބުނީ އެ މައްސަލައަކީ، އެ އިދާރާއިން ބެލެނެ މައްސަލައެއް ނޫން ކަމަށެވެ. އެކަމުގައި ގޮތް ނިންމުމުގެ ބާރު އޮތީ ގައުމީ ފެޑެރޭޝަނަށް ކަމަށް ވެސް ފީފާއިން އެތުލެޓިކޯއަށް އެންގި އެވެ. ސްޕެއިންގެ އެފްއޭއިން މައްސަލަ ބަލައި، ބާސާއަށް ކުރިމަތިކުރީ ކުޑަކުޑަ ޖޫރިމަނާ އެކެވެ. އެއީ 602 ޔޫރޯ (669 ޑޮލަރު) ގެ ޖޫރިމަނާއެކެވެ. 

މައްސަލައިގެ އެތުލެޓކޯގެ ހިތްހަމަނުޖެހުން ފެންމަތިވި ފަހުން، ބާސާއިން ފަހުން ވަނީ 111 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް ވެސް އެތުލެޓިކޯއަށް ފޮނުވާފަ އެވެ. އެކަމަކު އެ ހުށަހެޅުމަށް ވެސް އެތުލެޓިކޯއިން ދީލައެއް ނުލި އެވެ. 

އަލްވަރޭޒް ވެސް ވަނީ ބާސާއަށް ބަދަލުވާން އުޅެވުމުން، އެތުލެޓިކޯގެ ސަޕޯޓަރުންގެ ކިބައިން، މިދިޔަ އާދިއްތަ ދުވަހު، މައާފަށް އެދިފަ އެވެ. 

އެތުލެޓީކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ، މައާފަށް އެދުމަކީ އަލްވަރޭޒްގެ ހިތްވަރުގަދަކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.