ރޮނާލްޑޯ އަށް ޔުވެންޓަސް އިން ކުރި ހަރަދު ފޫބައްދައިދޭނީ ޗެލްސީން؟

ޓިއުރިން (ޖުލައި 11) – ރެއާލް މެޑްރިޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ގަތުމަށް ޔުވެންޓަސް އިން ކުރި ބޮޑު ހަރަދު ފޫބައްދާނީ ގޮންޒާލޯ ހިގައިން އާއި ޑެނިއަލީ ރުގާނީ ޗެލްސީ އަށް ވިއްކާލައިގެން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ރެއާލް މެޑްރިޑުން އިއްޔެ ރޮނާލްޑޯ ޔުވެންޓަސް އަށް ވިއްކާލީ 100 މިލިއަން ޔޫރޯ އަށެވެ. މީގެ އިތުރުން ކުރީގެ ކްލަބްތަކަށް ދިން ފީއާ އެކު ޔުވެންޓަސް އިން އޭނާ ގެނައުމަށް 112 މިލިއަން ޔޫރޯ ހަރަދުކުރި ކަމަށްވެ އެވެ.

މިއީ އިޓަލީ ފުޓްބޯޅަ ތާރީހުގެ ކުޅުންތެރިއަކަށް ކުރި އެންމެ ބޮޑު ހޭދަ އެވެ. ރޮނާލްޑޯ ގެނައުމުގެ މަސައްކަތުގައި ސްޕޮންސަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވީ ނަމަވެސް ކުޅުންތެރިން ވިއްކައިގެން ވެސް ޔުވެންޓަސް އިން އެބައި ފޫބައްދާނެ އެވެ.

އެގޮތުން އެ ޓީމުގެ އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގައިން 60 މިލިއަން ޔޫރޯ އަށް އަދި ޒުވާން ޑިފެންޑަރު ރުގާނީ 40 މިލިއަން ޔޫރޯ އަށް ޗެލްސީއަށް ވިއްކާލާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ދެ ކުޅުންތެރިން ޗެލްސީ އަށް ގެނައުމުގެ ފަހަތުގައި ހުރީ އެ ޓީމާ އަލަށް ހަވާލުވާ ކޯޗު މައުރީޒިއޯ ސާރީ ކަމަށްވެ އެވެ. ސާރީ ވަނީ ހިގައިންއާ އެކު ނަޕޯލީގައި އަދި ރުގާނީއާ އެކު އެމްޕޮލީގައި މަސައްކަތްކޮށްފަ އެވެ.

ޗެލްސީން މިދިޔަ ސީޒަނުގައި ގެނައި ޔުވެންޓަސްގެ ކުރީގެ ފޯވާޑް އަލްވާރޯ މޮރާޓާ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކޭތީއާ އެކު ދުނިޔޭގެ ފެންވަރުގެ ފޯވާޑެއް އެ ޓީމަށް ބޭނުންވެ އެވެ. އަނެއްކޮޅުން ޑިފެންސް ރަނގަޅުކުރުމަށް ވެސް އެ ޓީމުން މިދިޔަ ސީޒަނުން ފެށިގެން އައީ މަސައްކަތްކުރަމުންނެވެ. އިޓަލީ ގައުމީ ޓީމުގައި ވެސް ހިމެނޭ ރުގާނީ، 23، އަކީ އުއްމީދީ ޑިފެންޑަރެކެވެ. އެކަމަކު އެ ޓީމުގައި އޭނާ އަށް ލިބެނީ މަދު ފުރުސަތެކެވެ. ހާއްސަކޮށް މަޓިއާ ކަލްޑަރާ ގެނައުމާ އެކު އިތުރަށް ފުރުސަތު ހަނިވާނެ ކަމަށް ބެލެވެ އެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