ދުންފަތާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވާ މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކަށް އަހަރަކު ތިން މިލިއަން ރުފިޔާ ދޫކުރުމާ ބެހޭ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ. 

އެ އުސޫލުގައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ގާއިމުކޮށްފައިވާ ރާއްޖޭގެ ޕަބްލިކް ހެލްތު ފަންޑުން އާންމު ސިއްހަތު ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ދުންފަތް ކޮންޓްރޯލްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކަށް މާލީ އެހީ ދިނުމުގައި އަމަލުކުރާނެ އިޖުރާއަތްތައް ބަޔާންކުރެ އެވެ. 

އުސޫލުގައިވާ ގޮތުން އެކަމަށް މާލީ އެހީދިނުމުގެ މަގުސަދަކީ ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގާ މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ ތެރެއިން ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމާއި މުޖުތަމައުތަކުގެ ސިއްހަތު ރައްކާތެރިކުރުމަށް ބާރު އަޅައި، ހެކިތަކުގެ މައްޗަށް ބިނާވެފައިވާ އަދި ސަރުކާރުން އެ ދާއިރާގައި ކުރަމުންދާ މަސައްކަތްތަކާއި ހިންގާ ސިޔާސަތުތަކާ ފުށުނާރާ ހަރަކާތެއް ނުވަތަ ހަރާކާތްތައް ހިންގުމަށް މާލީ އެހީ ދިނުމެވެ. 

މާލީ އެހީގެ ގޮތުގައި ކޮންމެ އަހަރަކު ތިން މިލިއަން ރުފިޔާ ދޫކުރާނީ ހުށަހަޅާ ހުށަހެޅުންތައް ވަޒަންކުރުމަށްފަހުގަ އެވެ. 

އުސޫލުގައި ވަނީ މާލީ އެހީ ދޭނެ ގިންތިތަކެއް ވެސް ބަޔާންކޮށްފަ އެވެ. އޭގެ ތެރޭގައި ހަމައެކަނި ވަކި މުޖުތަމައުއަކަށް ނުވަތަ ރަށަކަށް އަމާޒުކުރެވޭ ހަރަކާތްތަކުގައި އެހީގެ އެންމެ މަތީ އަދަދަކީ 75،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދެކެވެ. އަދި ޖުމްލަކޮށް ރާއްޖޭގެ އެންމެނަށް ފައިދާކުރާނެ ގޮތަށް ހަރަކާތް ހިންގާ ނަމަ، 100،000ރ. އާއި 300،000ރ. އާ ދެމެދުގެ އަދަދެއް ދޫކުރާނެ އެވެ. 

އެއް ސަރަހައްދަށް ވުރެ ގިނަ ސަރަހައްދުތަކުގައި އަމަލީ މަސައްކަތްކުރާ ނަމަ، 300،000ރ. އާއި 500،000ރ. އާ ދެމެދުގެ އަގެއް އެހީގެ ގޮތުގައި ދޫކުރާނެ އެވެ. 

އުސޫލުގައިވާ ގޮތުން ކޮންމެ ހުށަހެޅުމެއްގައި އިދާރީ ހަރަދުގެ ގޮތުގައި ހިމެނުމަށް ގިނަވެގެން ކަނޑައެެޅޭނީ ހުށަހަޅާ އަދަދުގެ 20 ޕަސެންޓް އެވެ. 

މާލީ އެހީ ދިނުމަށް ހަމަޖެހިފައިވާ ދުންފަތް ކޮންޓްރޯލްކުރުމުގެ ދާއިރާތަައް: 

  • ދުންފަތުން ރައްކާތެރިވުމާއި ދުންފަތތުން ރައްކާތެރިވުމަށް އާންމުން ހޭލުންތެރިކުރުން. 
  • ދުންފަތުން ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގައި ޒުވާނުން ބައިވެރިކުރުމާއި އެކަމަށް ޒުވާނުން ހޭލުންތެރިކަން އިތުރުކުރުން. 
  • ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް އެހީތެރިކަން ފޯރުކޮށްދިނުން. 
  • ދުންފަތުގެ ދުން ނެތް މާހައުލެއް ބިނާކުރުމަށް މުޖުތަމައުގެ ފެންވަރުގައި ވަކާލާތުކުރުން. 
  • ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ދުންފަތާއި ނިކޮޓިން އެކުލެވޭ އުފެއްދުންތައް ބޭނުންކުރުން ހުއްޓުވުން. 
  • ގައުމީ ފެންވަރުގައި ދުންފަތް ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވެދޭ އެހެނިހެން ހަރަކާތްތައް. 

