ލަންޑަން (މާޗް 29) - ޗެލްސީގެ ފޯވާޑް ގޮންޒާލޯ ހިގުއައިން އާޖެންޓީނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އުމުރުން 31 އަހަރުގެ ހިގުއައިން އަށް އާޖެންޓީނާ ގައުމީ ޓީމުން ފުރުސަތެއް ނުލިބެ އެވެ. އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ވަނީ ހިގުއައިންއާ ބެހޭގޮތުން މީޑިއާ އިން ކުރާ ސުވާލުތަކަށް ސީދާ ޖަވާބެއް ދޭން ދެކޮޅު ހަދައިފަ އެވެ.

ރިޓަޔަމަންޓާ ބެހޭގޮތުން ފޮކްސް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ހިގުއައިން ބުނީ މި އަހަރު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ވެސް ބޯމަތީގައި އޮއްވައި ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމީ ވަރަށް ވިސްނުމަށް ފަހު ކަމަށާއި މިއީ ހަޔާތުގައި ނިންމި އެންމެ އުނދަގޫ އެއް ނިންމުމަށް ވާނެ ކަމަށެވެ.

"އަހަރެން މި ނިންމުން ނިންމި އެންމެ ބޮޑު ސަބަބަކީ އާއިލާ އާއި އަހަރެންގެ އަންހެން ދަރިފުޅާ އެކު ގިނަ ވަގުތު ހޭދަކުރަން. އަހަރެން ގައުމީ ޓީމާ ވަކިވާން ނިންމާއިރު ޓީމުގައި ހޭދަކުރި ކޮންމެ ވަގުތެއްގައި ޓީމަށްޓަކައި ކޮށްދޭވޭނެ ހުރިހާ ކަމެއް ކޮށްދިނިން. އެކަމާ ފަހުރުވެރިވޭ،" ހިގުއައިން ބުންޏެވެ.

ގައުމީ ޓީމަށް ކުޅުނުއިރު ހިގުއައިން އަށް އެންމެ ބޮޑު ފާޑުކިއުންތަކެއް އަމާޒުވީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލާއި 2015 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފައިނަލުގައި އޭނާ އަތުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ބޭކާރުވުމުންނެވެ.

ހިގުއައިން ބުނީ ގައުމީ ޓީމު މޮޅުކޮށްދޭން ހުރިހާ ގޮތަކުން ވެސް މަސައްކަތްކުރި ކަމަށާއި އެކަމަކު އަމާޒުވި ފާޑުކިއުންތަކުގެ ސަބަބުން އޭނާ އާއި އާއިލާ އަށް ގިނަ ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ.

"ގިނަ މީހުން ހަނދާނުގައި ހުންނަނީ އަހަރެން ޖަހައިދިން ގޯލުތަކަށް ވުރެން އަހަރެން އަތުން ގެއްލުނު ފުރުސަތުތައް. ޔަގީން ބެލްޖިއަމް ކޮޅަށް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި އަހަރެން ޖެހިގޯލަށް ފަހު އެންމެން ވެސް އުފާފާޅުކުރާނެކަން،" ހިގުއައިން ބުންޏެވެ.

ޔުވެންޓަސްގެ ލޯން އެއްބަސްވުމެއްގެ ދަށުން ހިގުއައިން މިހާރު އަންނަނީ އިންގްލެންޑްގެ ޗެލްސީ އަށް ކުޅެމުންނެވެ. އޭނާ ޗެލްސީ އަށް ބަދަލުވުމުގެ ފަހަތުގައި އެންމެ ބޮޑު ރޯލެއް އަދާކުރީ އެ ޓިމުގެ ކޯޗު މައުރީޒިއޯ ސާރީ އެވެ. ސާރީ އާއި ހިގުއައިން ވަނީ ނަޕޯލީގައި އެކުގައި މަސައްކަތްކޮށްފަ އެވެ.

"މި ވަގުތު އަހަރެންގެ ފޯކަސް ހުރީ ޗެލްސީގެ އަމާޒުތަކަށް ވާސިލްވުމަށް. ޕްރިމިއާ ލީގަކީ ވަރަށް ވާދަވެރި އެކަމަކު ވަރަށް ޝައުގުވެރި ވެސް ލީގެއް،" ކުރިން އޭސީ މިލާނާއި ރެއާލް މެޑްރިޑަށް ކުޅުނު ހިގުއައިން ބުންޏެވެ.

އާއިލީ ގުޅުމުގެ ސަބަބުން ފްރާންސަށް ކުޅުމުގެ އިހުތިޔާރު އޮތް ނަމަވެސް ހިގުއައިން ނިންމީ އާޖެންޓީނާ އަށް ކުޅޭށެވެ. އާޖެންޓީނާ އަށް މިހާތަނަށް ކުޅެދިން 75 މެޗުން އޭނާ ވަނީ 31 ގޯލު ޖަހައިފަ އެވެ.