މާލެއިން މުދާ ބަރުކޮށްގެން ގދ. ތިނަދޫއަށް ދަތުރުކުރަމުންދިޔަ ބޯޓެއް ބަނޑުން ޖަހާލައި، އަޑިއަށްދާން ފަށައިފި އެވެ.
ޖަޒީރާ ނަމަކަށް ކިޔާ އެ ބޯޓު ވ. ފެލިދޫ ހުޅަނގު ކަނޑަށް އަޑިއަށްދާ ކަމަށް ފުލުހުންނަށް ރިޕޯޓު ކުރީ 3:26 އެހާކަންހާއިރު އެވެ.
އޭގައި ދަތުރުކުރީ ބިދޭސީ ހަތަރު ފިރިހެނުންނާއި ދިވެހި ތިން ފިރިހެނުން ކަމަށާއި އެ އެންމެން ވެސް "ވިލާ ދުވެލި" ކިޔާ ލޯންޗަކަށް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، އެއްވެސް މީހަކަށް އަނިޔާވި ކަމެއް ނުވަތަ ނޫން ކަމެއް މިހާތަނަށް ސާފުވެފައެއް ނުވެ އެވެ.
ތިނަދޫ މޭޔަރު ސައުދު އަލީ "މިހާރު" އަށް ވިދާޅުވީ އެ ބޯޓު ބަންޑުން ޖަހާލީ ކޮޅިގަނޑެއްގައި ޖެހިގެން ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު މަސައްކަތް ކުރަނީ ބޯޓު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.
"ބަންޑުން ޖަހާލާފައި އޮތީ. އެކަމަކު އެއްކޮށް އަޑިޔަކަށް ނުދޭ. އެ ދޯނި ވެރިމީހާގެ އޮންނާނެ މަސް ދޯންޏެއް. އެ ދޯނި އެތަނަށް ގޮސް ބަނޑުން ޖަހާލި ދޯނީގައި ފީފާ ޖެހުމުގެ މަސައްކަތް ކުރަނީ،" ސައުދު ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯގައި ފެންނަނީ އެ ބޯޓުގެ ބައެއް އަޑިއަށް ގޮސްފައި އޮއްވަ އެވެ.