ގއ. ގެމަނަފުށީގައި ދެ ބިދޭސީއެއްގެ މެދުގައި ރޭ ހިންގި މާރާމާރީއެއްގައި ވަޅިން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި މީހާއަށް އިތުރު ފަރުވާއަށް ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފި އެވެ.
ރޭ 11:00 ހާއިރު ހިންގި އެ މާރާމާރީގައި އަނިޔާވި ބަންގްލަދޭޝަށް ނިސްބަތްވާ ބިދޭސީ މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ގެމަނަފުށީ ސިއްހީ މަރުކަޒުގަ އެވެ. އަދި އެއަށްފަހު، ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ބަދަލުކުރި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިހާރު އެ މީހާއަށް ފަރުވާ ދެމުންދަނީ ތިނަދޫ ހޮސްޕިޓަލްގައި ކަމަށެވެ.
އަނިޔާވި މީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލާއި އޭނާގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ފުލުހުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މާރާމާރީ ހިންގި ސަރަހައްދުން ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ރޭ ފުލުހުން ވަނީ ބުނެފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދިނުމުގެ ތުހުމަތު ކުރެވެނީ ސްރީލަންކާގެ މީހަކަށެވެ.
އެ ހަމަލާގައި އެ މީހާގެ އޭނާ ބަނޑުގެ ފަސް ތަނަކަށް ވަޅިން ހަމަލާ ދީފައިވާކަން ވެސް އެނގިފައިވެ އެވެ.
ފުލުހުން ގެންދަނީ އެ މައްސަލަ ތަހްގީގު ކުރަމުންނެވެ.