ބައްސާމް އަދީލް ޖަލީލް އެންމެ ފުރަތަމަ ފެނުނީ ކްލަބް ވެލެންސިއާގެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެކަމަކު އޭރު އޭނާގެ ބައްޕަ އަދީލް ޖަލީލް ހިންގެވި ތަރިން ގިނަ އެ ޓީމުން އޭނާ އަށް މާބޮޑު ފުރުސަތެއް ނުލިބުނެވެ. ދެން އޭނާ ދިޔައީ ރާއްޖޭން ބޭރަށް ކިޔަވާށެވެ. އެނބުރި އައިސް ވެލެންސިއާ ހިންގުމުގެ ތެރޭގައި އުޅުނެވެ.

އޭގެ ފަހުން ޑިސެމްބަރު 2014 ގައި ބައްސާމް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ހަވާލުވީ ދިވެހި ފުޓްބޯޅައިގެ ހިންގުމަށް ތާޒާ، ޒުވާން ބަދަލެއް ބޭނުންވެފައި އޮތް ދަނޑިވަޅެއްގަ އެވެ. އޭރު އޭނާވީ އުއްމީދުގެ ހުޅުކޮޅަކަށެވެ. އޭގެ 12 އަހަރު ފަހުން މާޒީ އަށް ބަލާއިރު ބައްސާމު ފެންނަނީ އެ ހުޅުކޮޅު ނިއްވާލައި، ދިވެހި ފުޓްބޯޅަ އަނދިރިގަނޑަކަށް ވައްޓާލި މީހާގެ ގޮތުގަ އެވެ. އޭނާގެ ދައުރުގައި އެފްއޭއެމް ދިޔައީ ފަހަތަށެވެ. ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓުނެވެ. ފައިސާ އަށް ހިޔާނާތްތެރިވުމުގައި ހައްދެއް ނެތެވެ. ފީފާ އިން ހުކުރު ދުވަހު ވަނީ އޭނާ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން މުޅި އުމުރަށް ސަސްޕެންޑްކޮށްފަ އެވެ. އޭނާގެ ސަބަބުން ދިވެހި ފުޓްބޯޅައިގައި ހުތުރު ލަށްގަނޑެއް މިވަނީ ޖެހިފަ އެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު ޝަވީދު ފަހުން އެ މަގާމުގައި ހުންނަން އުޒުރުވެރިވެވަޑައިގަތުމުން، 2016 ވަނަ އަހަރުގެ ކުރީކޮޅު ބައްސާމް އެފްއޭއެމްގެ ޗެއާމަންކަމާ ހަވާލުވި އެވެ. އެ އަހަރު އޮތް އިންތިހާބުގައި ޝަވީދު އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލައްވަން ތައްޔާރުވިއިރު، ބައްސާމް ހުރީ އޭނާއާ އެކުގަ އެވެ. ފަހުން ޝަވީދު ފަހަތަށް ޖެހިވަޑައިގެން އަހުމަދު ތޯރިގް (ޓޮމް) އަށް ފުރުސަތު ދެއްވީ އެވެ. އަދި ޓޮމް އިންތިހާބު ކާމިޔާބުކުރައްވައި، ބައްސާމަށް ޖެނެރަލް ސެކްރެޓަރީގެ މަގާމު ދެއްވި އެވެ.

އެކަމަކު މާ ގިނަ ދުވަހެއް ނުވަނީސް ޓޮމް އެ މަގާމުން ބައްސާމް ވަކިކުރެއްވި އެވެ. އެ ހިސާބުން ބައްސާމުގެ ދިފާއުގައި ކަމަށް ބުނެ އެކްސްކޯގެ ފަސް މެމްބަރުން އިސްތިއުފާ ދެއްވި އެވެ. ނަތީޖާއަކަށްވީ އެގްޒެކެޓިވް ކޮމިޓީ އުވުމެވެ. ފަހުން ފީފާ އިން ވަނީ ބައްސާމް މަގާމުން ވަކިކުރީ އެފްއޭއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ނިންމައި، ބައްސާމަށް އަލުން މަގާމު ދީ، އިންތިހާބެއް ބޭއްވުމުގެ ޒިންމާއާ އޭނާއާ ހަވާލުކޮށްފަ އެވެ.

2016 ގައި އޮތް އެފްއޭއެމްގެ އިންތިހާބުގައި ބައްސާމް (ވ) އާއި ޓޮމް އެކުގައި ފޮޓޯއަކަށް ހުއްޓިލައިގެން: ބައްސާމް ރައީސްކަމަށް އައީ މި އިންތިހާބު ކާމިޔާބުކޮށްގެން. -- މިހާރު ފައިލް ފޮޓޯ
2016 ގައި އޮތް އެފްއޭއެމްގެ އިންތިހާބުގައި ބައްސާމް (ވ) އާއި ޓޮމް އެކުގައި ފޮޓޯއަކަށް ހުއްޓިލައިގެން: ބައްސާމް ރައީސްކަމަށް އައީ މި އިންތިހާބު ކާމިޔާބުކޮށްގެން. -- މިހާރު ފައިލް ފޮޓޯ

އެ އިންތިހާބުގައި ބައްސާމް ވާދަކުރަން ނިންމި އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތުން، އިންތިހާބު ކާމިޔާބުކުރެވުމުގެ ފުރުސަތު ބޮޑީ ސިޔާސީ ގޮތުން ނުފޫޒު ގަދަ މީހަކަށެވެ. ޓޮމް އަކީ އޭރުގެ ރައީސް އަބްދުﷲ ޔާމީނުގެ އަރިސް، މަޖިލިސް މެމްބަރެކެވެ. އަނެއްކޮޅުން ބައްސާމަކީ، ޔާމީނުގެ އާއިލީ މީހެކެވެ. ޔާމީނުގެ ރުހުން ހޯދުމަށް ބައްސާމް ބޭނުންކުރި އެއް ހަތިޔާރަކީ ސިޔާސީ ގޮތުން ނުފޫޒު ގަދަ މަޖިލިސް މެމްބަރުންތަކެއް އެކްސްކޯގައި ހިމެނުމެވެ. ނަތީޖާ ފޮންޏެވެ. ނޮވެމްބަރު 20، 2016 ގައި އޮތް އިންތިހާބުގައި 14-11 ވޯޓުން ޓޮމް ބަލިކޮށް ބައްސާމް އެފްއޭއެމްގެ ރައީސްކަން ކާމިޔާބުކުރި އެވެ.

ބައްސާމުގެ ދައުރުގައި ގައުމީ ފުޓްބޯޅަ ޓީމުން 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި އެވެ. އަންހެން ގައުމީ ފުޓްބޯޅަ ޓީމުން ސައުތު އޭޝިއަން ގޭމްސް އިން ލޯ މެޑަލް ހޯދައި ތާރީހީ ކާމިޔާބެއް ހާސިލްކުރި އެވެ. އަދި 18 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމުން ޖޫނިއާ ސާފް ޗެމްޕިއަންޝިޕުން ލޯ މެޑަލް ހޯދި އެވެ. މީގެ އިތުރުން ސަރުކާރުގެ އެހީއާ އެކު ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ކްލަބްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނެވެ. ޖޫނިއާ އަދި ޔޫތު ފެންވަރުގައި ގައުމީ ޓީމުތަކަށް ފުރުސަތު އިތުރުކޮށްދީ، އަތޮޅު މުބާރާތުގެ ފެންވަރު ވެސް މަތިކުރި އެވެ.

