އަންކާރާ (މާޗް 14) - ތުރުކީ ސަރުކާރުން ކުރިއަށް ގެންދާ ކެމްޕޭން އެއްވުންތަކެއް ހޮލެންޑުގައި ބޭއްވުން މަނާކުރުމާ ގުޅިގެން ހޮލެންޑާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އެ ގައުމުގެ ސަފީރު އަންކާރާ އަށް އަނބުރާ ދިއުން މަނާކޮށްފި އެވެ.

ތުުރުކީގެ ރައީސްގެ ބާރުތައް ފުޅާ ކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނަގާތީ ހޮލެންޑުގައި ދިރިއުޅޭ ތުރުކީ މީހުންނަށް އަމާޒުކޮށް ބާއްވަން އުޅުނު ކެމްޕޭން އެއްވުމަކަށް ހުރަސް އަޅާފައިވާތީ ރައްދުގައި ތުރުކީން ވަނީ ދެ ގައުމުގެ މެދުގައި ކުރިއަށްދާ މަތީ ފެންވަރުގެ ސިޔާސީ މަޝްވަރާތައް ވެސް ސަސްޕެންޑްކޮށްފަ އެވެ.

ހޮލެންޑުގެ އިތުރުން ޖަރުމަނާއި އޮސްޓްރިއާ އަދި ސްވިޒަލެންޑުގައި ވެސް ތުރުކީން ބާއްވަން އުޅުނު އެއްވުންތައް ވަނީ ހުއްޓުވައިފަ އެވެ.

އަންކަރާގައި ހުންނަ ހޮލެންޑުގެ އެމްބަސީގެ ބޭރުގައި ތުރުކީ ސިފައިން ސަލާމަތީ ކަންކަން ބަހަލައްޓަނީ. --ފޮޓޯ:އޭއެފްޕީ
އަންކަރާގައި ހުންނަ ހޮލެންޑުގެ އެމްބަސީގެ ބޭރުގައި ތުރުކީ ސިފައިން ސަލާމަތީ ކަންކަން ބަހަލައްޓަނީ. --ފޮޓޯ:އޭއެފްޕީ

އަނެއްކޮޅުން ހޮލެންޑުން ވަނީ އެ ގައުމުގެ ރައްޔިތުން ތުރުކީ އަށް ދަތުރު ނުކުރުމަށް އިއްޔެ އިލްތިމާސްކޮށްފަ އެވެ.

ހޮލެންޑުން ބުނެފައި ވަނީ ތުރުކީން ބާއްވަން އުޅުނު އެއްވުންތައް މަނާކުރީ ހޮލެންޑުގައި ވެސް އިންތިޚާބު ބާއްވަން ކައިރިވެފައިވާ އިރު ސަލާމަތީ ސަބަބަކަށްޓަކައި ކަމަށެވެ. ޖަރުމަނުން ބުނެފައި ވަނީ އެހެން ގައުމެއްގެ ސިޔާސީ ހަރަކާތްތައް އެ ގައުމުގައި ނުބޭއްވޭނެ ކަމަށެވެ.

ޔޫރަޕުގެ އެކި ގައުމުތަކުގައި ތުރުކީގެ ގިނަ ބަޔަކު އުޅޭތީ ތުރުކީން ދަނީ އެ ގައުމުތަކުގައި ކެމްޕޭން އެއްވުންތައް ބާއްވަމުންނެވެ. ތުރުކީން ބޭރުގައި 5.5 މިލިއަން މީހުން ދިރި އުޅެ އެވެ. ޖަރުމަނުގައި އެކަނި ވެސް ތުރުކީގެ 1.4 މިލިއަން މީހުން އުޅެ އެވެ.

ތުރުކީގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގާނީ އަންނަ މަހު 16 ގަ އެވެ. ވޯޓު ކާމިޔާބު ވެއްޖެ ނަމަ ވަޒީރުން އައްޔަން ކުރުމާއި ވަކިކުރުމާއި ބަޖެޓް ތައްޔާރު ކުރުމާއި ބައެއް ފަނޑިޔާރުން އައްޔަން ކުރުމުގެ އިތުރުން ބައެއް ގާނޫނުތައް އުވާލުމުގެ ބާރު ރައީސް އަށް ލިބިދެވޭނެ އެވެ.