ޖަމްޝީދުޕޫރް (ސެޕްޓެމްބަރު 3) – އޮސްޓްރޭލިއާ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ފޯވާޑް ޓިމް ކޭހިލް އިންޑިއަން ސުޕަ ލީގުގައި ވާދަކުރާ ޖަމްޝީދުޕޫރް އެފްސީ އަށް ސޮއިކޮށްފި އެވެ.

އޮސްޓްރޭލިއާ ގައުމީ ޓީމަށް ހަތަރު ވޯލްޑް ކަޕުގައި ކުޅެދީފައިވާ ކޭހިލް ވަނީ މިދިޔަ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. ކްލަބް ލެވެލްގައި އޭނާ އެންމެ ފަހުން ކުޅުނީ، އޭނާ ޕްރޮފެޝަނަލް ކެރިއަރު ފެށި ކްލަބް ކަމަށްވާ އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ މިލްވޯލް އެފްސީ އަށެވެ.

އިންޑިއާގެ ޖަރްކާންދަށް ނިސްބަތްވާ ޖަމްޝީދުޕޫރަކީ އިންޑިއަން ސުޕަ ލީގުގައި ވާދަކުރުމަށް މިދިޔަ އަހަރު އުފެއްދު ކްލަބެކެވެ. ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުގެ ކުރީގެ ކޯޗު ސެސާ ފެރާންޑޯ ކޯޗުކޮށްދޭ ޖަމްޝީދުޕޫރަކީ އިންޑިއާގެ ޓާޓާ ސްޓީލުން ހިންގާ ކްލަބެކެވެ.

"އިންޑިއަން ސުޕަ ލީގުގެ ޖަމްޝީދުޕޫރަށް ސޮއިކުރާކަން މި އިއުލާންކުރަނީ ވަރަށް އުފަލާ އެކު. ކްލަބުގެ ޕްރޮފެޝަނަލިޒަމާއި ހާސިލްކުރަން ބޭނުންވާ އަމާޒުތައް އެނގުމާ އެކު ވަރަށް ހިތްހަމަޖެހުނު،" ކޭހިލް ޓްވީޓްކޮށްފައިވެ އެވެ.

ކޭހިލް ބުނީ އޭނާގެ ތަޖުރިބާ އާއި ލީޑާޝިޕުގެ ސަބަބުން ކްލަބަށް ދަނޑުމަތީގައި އަދި ދަނޑު ބޭރުގައި އެހީތެރިވެވޭނެ ކަމަށެވެ. އަދި ބޭނުންވަނީ ފުޓްބޯޅަ ކުރިއަރުވައި، ކުޑަކުދިންގެ ހިތުގައި މި ކުޅިވަރަށް ލޯބި ޖެއްސުން ކަމަށް ބުނެފައިވެ އެވެ.

މިދިޔަ ސީޒަނުގައި ޖަމްޝީދުޕޫރުން ލީގުގެ ފަސް ވަނަ އަށް ދިޔައިރު އެ ޓީމަށް އެންމެ ބޮޑަށް ދިމާވި މައްސަލައަކީ ލަނޑު ނުޖެހުމެވެ. އެހެންވެ މި މަހު 29 ގައި ފަށާ އާ ސީޒަނުގައި، ކޭހިލާ އެކު އެބައި ހައްލުވާނެ ކަމަށް ބެލެވެ އެވެ.

އޮސްޓްރޭލިއާ ގައުމީ ޓީމަށް 107 މެޗުން 50 ގޯލް ޖަހައިދީފައިވާ ކޭހިލް ވަނީ އެންމެ ބޮޑަށް ފާހަގަވީ 2004 އިން 2012 އަށް ޕްރިމިއާ ލީގުގެ އެވަޓަން އަށް ކުޅުނުއިރެވެ. އޭގެ ފަހުން އެމެރިކާގެ ނިއުޔޯކް ރެޑްބުލްސް އާއި ޗައިނާގެ ޝަންހާއީ ޝެންހުއާ އަދި އޮސްޓްރޭލިއާގެ މެލްބަން އެފްސީ އަށް ކުޅުނެވެ.

މީގެ ފަސް އަހަރު ކުރިން ފެށި އިންޑިއަން ސުޕަ ލީގުގައި މަޝްހޫރު ވަރަށް ގިނަ ކުޅުންތެރިން ވަނީ ކުޅެފަ އެވެ. އޭގެ ތެރޭގައި ބްރެޒިލްގެ ލޫސިއޯ އާއި އުރުގުއޭގެ ޑިއެގޯ ފޯލާނާއި އިޓަލީގެ އަލެސަންދްރޯ ނެސްޓާ އާއި އަލެސަންދްރޯ ޑެލްޕިއޭރޯ އަދި ފްރާންސްގެ ނިކްލަސް އަނެލްކާ ހިމެނެ އެވެ.