ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ޑެންގީ ހުން ފެތުރުމުން ދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން މިއަދު ބުނެފި އެވެ.

އެތަނުން ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުން 430 މީހުންނަށް ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެޗުޕީއޭ އިން ބުނި ގޮތުގައި ކުރިޔަށް އޮތީ ހުޅަނގު މޫސުމް ކަމުން، އެހެން އަހަރުތަކެކޭ އެއްގޮތަށް، ޑެންގީ ހުން ފެތުރި ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

މިދިޔަ އަހަރު 1962 މީހުންނަށް ޑެންގީ ޖެހިފައިވެ އެވެ. އަދި މިދިއަަ އަަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު އެ ހުން ޖެހުނު މީހުންގެ އަަދަދު އުޅުނީ 482 ގަ އެވެ.

އެޗުޕީއޭ އިން ބުނީ މަދިރި އާލާވުން މަދުކުރުމާއި ޑެންގީ އަށް އާއްމުން ހޭލުންތެރިކޮށް ފަރުވާދިނުމުގެ ނިޒާމް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިދުވަސްވަރު ޑެންގީ ހުން އިތުރުވާ މިންވަރު މޮނިޓަކޮށް، ހުން ފެތުރޭ ރަށްރަށުގައި އެކަން ކޮންޓްރޯލްކުރާނެ ގޮތުގެ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ދާދި ފަހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްވައިން ފްލޫ ފެތުރި ހަ މީހަކު ވަނީ މަރުވެފަ އެވެ.