ޓިއުލިޕްގެ މަލުގެ ބަގީޗާތަކުގެ ސަބަބުން ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ހޮލެންޑުން އެ ނަން ބޭނުންކުރުން ރަސްމީކޮށް ހުއްޓާލައި ގައުމު ރިބްރޭންޑްކުރަން ނިންމައިފި އެވެ.

ހޮލެންޑްގެ ރަސްމީ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުނީ "ހޮލެންޑް" ގެ ބަދަލުގައި އެ ގައުމު ދުނިޔޭގެ މަސްރަހުގައި ކުރިއަށް ދާން ނިންމާފައި ވަނީ ރަސްމީ ނަމުގެ ގޮތުގައި ކަނޑައާފައި އޮންނަ "ދަ ނެދަލެންޑްސް" ގެ ނަމުގަ އެވެ.

މި ބަދަލާ އެކު ގައުމު ރިބްރޭންޑްކުރާ އިރު، ހޮލެންޑް ޕްރޮމޯޓްކުރަން ބޭނުންކުރާ ލޯގޯގައި އިންނަ ޓިއުލިޕް މާ ވެސް އުވިގެން ދާނެ ކަމަށްވެ އެވެ. އެކަމަކު ލޯގޯގައި ކުރިއަށް އޮތް ތަނުގައި ވެސް ބޭނުންކުރާނީ މިހާރު ވެސް ބޭނުން ކުރާ އޮރެންޖް ކުލަ އެވެ.

ހޮލެންޑް އިޝްތިހާރުކުރަން ބޭނުންކުރާ ލޯގޯ.
ހޮލެންޑް އިޝްތިހާރުކުރަން ބޭނުންކުރާ ލޯގޯ.

މީޑިއާތަކުން ބުނިގޮތުގައި "ދަ ނެދަލެންޑްސް" ގެ ނަމުގައި ހޮލެންