އިންޑިއާ އިން ތުރުކީއަށް ގެންދިޔަ ގޮދަނުގެ ޝިޕްމަންޓެއް އެ ގައުމަށް އެތެރެކުރުމުގެ ހުއްދަ ނުދީ އަނބުރާ ފޮނުވާލައިފި އެވެ.

އެސް އެންޑް ޕީ ގްލޯބަލް ކޮމިޑިޓީ އިންސައިޓްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޑްރަމް ވީޓް (ޕާސްތާ ވީޓް) ގެ 56،877 ޓަނު ހިފައިގެން ދިޔަ ބޯޓު މިހާރު ވަނީ އެ ތަކެއްޗާ އެކު އެނބުރި އިންޑިއާ އަށް ދާން ދަތުރު ފަށައިފަ އެވެ. ޝިޕްމަންޓަށް ހުއްދަ ނުދިނީ ބައިނަލްއަގުވާމީ ވިޔަފާރީގައި ބަލާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ކަމަށް ވަނީ ބުނެފަ އެވެ.

"މި ގޮދަން ޝިޕްމަންޓުން ވަނީ [ގަހަށް ޖެހޭ ބައްޔެއް ކަމަށްވާ] އިންޑިއަން ރުބެއްލާ ބަލި ފެނިފައި. އެހެންވެ ތުރުކީގެ އެގްރިކަލްޗާ އެންޑް ފޮރެސްޓްރީ މިނިސްޓްރީން އެޔަށް ހުއްދަ ނުދިނީ،" އިސްތަންބޫލްގެ ވިޔަފާރިވެރިޔަކާ ހަވާލާދީ އެން އެންޑް ޕީ ގައި ބުނެފައިވެ އެވެ.

ތުރުކީން ގޮދަން ޝިޕަމަންޓް ބަލައިނުގަންނަން ނިންމާފައި މި ވަނީ ރަޝިއާ އާއި ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ގޮދަނުގެ ސަޕްލައި ދަށްވެ، ގައުމުތަކުން ގޮދަނުގެ ސްޓޮކް އިތުރު ކުރުމަށް މަސައްކަތްކުރަމުން އަންނަ ވަގުތެއްގަ އެވެ. ރަޝިއާ އާއި ޔުކްރެއިނަކީ މުޅި ދުނިޔޭގައި ހައްދާ ގޮދަނުގެ ހަތަރު ބައިކުޅަ އެއް ބައި ހިއްސާވާ ދެ ގައުމެވެ.

އެސް އެންޑް ޕީ ގައި ބުނެފައި ވަނީ މިހާރު ޝިޕްކޮށްފައިވާ ގޮދަން ޝިޕްމަންޓްތަކާ މެދު ގައުމުތަކުން ކަން ކުރާނެ ގޮތަކާ މެދު ވެސް ތުރުކީގެ ނިންމުމުގެ ސަބަބުން ސުވާލު އުފެދިފައިވާ ކަމަށެވެ.

ރަޝިއާ އާއި ޔުކްރެއިން ހަނގުރާމަ ފެށުމާ އެކު އިންޑިއާ ވެފައިވަނީ ގޮދަން ސަޕްލައިކުރުމުގެ މުހިންމު ގައުމަކަށެވެ. އެކަމަކު ހޫނު ގަދަވެ އިންޑިއާގެ ދަނޑުވެރިކަމަށް ނޭދެވޭ އަސަރުކޮށް ސަޕްލައި ތާށިވެދާނެ ކަމުގެ ކަންބޮޑުވުމާ އެކު އިންޑިއާ މިދިޔަ މަހު 13 ގައި ވަނީ ގޮދަން އެކްސްޕޯޓް ކުރުން މަނާކޮށްފަ އެވެ. ކުއްލި މި ނިންމުމާ އެކު ބަނދަރުތަކުގައި 1.8 މިލިއަން ޓަނުގެ ގޮދަން ތާށިވެ ވިޔަފާރިވެރިންނަށް ވަރަށް ބޮޑަށް ގެއްލުންވި އެވެ.