ލަންޑަން (ފެބްރުއަރީ 26) - އިނގިރޭސި ޕްރިިމިއާ ލީގުގައި ރޭ ސްވަންސީ ސިޓީ އަތުން 3-1 އިން މޮޅުވެ ޗެލްސީ ލީގުގެ އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ޗެލްސީ އެއް ވަނައިގައި އޮތީ 26 މެޗުން 63 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 25 މެޗުން 52 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ޓޮޓެންހަމާއި ހަތަރު ވަނައިގައި އޮތް އާސެނަލަށް 25 މެޗުން ވަނީ 50 ޕޮއިންޓް ލިބިފަ އެވެ. ޓޮޓެންހަމް މިރޭ ކުޅޭ މެޗުން ސްޓޯކް ސިޓީ އަތުން މޮޅުވެއްޖެނަމަ ޗެލްސީގެ ލީޑު 10 ޕޮއިންޓަށް ކުޑަވާނެ އެވެ.
ރޭގެ މެޗުގައި ޗެލްސީގެ ސެސް ފަބްރެގަސްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ. ޗެލްސީގެ ކޯޗުކަމާ އެންޓޯނިއޯ ކޮންޓޭ ހަވާލުވުމަށް ފަހު ފަބްރެގަސް އަށް ޓީމުގެ ފުރަތަމަ އެގާރައިން ގަވާއިދުން ޖާގަ ނުލިބެ އެވެ. އެހެން ނަމަވެސް ފުރުސަތު ލިބޭ ކޮންމެ ފަހަރަކު އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
ރޭގެ މެޗުގެ 19 ވަނަ މިނިޓްގައި ޗެލްސީ އަށް ލީޑުނަގައިދިނީ ވެސް ފަބްރެގަސް އެވެ. މިއީ ޕްރިމިއާ ލީގުގައި ފަބްރެގަސް ކުޅުނު 300 ވަނަ މެޗެވެ. ޗެލްސީ އަށް މައްސަލަ ދިމާވީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ފެނާންޑޯ ލޮރެންޓޭ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމުންނެވެ.
ޗެލްސީ މޮޅުކޮށްދިން ލަނޑުތައް ދެ ވަނަ ހާފްގެ ފަހު 20 މިނިޓް ތެރޭ ކާމިޔާބުކުރީ ޕެޑްރޯ ރޮޑްރިގޭޒާއި ޑިއޭގޯ ކޮސްޓާ އެވެ.
ރޭ ލީގުގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު އެވަޓަން ވަނީ 2-0 އިން ސަންޑަލެންޑް ބަލިކޮށްފަ އެވެ. ވެސްޓް ބްރޮމް 2-1 އިން ބޯންމައުތު ބަލިކުރިއިރު، ވަޓްފޯޑާއި ވެސްޓް ހޭމް ޔުނައިޓެޑް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަދި ހަލް ސިޓީ އާއި ބާންލީ ކުޅުނު މެޗު ވެސް ވަނީ 1-1 އިން އެއްވަރުވެފަ އެވެ.