ރާއްޖޭން މިއަހަރު ހައްޖަށް ދިޔަ ހައްޖުވެރިންގެ ތެރެއިން، އެކަކު ފިޔަވައި ހުރިހާ ހާޖީން އަރަފާތު ބިމަށް ޖަމާވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ހައްޖަށް ދިޔަ ހުރިހާ ދިވެހިން އަރަފާތަށް ދިއުމަށް ދަތުރު ފަށާފައިވަނީ ސައުދީ ގަޑިން ރޭ 9 ޖެހިއިރެވެ.

މިނިސްޓަރު މިއަދު ފަތިހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ މިވަގުތު އަރަފާތު ބިމަށް ނުދެވުނީ މިނާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން އަންނަ ހާޖީއަކަށް ކަމަށެވެ.

ދިވެހި ހައްޖުވެރިން އަރަފާތުގައި-- ފޮޓޯ: ހައްޖު ކޯޕަރޭޝަން
ދިވެހި ހައްޖުވެރިން އަރަފާތުގައި-- ފޮޓޯ: ހައްޖު ކޯޕަރޭޝަން

"އެއް ހާޖީއަކު މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ފަރުވާއެއް ދެވެމުންދަނީ އިންޝާﷲ އެބޭފުޅާވެސް އަރަފާތަށް ގެންދެވޭނެ. ހައްޖު ކޯޕަރޭޝަންގެ އެހީތެރިން ދަނީ އެބޭފުޅާއެކު ހަރަކާތްތެރިވެ އެހީތެރިވަމުން. ހުރިހާކަމެއް ވެސް ރަނގަޅު. އަލްހަމްދު ލިﷲ،" ޝަހީމް ވިދާޅުވި އެވެ.

މިއަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެ މިލިއަނެއްހާ މުސްލިމުން އަރަފާތު ބިމަށް ޖަމާވެ، ހައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ އަރަފާތް ދުވަހުގެ އަޅުކަން ފުރިހަމަކުރާ ބަރަކާތްތެރި ދުވަހެވެ.

ދިވެހި ހައްޖުވެރިން އަރަފާތުގައި-- ފޮޓޯ: ހައްޖު ކޯޕަރޭޝަން
ދިވެހި ހައްޖުވެރިން އަރަފާތުގައި-- ފޮޓޯ: ހައްޖު ކޯޕަރޭޝަން

ހުރިހާ ހައްޖުވެރިން ވެސް މިރޭ މުޒްދަލިފާއަށް ނުކުންނާނެ އެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެ އެވެ.

ހައްޖު ކޯޕަރޭޝަނުން ކުރިން ބުނެފައި ވަނީ މި ފަހަރު ދިވެހި ހައްޖުވެރިން ސައުދީގައި 22 ދުވަހު ތިބޭނެ ކަމަށެވެ. ހައްޖު ނިންމުމަށް ފަހު ދިވެހިން އެނބުރި ރާއްޖެ އައުމަށް ފުރާނީ އަންނަ މަހުގެ ފަހަކުން ފެށިގެންނެވެ.