ރާއްޖޭގެ ލަގްޒަރީ ރިސޯޓު ކޮންޑްރަޑް މޯލްޑިވްސްގެ ރަންގަލި އައިލެންޑަށް ފޯބްސްގެ ޓްރެވަލް ގައިޑް ފޯސްޓާ އެވޯޑް ލިބިއްޖެ އެވެ.
ރަންގަލި އައިލެންޑަކީ ޑައިވަރުންނާއި ސްނޯކްލިން ހެދުމަށް ޓޫރިސްޓުންގެ މަގްބޫލުކަން ހޯދާފައިވާ ރިސޯޓެކެވެ. އެގޮތުން މަންޓާ ރޭ އާއި ވޭލް ޝާކަށް ހާއްސަ ސަރަހައްދެއް ރަންގަލި ރިސޯޓުގެ މޫދު ސަރަހައްދުގައިވެ އެވެ.
ފޯބްސް ޓްރެވަލް ގައިޑްގެ ސީއީއޯ ފިލިޕް ބޮޔެން ވިދާޅުވީ، ކޮވިޑްގެ ހާލަތުގައި ވެސް ރަންގަލި ރިސޯޓުން ޓޫރިސްޓުންގެ ރައްކާތެރިކަން ވަރަށް ބޮޑަށް ކަށަވަރުކޮށްފައިވާ ކަމަށެވެ.
އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ކާލާ ޕިއުވެރަލް ވިދާޅުވީ، މިއީ އެ ރިސޯޓުގެ މުވައްޒަފުންގެ ވަރަށް ބުރަ މަސައްކަތް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ޓޫރިސްޓުންނަށް އެންމެ ފުރިހަމަ ހިދުމަތްތައް ދިނުމުގައި މަސައްކަތްތައް ބައްޓަންކުރާނެ ކަމަށެވެ.
މީގެ އިތުރުން އަންޑާވޯޓާ ވިލާއަކާއި އަންޑާވޯޓާ ރެސްޓޯރެންޓެއް ވެސް އެ ރިސޯޓުގައި ހުރެ އެވެ. މިއީ ދުނިޔޭގައި ވެސް ހެދި އެންމެ ފުރަތަމަ ކަނޑުއަޑީގެ ވިލާ އާއި ރެސްޓޯރެންޓެވެ.
ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓަކީ އދ. ރަންގަލިފިނޮޅުގައި ހިލްޓަނުން ތަރައްގީކޮށް، ހިންގަމުން އަންނަ މަތީ ފެންވަރުގެ ރިސޯޓެކެވެ. އެ ރިސޯޓުގައި 150 ވިލާ އާއި 12 ރެސްޓޯރަންޓް، ދެ ސްޕާ ވެސް ހިމެނެ އެވެ.