އުމްރާ އަށް މީހުން ގެންދާ ގްރޫޕްތަކުން މީހުންނަށް އިހުމާލުވުން ހުއްޓުވަން، ހައްޖާއި އުމްރާއާ ބެހޭ ގާނޫނެއް ހަދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ އުމްރާ ގްރޫޕްތަކުން އިހުމާލުވާ މައްސަލަ އަށް އަދުލުވެރި ހައްލެއް ގެނެވޭނީ އެކަމަށް ހާއްސަ ގާނޫނެއް އެކުލަވާލައިގެން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެފަދަ ގާނޫނެއް ހަދަން އިސްލާމިކް މިނިސްޓްރީން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން ވުޒާރާގެ ފަރާތުން މަސައްކަތް ކުރަމުން އެބަ ގެންދަން ދިވެހިރާއްޖޭގެ ހައްޖާއި އުމްރާގެ ކަންތައްތަކާ ގުޅޭ ގޮތުން ގާނޫނެއް އެކުލަވާލަން އަދި މި ގާނޫނުގެ ތެރޭގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ދައުރު ވެސް ފުރިހަމަ އަށް ބަޔާން ވެފައި އޮތުމާއި އަދި އަމިއްލަ ކުންފުނިތަކަށް ވެސް ދައުރެއް ބަޔާން ކޮށްފައި އޮތުމާއި އަދި އެ މީހުން ކުރާ ކުށްތަކަށް އަދަބު ދެވޭނެ ނުވަތަ ގާނޫނީ ގޮތުން ހަރުދަނާ ފިޔަަވަޅުތަކެއް އެޅޭނެ ނިޒާމެއް ގާއިމްކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
އެއީ ކުރަންޖެހޭ ކަމެއް ކަމަށާއި އެހެން ގައުމުތަކުގައި ވެސް އެކަން އޮންނަނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. ހައްޖާއި އުމްރާއަށް މީހުން ގެންދިއުމަކީ ފައިސާއާ ގުޅުން ހުރި ކަމަކަށް ވާތީ އާއި އެއީ ރައްޔިތުންގެ ވަރަށް މަތީ މަސްލަހަތުތަކާ ގުޅުން ހުރި ކަމަކަށް ވާތީ އެކަމަށް ގާނޫނެއް އަންނަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މިކަން [އުމްރާ ގްރޫޕްތަކުން މީހުންނަށް އިހުމާލުވުން] ހުއްޓޭނީ މިކަމަށް ހަރުދަނާ ގާނޫނީ ފިޔަވަޅުތަކެއް އެޅިގެން. އެހެންވީމާ އިރާދަކުރެއްވިއްޔާ މާ ދުުރު ނޫން މުސްތަގުބަލެއްގައި އަޅުގަނޑުމެން މަސައްކަތް ކުރާނަން [ގާނޫނެއް ހަދަން]،" ޝަހީމް ވިދާޅުވި އެވެ.
ހައްޖާއި އުމްރާއާ ގުޅޭ ގާނޫނެއް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތާއީދު ކުރައްވަން ވެސް ޝަހީމް މިއަދު އެދިވަޑއިގަތެވެ.
ހައްޖާއި އުމްރާ އަށް މީހުން ގެންދާ ގްރޫޕްތަކުން ފައިސާ ނެގުމަށް ފަހު މީހުން ނުގެންދިއުމުގެ މައްސަލަ ރާއްޖޭގައި ފަހަކަށް އައިސް ގިނަވި އެވެ. އެކަމަށް ހައްލެއް "ހައްޖު ކޯޕަރޭަޝަން"ގެ ނަމުގައި ދައުލަތުގެ ކުންފުންޏެއް އުފެއްދީ ވެސް އެހެންވެ އެވެ.