އެކަމަކު ފަހުން އައިސް ތަފާތު ސަބަބުތަކާ ހެދި އެފްއޭއެމަށް ކްލަބްތަކާއި، އާއްމުންގެ ނުރުހުން އަމާޒުވާން ފެށި އެވެ. އޭގެ ތެރޭގައި ބައެއް މުބާރާތްތައް ނުބޭއްވުމާއި ކަލަންޑަރު ރަނގަޅަށް ނުރޭވުމާއި ކްލަބް ފުޓްބޯޅައިގެ ފޯރިކެނޑުމާއި، އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ނުލިބުމާއި، ގައުމީ ޓީމުން އަލީ އަޝްފާގް (ދަގަނޑޭ) އަށް ފުރުސަތު ނުދިނުމުގައި އެފްއޭއެމްގެ ނުފޫޒެއް އޮތުމެވެ. މީގެ އިތުރުން އޭރުގެ ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހީމްގެ އޮފީހެއް ހަދަން އެފްއޭއެމުން ޖާގައެއް ދިނުން ވެސް ވީ ފާޑުކިއުން އަމާޒުވި ސަބަބަކަށެވެ.

އެކަމަކު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް އޭރު ވިދާޅުވީ، އިމާރާތުގެ އެއްވެސް ތަނެއް "މެޑަމް އޮފީސް" ހިންގަން ދީފައި ނުވާނެ ކަމަށާއި، އެކަމަކު ބައެއް އަމިއްލަ ކުންފުންޏަކަށް ބައެއް ތަންތަން ކުއްޔަށް ދީފައިވާ ކަމަށާއި، އެ ކުންފުނިން އެ ތަން އެހެން ބަޔަކަށް ދިނުމަކީ އެފްއޭއެމާ ގުޅޭ ކަމެއް ނޫން ކަމަށެވެ.

ދެން އައި އިބްރާހީމް މުހައްމަދު ސޯލިހުގެ އެމްޑީޕީ ވެރިކަމުގެ ކުރީކޮޅު، އޭއެފްސީ ކަޕުން ފުރުސަތު ގެއްލުނު މައްސަލަ ބަލަން، ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު މަސައްކަތް ފެއްޓެވި އެވެ. އެކަމާ ހިތްހަމަނުޖެހި، އެފްއޭއެމުން އެ މައްސަލަ އޭއެފްސީގެ ސަމާލުކަމަށް ގެންދިޔަ އެވެ. އެއާ އެކު އޭއެފްސީން ބުނީ އެފްއޭއެމްގެ އެއްވެސް ކަމެއްގެ ތެރެއަށް ތިން ވަނަ ފަރާތެއް ނުވަދޭނެ ކަމަށާއި، ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

އެފްއޭއެމްގެ އެވޯޑް ހަފްލާގެ ތެރެއިން އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި ސްޕޯޓްސް މިނިސްޓަރު މަހުލޫފު: ފުރަތަމަ ދެކޮޅުވި ނަމަވެސް ފަހުން އުޅުއްވީ އެއްކޮށް. -- ފޮޓޯ: އެފްއޭއެމް
އެފްއޭއެމްގެ އެވޯޑް ހަފްލާގެ ތެރެއިން އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި ސްޕޯޓްސް މިނިސްޓަރު މަހުލޫފު: ފުރަތަމަ ދެކޮޅުވި ނަމަވެސް ފަހުން އުޅުއްވީ އެއްކޮށް. -- ފޮޓޯ: އެފްއޭއެމް

ދެން ފެނުނީ ބައްސާމާއި އެގްޒެކެޓިވް ކޮމިޓީ މެމްބަރުންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން ބައެއް ކްލަބްތަކުން ތައްޔާރުވިތަނެވެ. އެފްއޭއެމްގައި ސިޔާސީ ހަރަކާތް ހިންގައި، އަދި އަސާސީ ގަވާއިދާ ހިލާފަށް ކަންކަން ކޮށްފައިވާ ކަމަށް ބުނެ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ބައްސާމް ރައީސްކަމުން ވަކިކުރަން ބައެއް ކްލަބްތަކުން މަސައްކަތްކުރަމުން އަންނަ ކަމުގެ ސިގްނަލެއް އެންމެ ފުރަތަމަ ދެއްވީ މަހުލޫފެވެ. އޭރު އެފްއޭއެމުން އޮތީ ސަރުކާރުގެ މާލީ އެހީ ނުލިބޭނެ ކަމުގެ ބިރު ދައްކައިގެން އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކުރަން މަހުލޫފު މަސައްކަތްކުރައްވަމުން އަންނަ ކަމަށް ތުހުމަތުކޮށްފަ އެވެ.

ނިއު ރޭޑިއަންޓް އިސްވެ ފެއްޓި އެ މަސައްކަތުގެ ސިގްނަލް މަހުލޫފު ދެއްވި ދުވަހާ ވިދިގެން އައި ދުވަހު، ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ އެފްއޭއެމުން ނިއު ސަސްޕެންޑްކުރި އެވެ. ނިއު އިން ތުހުމަތުކުރި ގޮތުގައި، އެ ސަސްޕެންޝަނަކީ އިތުބާރު ނެތްކަމުގެ ވޯޓް ނަގަން އުޅުމުން އެކަން ހުއްޓުވަން އެޅި ފިޔަވަޅެކެވެ.

ނިއު ސަސްޕެންޑްކުރުމުން، އިތުބާރު ނެތްކަމުގެ ވޯޓް ނެގުމުގެ މަސައްކަތާ ދެން ހަވާލުވީ ވިކްޓްރީންނެވެ. އެކަމަކު ވިކްޓްރީން ހުށަހެޅި ސޮއިތަކުގެ އަދަދު ގާނޫނީ ގޮތުން ހަމަނުވާ ކަމަށް ފީފާ އިން ބުނުމުން، އެ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. ފަހުން ސްޕޯޓްސް މިނިސްޓަރު މަހުލޫފު ވެސް އެފްއޭއެމްއާ ސުލްހަވެވަޑައިގަތެވެ. ބައްސާމް ރައީސްކަމުން ބޭރުކުރަން ކުރި މަސައްކަތް ނިމިއްޖެ ކަމަށާއި، ބައްސާމް އޭނާގެ މަގާމު ދިފާއުކުރައްވައިފި ކަމަށް މަހުލޫފު ވިދާޅުވި އެވެ.

އޭގެ ފަހުން މަހުލޫފާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ހިމަނައިގެން އެފްއޭއެމުން ގައުމީ ޓީމު ކޮމިޓީއެއް ހަދައި، ގުޅިގެން މަސައްކަތްކުރަން ފެށި އެވެ. އެ ދުވަސްކޮޅު ފުޓްބޯޅަ ކަންކަމުގައި އެންމެ އިސް ސަފުގައި ހުންނެވީ ވެސް އަލީ ވަހީދެވެ. އެކަމަކު އެ ކޮމިޓީ ކުއްލި ގޮތަކަށް އުވާލުމާ އެކު، އަލީ ވަހީދު އަނެއްކާ ވެސް ފެންނަން ފެށީ ތަންކޮޅެއް ދުރުންނެވެ. މަހުލޫފު ގެންދެވީ ދެން ވެސް އެފްއޭއެމްއާ ގާތް ގުޅުމެއް ބާއްވަމުންނެވެ.

ސާފް ޗެމްޕިއަންޝިޕުގެ ކާމިޔާބަށް ފަހު ބައްސާމް (ވ) އާއި ގައުމީ ކޯޗު ސެގާޓް އުފާފާޅުކުރަނީ. -- ފޮޓޯ: އިމޭޖަސް،އެމްވީ
ސާފް ޗެމްޕިއަންޝިޕުގެ ކާމިޔާބަށް ފަހު ބައްސާމް (ވ) އާއި ގައުމީ ކޯޗު ސެގާޓް އުފާފާޅުކުރަނީ. -- ފޮޓޯ: އިމޭޖަސް،އެމްވީ

ފެބްރުއަރީ 2020 ގައި އެފްއޭއެމުން އިއުލާންކުރީ، ތާވަލުކޮށްފައި އޮތް ތާރީހަށް ވުރެ ނުވަ މަސް ދުވަސް ކުރިން ކުއްލި ގޮތަކަށް އިންތިހާބު ބާއްވާ ވާހަކަ އެވެ. އޭރު އިންތިހާބު ތާވަލުކުރީ މާޗު 20 ވަނަ ދުވަހަށެވެ. އެކަމަކު ކޮވިޑުގެ އިންތިހާބު ފަސްކުރި އެވެ. އަލުން އިންތިހާބު ބާއްވަން ނިންމީ ޖުލައި 2 ގަ އެވެ. އޭރު އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް އިސްވެ ހުންނަވައި ރައްޔިތުންގެ މަޖިލިސް ތެރެއިން އޮތީ އިންތިހާބު ނުބާއްވަން ހުށަހަޅައިފަ އެވެ.

އެކަމަކު ބައްސާމް އިންތިހާބު ބޭއްވި އެވެ. އަދި އިތުރު ކެންޑިޑޭޓަކު ކުރިމަތިލާފައި ނެތުމުން، ބައްސާމް ހޮވުނީ ވޯޓު ނެގުމަކާ ނުލަ އެވެ. އެންމެ ކެންޑިޑޭޓަކު ކުރިމަތިލައްވާފައިވާ ހާލަތެއްގައި، އެއްވެސް ކްލަބަކުން އިއުތިރާޒުނުކުރާ ނަމަ ވޯޓަކާ ނުލައި ހޮވޭ ގޮތަށް އަސާސީ ގަވާއިދަށް ބަދަލު ގެނައީ، ހަމަ އެ ދުވަހުގެ ކޮންގްރެސްގައި މެމްބަރުންގެ އިއްތިފާގުންނެވެ. އޭގެ ފަހުން، ސެޕްޓެމްބަރު 3 ގައި ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް ވެސް އިންތިހާބުގެ ނަތީޖާ ބަލައިގަތެވެ

ބައްސާމުގެ ދެ ވަނަ ދައުރުގައި ކަންކަން ރަނގަޅުވެދާނެ ކަމުގެ ކުލަވަރު ފެނުނެވެ. ފުޓްބޯޅަ ތަރައްގީކުރުމުގެ މަޝްރޫއެއްގެ ދަށުން، ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝޭލް ސަލްގާޑޯގެ ފުޓްބޯޅަ އެޑިއުކޭޝަން ކްލަބާ އެކު އެފްއޭއެމުން އެއްބަސްވުމެއް ހެދި އެވެ. އަދި ސަރުކާރު، އެފްއޭއެމް އަދި ދެކުނު ކޮރެއާގެ ސްކައި ވިންޑް ގްލޯބަލް ކުންފުނި ގުޅިގެން 16 ރަށެއްގައި ޓާފް ދަނޑު އަޅަން އިއުލާނުކުރި އެވެ. އަދި 2021 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް މާލޭގައި ފޯރިގަދަކޮށް ބޭއްވި އެވެ.

އެކަމަކު އެ މުބާރާތާ އެކު ވެސް އުފެދުނީ އިތުރު ސުވާލުތަކެކެވެ. ގަލޮޅު ދަނޑަށް ޓިކެޓް ވިއްކިއިރު، ދަނޑަށް ގެންދިޔަ ޓިކެޓުގެ އަދަދު ސާފުނުވުމުންނާއި، ދަނޑުން ޖާގަ ކަނޑައެޅި ވަރަށް ވުރެ އިތުރަށް މީހުން ވަދެފައިވުމުން ބައްސާމާއި އެފްއޭއެމްގެ މައްޗަށް ޓިކެޓް ވިއްކުމުގައި ކޮރަޕްޝަން އޮތް ކަމުގެ ތުހުމަތު ކުރެވުނެވެ.

އޭގެ އިތުރުން، މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގައުމީ ފުޓްބޯޅަ ޓީމަށް ދޭން އެއްބަސްވި 1.2 މިލިއަން ރުފިޔާ ކުޅުންތެރިންނަށް ދީފައި ނުވާ މައްސަލަ ފެންމަތިވި އެވެ. މީގެ އިތުރުން އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ އާއި ރޯދަ އެލަވަންސް ނުދީ ހުއްޓެވެ. ރާއްޖެ އާއި ރާއްޖޭން ބޭރުގެ އެތައް ކުންފުންޏަކަށް އެފްއޭއެމް އޮތީ ދަރަ އެވެ. ކުޑަމިނުން ކަރަންޓު ބިލު ނުދައްކަ އެވެ.

ނަމަވެސް، ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮތުމުން، މައްސަލަ ހައްލުކުރަން ސަރުކާރުން ސަމާލުކަން ދިނެވެ. ސީދާ ރައީސް ސޯލިހުގެ މަންދޫބުން މެދުވެރިކުރައްވައި ނިއު އާއި ވިކްޓްރީ ސަލާމަތްކުރި އެވެ. އެ ދެ ކްލަބުގެ ސަޕޯޓަރުންގެ ތާއީދު ހޯދުމަށްޓަކަ އެވެ. އަދި ބައްސާމުއާ ރައީސް ސޯލިހާ ބައްދަލުކުރެއްވި އެވެ. ބައްދަލުވުމަށް ފަހު، ފުޓްބޯޅަ އަށް "ރަނގަޅު ކަންތައްތަކެއް" ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށް ބައްސާމް ބުންޏެވެ.

އެފްއޭއެމް ބަލާ ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދިޔައިރު، ބައްސާމް އެފްއޭއެމް އޮފީސް ކައިރީގައި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެފްއޭއެމް ބަލާ ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދިޔައިރު، ބައްސާމް އެފްއޭއެމް އޮފީސް ކައިރީގައި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެކަމަކު އޭރު އޮތީ ބައްސާމް ސަލާމަތްވެވޭ ވަރަށް ވުރެ ކަންކަން ގޯސްވެފަ އެވެ. އޭނާގެ މައްސަލަތައް ފުލުހުން ދިޔައީ ތަހުގީގުކުރަމުންނެވެ. އެގޮތުން ފީފާ އާއި ބޭރުގެ އެކި ފަރާތްތަކުން އެފްއޭއެމަށް ދޭ ފަންޑާއި އެހީގެ ފައިސާ، އެކައުންޓަށް ޖަމާވުމާ އެކު އެތަނުގެ ބައެއް ވެރިންނާއި، އެ މީހުންނާ ގުޅުން ހުރި ބައެއް ކުންފުނިތަކުގެ އެކައުންޓުތަކަށް ފޮނުވާކަން އެނގޭ މައުލޫމާތު ފުލުހުންގެ ތަހުގީގަށް ލިބިފައިވާކަން "މިހާރު" އަށް އޮތީ ކަށަވަރުވެފަ އެވެ. އެންމެ ފަހުން އެ އޮކްޓޫބަރު 2023 ގައި ފުލުހުން އެފްއޭއެމް އޮފީސް ރެއިޑްކުރި އެވެ.

އޭގެ ދުވަސްކޮޅެއް ފަހުން، ބައްސާމް ފްރާންސްގެ ޕެރިހަށް ގޮސް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލުކުރި އެވެ. މި ބައްދަލުވުމުގައި ބައްސާމް ވަނީ އޭނާގެ ލީޑާޝިޕަށް ހިމާޔަތް ދޭން އިންފަންޓީނޯ ގާތު އެދިފަ އެވެ. އެ ޔަގީންކަން އިންފަންޓީނޯގެ ފަރާތުން ވެސް ދެއްވި އެވެ. އެކަމަކު ދިވެހި ފުލުހުންގެ ކިބައިން ބައްސާމަށް ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ނެތެވެ. ފުލުހުން އޮތީ އޭނާގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފަ އެވެ. އަނެއްކޮޅުން ޓޮމް އިސްކޮށް ހުންނަވައި، ކްލަބްތަކުން ދިޔައީ ބައްސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ތައްޔާރުވަމުންނެވެ.

