ހިސާން: ގަލުގައި ކަނޑައި ނެގި ސޫރަތުލް އިހްލާސް، މައުރަޒަށް ދިޔަ ބަޔަކު ބަލާލަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
27 މެއި 2025 - 12:46
ކަވި، ބުރަ މަސައްކަތެކެވެ. އުފެއްދުންތެރިކަމުގެ މައުރަޒަށް މުހައްމަދު ހިސާން ހުށަހެޅީ، ގަލުގައި ކަނޑައި ނަގާފައިވާ ސޫރަތުލް އިޚްލާސް އެވެ. ތިން މަސް ދުވަސް ހޭދަކުރި އެ މަސައްކަތުން ފެންނަނީ އުވިގެންދާ، ގަލުވަޑާމުގައި އޭނާގެ ހުނަރެވެ.
ވަނައެއް ލިބުނު ކަމުގެ ޓްރޮޕީ ކައިރީގައި ނެތަސް އެއީ ފުރިހަމަ މަސައްކަތެއް ކަމުގެ ތައުރީފް ގިނަ ބަޔަކު އޭނާއަށް ކުރި އެވެ.
ހިސާން ބުނި ގޮތުގައި އެ އުފެއްދުމަށް ވަނައެއް ނުލިބުނީ ލޭޒާ ކަޓުން ކޮށްފައިވާ މަސައްކަތެއް ކަމަށް ޖަޖުންނަށް ހީވެގެންނެވެ. އެކަމަކު މުޅި އެ ސޫރަތް އެއީ އޭނާގެ އަތުން، ކަނޑައިނެގި މަސައްކަތެއް ކަމަށް ހިސާން ބުންޏެވެ.
އެވޭލާ ކަލެކްޝަންސްގެ ނަމުގައި ސޯޝަލް މީޑިއާގައި އޭނާގެ މަސައްކަތް ދައްކާލަމުން އަންނަ ހިސާން، "މިހާރު" އަށް ބުނި ގޮތުގައި ލޭޒާ ކަޓެއް ކަމަށް ޖަޖުކުރި މައްސަލަ މިހާރު ވަނީ ހުށަހަޅައިފަ އެވެ.
"މިއީ ފުލީ ހޭންޑް ކާވް. އެކަމަކު ޖެހިގެން މިއުޅެނީ ލޭޒާ ކަޓެއްގެ ގޮތުގައި ޖަޖުން ނިންމާފައި އިނީމަ އަޅުގަނޑު ޝަކުވާ ހުށަހަޅައިގެން މިއުޅެނީ،" ހިސާން ބުންޏެވެ.
މޯލްޑިވްސް އެކްސްޕޯއަށް ހިސާން ހުށަހެޅި، ގަލުގައި ކަނޑައިނެގި ސޫރަތުލް އިހްލާސް
އޭނާ ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯގައި ވެސް މި އާޓް ޕީސް ތައްޔާރުކުރުމުގެ އެކި މަރުހަލާތައް ދައްކާލި އެވެ. ގަލުގައި ސޫރަތް ލިޔެ، އޭނާ އެ ކެނޑުމުގެ މަސައްކަތް އެކި ދުވަސް މަތިން ކުރަމުންދިޔަ މަންޒަރު ވީޑިއޯ އިން ފެނެ އެވެ.
ރަސްމީ ވަޒީފާއެއްގައި އުޅޭ ހިސާން، ގަލުވަޑާމުގެ މަސައްކަތަށް ވަގުތު ދެނީ ރޭގަނޑު ލިބޭ ހުސްވަގުތުކޮޅުގަ އެވެ. މި އެކްސްޕޯގައި އެނާގެ ހުނަރު ދައްކާލަން ތައްޔާރުކުރި އާޓަކީ ވެސް މިގޮތަށް ލިބުނު ހުސް ވަގުތުތަކުގައި ކުރި ބުރަ މަސައްކަތެވެ. ތިން މަސް ވަންދެން، ކޮންމެ ރެއަކު ތިން ހަތަރު ގަޑިއިރު އެކަމަށް ހޭދަކުރި ކަމަށް ހިސާން ބުންޏެވެ.
ގަލުގައި ކަނޑާ ނަގައިގެން އެކި ކަހަލަ އާޓްތައް އޭނާ ހަދަން ފެށީ، މިކަން ރާއްޖޭގައި އުވިގެންދާތީ އެެވެ.
