މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން 63 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހުޅުމާލޭގައި އޮފީސް އިމާރާތެއް އަޅަން މެޑްޓެކް ކުންފުންޏާ ހަވާލުކޮށްފި އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު ވިދާޅުވީ، އެ މަސައްކަތް ހަވާލުކުރުމަށް ދެ ފަހަރެއްގެ މަތިން ހުޅުވާލުމުން ވެސް ކުރިމަތިލީ މެޑްޓެކުން އެކަނި ކަމަށެވެ. މެޑްޓެކަކީ ސިއްހީ ހިދުމަތްތަކަށް ބޭނުންވާ އިކުއިޕްމެންޓާއި އެފަދަ ސާމާނު ރާއްޖެއަށް އެތެރެކޮށް ވިއްކާ ކުންފުންޏެވެ. އޭގެ އިތުރަށް ލެބޯރެޓަރީއަކާއި ކްލިނިކްތައް ވެސް އެކުންފުނިން ހިންގަ އެވެ.

ހަމީދު ވިދާޅުވީ، ދެ އަހަރު ތެރޭގައި ނިންމާ ގޮތަށް މެޑްޓެކާ އެ މަސައްކަތް ހަވާލުކުރީ ކޮންޓްރެކްޓަ ފައިނޭންސިން އުސޫލުން ކަމަށެވެ. ހައްޖު ކޯޕަރޭޝަނުން މެޑްޓެކާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން ޕްރޮޖެކްޓް އަގު ދައްކަން ޖެހޭނީ މަސައްކަތް ނިންމާތާ ހަ އަހަރު ތެރޭ ކަމަށެވެ.

"ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ޓެކްނިކަލް އިވެލުއޭޝަނެއް ހެދިން. މި ކުންފުނި އުފެދުނީއްސުރެ މިހާ ހިސާބަށް އައި އިރު ހަތް ފަހަރު ހައްޖަށް މީހުން ފޮނުވި އިރު އެއްވެސް ފަހަރަކު ނެތޭ ޕްރޮފިޓުގައި އެކަން ކޮށްފައެއް. މާކެޓް ރޭޓަށްވުރެ މާ ދަށް އަގެއްގައި މިކަން ކުރަނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު ވެސް ހައްޖަށް މީހުން ފޮނުވަނީ ސަބްސިޑައިޒް އަގުތަކެއް ކަމަށާއި އެކަންކަން ހަމަޖައްސަން ހައްޖު ފަންޑުން އިންވެސްޓްކުރަން ޖެހޭ ކަމަށެވެ. އެ ކުންފުނި އުފެއްދި އުސޫލުގެ ތެރޭގައި ވެސް އެކަމަށް އެ ފުރުސަތު އެބަ އޮތް ކަމަށާއި ވޭތުވެދިޔަ ދުވަސްތަކުގައި ވެސް އައީ ފަންޑުގެ ފައިސާ އިންވެސްޓް ކުރަމުން ކަމަށެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުން 5،000 އަކަފޫޓުގެ ބިމެއް ހައްޖު ކޯޕަރޭޝަނުން ގަތީ މިދިޔަ އަހަރު އެވެ. އެ ބިމުގެ އަގު އެ ކޯޕަރޭޝަނުން ހާމައެއް ނުކުރެ އެވެ. ހަމީދު ވިދާޅުވީ، އެފައިސާ އާބަންކޯއަށް ދައްކަން ޖެހެނީ ތިން އަހަރަށް ބަހާލައިގެން ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ކުންފުނި ވޭތުވެދިޔަ 10 އަހަރު ހިންގީ، ފަންޑަށް ޖަމާކުރާ ފައިސާ، އިސްލާމިކް އިންސްޓްރޫމަންޓާއި ޓީބިލާއި އިންވެސްޓްމެންޓް އެކައުންޓުތަކުގައި އިންވެސްޓް ކޮށްގެން ކަމަށެވެ. އެގޮތަށް އެ ކުންފުންޏަށް އަހަރު ހަތް ވަރަކަށް މިލިއަން ރުފިޔާ ލިބޭ ކަމަށް ވިދާޅުވި އެވެ. އާ އިމާރާތާ އެކު އެ ކުންފުންޏަށް ހަމައެކަނި އެ އިމާރާތުން ވެސް 12 މިލިއަން ރުފިޔާ އަހަރަކު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ފޯކާސްޓު ކުރެވިފައި އޮތް ގޮތުން ގާތްގަނޑަކަށް އަހަރެއްގެ މައްޗަށް އެ ބިލްޑިންގުން ރެންޓުގެ ގޮތުގައި އެބަ ލިބޭ 12 މިލިއަން ރުފިޔާ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ނުވަ ބުރީގެ އިމާރާތުން ކުންފުނިން ބޭނުންކުރާނީ ދެ ފްލޯ ކަމަށާއި ބާކީ ފްލޯތައް ކުއްޔަށް ދޭނީ ކަމަށެވެ. އޭނާ ވިދާޅުވީ، އާމްދަނީ އިތުރުވާ ވަރަކުން މީހުން ހައްޖަށް ފޮނުވާ ރޭޓުތައް ވެސް ކޮންމެވެސް ވަރަކަށް ކުޑަ ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނަށް މިދިޔަ އަހަރު 50 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެހެން ނަމަވެސް އެކުންފުންޏަށް އަދި މިހާތަނަކަށް ފައިދާއެއް ނުވެ އެވެ. މިދިޔަ އަހަރު ވެސް 39 މިލިއަން ރުފިޔާގެ ގެއްލުމެއް ވަނީ ލިބިފަ އެވެ.