އެކަމަކު އެކަން ކާމިޔާބުނުވެ އޮއްވާ ޖެނުއަރީ 2024 ގައި އިންތިހާބު ބާއްވަން އެފްއޭއެމުން އިއުލާންކުރި އެވެ. ބައްސާމް އުޅުނީ އޭނާ ވާދަނުކޮށް ޕްރޮކްސީއެއް ނެރެގެން އިންތިހާބު ކާމިޔާބުކުރާށެވެ. އެކަމަކު ޓޮމް އިންތިހާބު ކާމިޔާބުކުރާނެ ކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވިފައި އޮއްވާ ފީފާ އިން އިންތިހާބު ހުއްޓުވި އެވެ. އިދާރީ ކަންކަން ފުރިހަމަނުވާތީވެ އެވެ. އޭރު ބެލެވިފައި އޮތީ ފީފާ އިން ބައްސާމް ހިމާޔަތްކުރީ ކަމަށެވެ.

އެކަމަކު ހަގީގަތުގައި އޭރު ފީފާ ވެސް އޮތީ ބައްސާމާ މެދު ހިތްހަމަނުޖެހިފަ އެވެ. އެތަނުން ކޮވިޑުގައި ކްލަބްތަކަށް އެހީވާން ދިން ފައިސާ އާއި މުވައްޒަފުންނަށް މުސާރަ ދޭން ދިން ފައިސާގައި ބައްސާމް ޖެހިފައި އޮތުމުން ފީފާ އަށް ވެސް އެހެން ގޮތެއް ނެތުނީ އެވެ. އެހެންވެ ބައްސާމް ސަސްޕެންޑްކޮށް، އެފްއޭއެމް ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރި އެވެ. އާ އަސާސީ ގަވާއިދެއް ހަދައި، އިންތިހާބު ބާއްވާށެވެ. މިދިޔަ އަހަރު އޮތް އެ އިންތިހާބު ޓޮމް ކާމިޔާބުކުރެއްވި އެވެ.

އޭރު ބައްސާމުގެ ޝަރީއަތްތައް ދިޔައީ ރާއްޖޭގެ ކޯޓުތަކުގައި ހިނގަމުންނެވެ. އޭނާގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ހުކުމްކުރި އެވެ. އޭގެ ފަހުން 8 އަހަރުގެ އިތުރު ހުކުމެއް ވެސް ވަނީ އައިސްފަ އެވެ. އެހެން މައްސަލަތަކެއްގެ ދައުވާ ކުރަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ. ކޮރަޕްޝަނުގެ އެ އަމަލުތަކުގެ ސަބަބުން އެފްއޭއެމްގެ ދަރަނި އޮތީ މިއިން ދުވަހަކު ސަލާމަތް ނުވެވޭ ވަރަށް ބޮޑުވެފަ އެވެ. ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓުވުމުން، އާއްމުންގެ ފޯރިކެނޑި ފުޓްބޯޅަ އެތައް އަހަރެއް ވަނީ ފަހަތަށް ގޮސްފަ އެވެ. އެ ހުރިހާ ކަމަކާ އެކު، ބައްސާމް ދިން ގެއްލުމުން އަރައިގަންނަން އަދި ވަރަށް ދުވަސް ނަގާނެ އެވެ. އެހެންވިޔަސް ފީފާ އިން ބައްސާމް އުމުރަށް ސަސްޕެންޑްކުރުމަކީ ދިވެހި ފުޓްބޯޅަ އަށް ލެވުނު ނޭވާ އެކެވެ. އިންސާފު ލިބިއްޖެ ކަމުގެ ނޭވާއެކެވެ.