"ގަލުގައި ކަނޑާ ނަގަން ފެށީ ރާއްޖޭގައި އުވިގެންދާ މަސައްކަތެއްވީމަ ދިރުވާ އާލާކުރަން ވެގެން. ޔޫޓިއުބް އިން ވީޑިއޯތައް ބެލީ އެކި މީހުން ލަކުޑި ކަނޑައިގެން ނަގާ ގޮތް. ދެން އަޅުގަނޑު ހަމަ އެގޮތަށް ގަލުގައި އެ މަސައްކަތް މިކުރަނީ،" މާލެ އަށް އުފަން، ހިސާން ބުންޏެވެ.
ދަސްކޮށްގެން އޭނާ ކުރިއަރުވާ ހުނަރު، އެކި ޕްލެޓްފޯމްތަކުގައި އަންނަނީ ދައްކާލަމުންނެވެ.
ހިސާންގެ ގަލުވަޑާމުގެ މަސައްކަތް، "އަންވެއިލިން ވިޝަން 2024" ގެ ނަމުގައި އާޓް ގެލަރީގައި ބޭއްވި އެގްޒިބިޝަންގައި ވެސް ބައިވެރިކުރި އެވެ. އޭނަ ވަނީ ކަނޑުގެ ދިރުންތަކާއި އިހުގެ ޑިޒައިންތަކާއި ކައިވެނީގެ ރަނުގެ ގޮތުގައި ދޭ ފޮއްޓާއި މަހާނަ ގާ ވެސް ކަނޑައި، އޭގައި ވެސް އެކި ކަހަލަ ޑިޒައިންތައް ހަދައިފަ އެވެ.
ވަނައެއް ނުލިބުނަސް ހިސާންގެ މި ބުރަ މަސައްކަތް ހުނަރުވެރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަތުން
29 May 2025
އަދި ބުނެލަން. ރަން 5 ވަނައިގައި ހިމެމުނު އިސްލާމީ މަރުކަޒަކީވެސް 3 ޑީ ޕްރިންޓްތަކެއް. އަތުން ކުރި މަސައްކަތަކީ ރާވާލުން.
ޔޫނުސް22
27 May 2025
ތިޔަކީ ގަލުވަޑާމެއްނޫން. ގަލުވަޑާމަކީ އާންމުކޮށް ހިރިގާބޭނުންކޮށްގެން އެކިގޮތްގޮތައް "ޖޮއިންޓްތައް" އިންޓަލޮކްވާނެހެން "އެއްވެސް ތަތްކުރުމަށް "އުވަ/ސިމެންތި" ފަދަ އެއްބޭނުން ނުކޮށް އިމާރާތް ކުރާކުރުން ނޫންތަ! މަސައްކަތް ފުރިހަމަ. ލައިޓްވެއިޓް ކޮންކްރީޓް ޝީޓްގަޑެއްގަ ކަނޑާނެގުމުން ވަނަލިބެންޏާ ލިބުނީސް ތޯއްޗެއް ތިޔަ މަސައްކަތައް. ކެޓަގަރީގެ މައްސަލައެއް ކަންނޭގެ އުތަ!
ކޮރަލް
27 May 2025
ރާއްޖެ އަށް މުހިއްމު މަސައްކަތެކެވެ. ސަރުކާރުން މި މިހާ އަށް ކުރިއަށް ދާން އެހީ ވާން ވީ އެވެ.
ކުރެހުންތެރި
27 May 2025
ލޭޒާރ އިން ކުރެހުން ކެނޑުމަށްފަހު، އިތުރަށް ކާވްކޮށް ރިފައިންކޮށްފައި ތިހުރީ. ލާފައިވާ ވީޑިއޯތަކުން ނުފެނޭ އަމިއްލަ އަށް ކުރެހުން ކަނޑައި ނަގައި ތަނެއް. ފެންނަނީ ލައިން ކެނޑިފައި ހުރިތަން. އެއީ ލޭޒާރ މަސައްކަތްކަން އެބަ އެނގޭ.
މާ ބޮނޑަށް އެގޭމީހާ
27 May 2025
ޢެހެންނުވާނީ ދިބޭފުޅާއަށް މާ ބޮނޑަށް އިގޭކަން ވަރަށް ރަގަޅައް އެބަ އިގޭ؟ ވީޑިއޯ އިންވެސް އެބަ ފެނޭ ކައިރިން އޭނަ އެނަގާ ގަޑާފައިވާކަން! އަމިއްލަ އަށް ކުރެހުން ކަނޑައި ނަގައި ތަނެއް. ފެންނަނީ ލައިން ކެނޑިފައި ހުރިތަން. މިހެން ބުނި އިރު ނޭގޭދޯ އެއީ ލޭޒާރ މަސައްކަތްކަން އެބަ އެނގޭ. ކޮބާ ބާ؟ އެހެން ލޭޒާ ބޭނުން ކުރަނިކޮން ދިބޭފުޅާއަށް ފެނުން ވީޑިއޯ؟ ހަސަދަ ވެރިވިޔަސް ތީ ބޮޑުވަރު؟ ވަރަށް ސަލާމް....
