ލަންޑަން (ޖެނުއަރީ 9) - ޗެލްސީން އެ ޓީމަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް މިޝީ ބަޓްޝުއާޔީ އާއި ސްވަންސީ ސިޓީ އަށް ކުޅެމުން އަންނަ ސްޕެއިނުގެ ފޯވާޑް ފެނާންޑޯ ލޮރެންޓޭ ބަދަލުކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އާއި އުމުރުން 31 އަހަރުގެ ލޮރެންޓޭ ވަނީ 2014 ވަނަ އަހަރު ޔުވެންޓަސްގައި މަސައްކަތްކޮށްފަ އެވެ. އެ ފަހަރު ލީގު ޗެމްޕިއަންކަން ޔުވެންޓަސް އިން ހޯދިއިރު ލޮރެންޓޭ ވަނީ ގިނަ މެޗުތަކެއް ކުޅެފަ އެވެ.

ކޮންޓޭގެ ކޯޗުކަމުގައި ބަޓްޝުއާޔީ އަށް ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުން ވަނީ ދަތިވެފަ އެވެ. އަދި މި މަހުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން އިތުރު ފޯވާޑެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޗެލްސީން ބޭނުންވަނީ ސީޒަންގެ ބާކީ ބަޔަށް ލޯން އެއްބަސްވުމެއްގެ ދަށުން ދެ ކުޅުންތެރިން ބަދަލުކުރުމަށެވެ. އެހެން ނަމަވެސް ސްވަންސީން ބޭނުންވަނީ ދާއިމީ އެއްބަސްވުމެއްގެ ދަށުން ދެ ކުޅުންތެރިން ބަދަލުކުރުމަށެވެ.

ލީގުގެ 19 ވަނައިގައި މި ވަގުތު އޮތް ސްވަންސީ އަށް މިހާތަނަށް ކުޅެދިން 17 މެޗުން ލޮރެންޓޭ ވަނީ ހަ ލަނޑު ޖަހައިފަ އެވެ. ސްކައި އިޓާލިއާ އިން ރިޕޯޓްކުރާ ގޮތުގައި ކޮންޓޭ ވަނީ ލޮރެންޓޭ ގެންނަން އޭނާއާ ވާހަކަ ދައްކައިފަ އެވެ.

އުމުރުން 23 އަހަރުގެ ބަޓްޝުއާޔީ ލޯން އެއްބަސްވުމެއްގެ ދަށުން ހޯދަން އޭނާގެ ކުރީގެ ކްލަބް މާސޭ އާއި ވެސްޓް ހޭމް ޔުނައިޓެޑުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.