އެ އުސޫލުގައި ވަނީ މާލީ އެހީއަށް އެދި ހުށަހަޅާފައި ފަރާތްތަކުގެ ޝަރުތަކެއް ވެސް ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމިއްޔާތަކާއި ޖަމާއަތަކަށްވުމާއި އެހީގެ ދަށުން ކުރުމަށް ހުށަހަޅާ ކަންކަމަކީ މާލީ އެހީ ދިނުމަށް ހަމަޖެހިފައިވާ ދުންފަތް ކޮންޓްރޯލްކުރުމުގެ ދާއިރާތަކަށް ނިސްބަތްވާ ކަމަކަށްވާންޖެހެ އެވެ. އަދި ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން އަހަރެއްވެފައިވާ ބަޔަކަށް ވާންޖެހެ އެވެ. 

މާލީ އެހީ ހޯދުމަށް ވަކިން ނުވަތަ ޖޮއިންޓް އެޕްލިކޭޝަނެއް ވެސް ހުށަހެޅިދާނެ އެވެ. އެކަމަކު ޖޮއިންޓްކޮށް ހުށަހަޅާ ފަރާތްތަކުގެ މެދުގައި އެ މަސައްކަތްކުރުމަށް އެއްބަސްވުމެއް އެކުލަވައިލާފައި އޮންނަން ޖެހެ އެވެ. 

އުސޫލުގައި ބުނީ ކޮންމެ ކެޓަގަރީއަކުން އެހީއަށް އެދި ހުށަހަޅާ އަދަދަކީ އެ ކެޓަގަރީއަކަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރުނުވާ އަދަދަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެހީއަށް އެދޭ ފަރާތް ނުވަތަ ފަރާތްތަކަކީ ދުންފަތުގެ ބާވަތެއްގެ ވިޔަފާރިކުރުމުގައި ހަރަކާތްތެރިވާ ނުވަތަ އެފަދަ ވިޔަފާރިއަކާ ގުޅުންހުރި ފަރާތެއް ކަމުގައި ވެގެން ނުވެ އެވެ. 

އެހީއަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގެ ހުރިހާ މަރުހަލާއަކުން ފާސްވާންޖެހެ އެވެ. އަދި ހުށަހެޅުންތައް ވަޒަންކުރުމުގައި ބަލާ މިންގަނޑުން ވަޒަންކުރުމުން ލިބޭ ޖުމްލަ މާކްސް 70 އަށް ވުރެ މަދުވެގެން ނުވެ އެވެ. 

އެކަމާ ގުޅިގެން ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރާނީ ހެލްތު މިނިސްޓަރު އެކުލަވާލާ ހަތް މެމްބަރުންގެ އެވޯޑިން ކޮމެޓީއަކުންނެވެ. އެ ކޮމެޓީގައި މިނިސްޓްރީން ކަނޑައަޅާ ދެ މުވައްޒަފަކު ހިމެނެން ޖެހެ އެވެ. އޭގެ ތެރެއިން އެކަކީ ސިއްހީ ވުޒާރާގެ ފައިނޭންސް ޑިވިޝަން ތަމްސީލުކުރާ އިސް މުވައްޒަފަކަށްވާންޖެހެ އެވެ. އަދި ޔޫތު އެޑްވައިޒަރީ ބޯޑުގެ މެމްބަރަކާއި ލޯކަލް ގަވާމަންޓް އޮތޯރިޓީން ކަނޑައަޅާ އިސް މުވައްޒަފަކާއި އެޗްޕީއޭ އިން ކަނޑައަޅާ އެ އިދާރާގެ ޓޮބޭކޯ ކޮންޓްރޯލް ސެކްޝަނުގެ އިސް މުވައްޒަފަކާއި ޕަބްލިކް ހެލްތު ފަންޑް ކޮމިޓީގެ ބޯޑުގެ މެމްބަރަކާއި ހޯމް މިނިސްޓްރީގެ އިސް މުވައްޒަފަކު ހިމަނަންޖެހެ އެވެ.

ތިން އަހަރު ދުވަހަށް އެކުލަވާލައި އެ ކޮމެޓީގައި ކުރާ މަސައްކަތްތަކަށް ފައިސާގެ އެއްވެސް އިނާޔަތެއް ނުވަތަ އުޖޫރައެއް ނުދޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.