ޒައިކް23
27 May 2025
ވަނަ ނުލިބޭނެ ކޮންމެވެސް ބޮޑަކާ ނޫނީ އެމްޕީއަކާ ގާތް ނުވީމަ.. މި ޤައުމުގެ އެސްޕޯތަކާ މުބާރާތްތަކުގެ ޗަސްބުވެސް ގެއްލިޖެ މި ސިޔާސީ މީހުންނާހެދި.. ތިޔަށްވުރެއް ފުރިހަމަ ރީތި މަސައްކަތެއް މުޅި އެކްސްޕޯގަވެސް ނެތް
ވަރަށް އިމްޕްރެސިވް
27 May 2025
ދައްކާވާހަކަ! ވަނަލިބެނީކީ ކުރާ މަސައްކަތުގެ ކަވިކަމާއި ބުރަކަމަކަށް ނޫނޭ! ކުޑަކޮށް ސުޕާރީއެއް ދިއްކޮއްލާ ދެތިން މުހުތާދެއް ފިލުވަދެނިކޮށް އެއްވަނަ، ދެވަނަ އަދި ތިންވަނަ އެކަކަށްވެސް ލިބޭނެ. ވެން އިން ރޯމް ޑޫ އޭޒް ދި ރޯމަންސް ޑޫ.
ކިރުސައި 2.0
27 May 2025
އެހެންވީމަ ތިޔަހާ ފެންވަރުދަށް ޖަޖުންގެ ވަނަތަށް އުވާލަން ޖެހޭ. ބެލުންތެރިންގެ 1 ވަނަޔަކަށް ވާނީ މިމަސައްކަތް. ދެންބުނެލަން 1 ވަނަދިޔަ 2 ލާރި ގެ މަސައްކަތް ކުރަމުން ދިޔަގޮތުގެ ވީޑިއޯއެވިޑެންސް ހޯދަންޖެހެޔޭ. އޭގަ ހުރި ސްޓިޗް ސްޓައިލް ވަރަށް ޝައްކު އަތުމަސައްކަތަކާ.
ރެންގ
27 May 2025
މަށަށްވެސް ތިޔަ މަސައްކަތް ކައިރިން ބެލީމަ ކުޑަ ޝައްކެއް އިހުސާސްވި.
ކިމް
27 May 2025
ދެލާރިއަށްވުރެ މި ރީތި
އެކޮއި
27 May 2025
''ހިސާން ބުނި ގޮތުގައި އެ އުފެއްދުމަށް ވަނައެއް ނުލިބުނީ ލޭޒާ ކަޓުން ކޮށްފައިވާ މަސައްކަތެއް ކަމަށް ޖަޖުންނަށް ހީވެގެންނެވެ. އެކަމަކު މުޅި އެ ސޫރަތް އެއީ އޭނާގެ އަތުން، ކަނޑައިނެގި މަސައްކަތެއް ކަމަށް ހިސާން ބުންޏެވެ.'' ތިޔަ ޖަޖުންނަށް ވަރަށް ފެންވަރުގެ އިނާމެއްދޭން މަ ބޭނުންވޭ. އެއީ އެބައިމީހުންގެ ޖަޖްމަންޓްގެ މޮޅުކަމާއި ކުޅަދާނަކަމުން. މިފެންވަރުގެ ''ޖަޖުން'' ޖަޖްކުރަން ބޭތިއްބުމުން ނުވާނެ އެއްކަމެއްވެސް ނޯންނާނެ.
ހާސަރު
27 May 2025
މިއަށްވުރެ ތާކުންތާކު ނުޖެހޭގޮތަށް ޖަޖް ކުރި މައުރުޒެއް އަދި ނުބާއްވާ. އައިސްކުރީމް ހެދި މީހަކު ބުނާއަޑުއެހިން އޭނާގެ އައިސްކްރީމް ރަހަވެސް ބަލާނުލައޭ! ވަނަ ދޭންޖެހޭ ބަޔަކަށް ދިނީ!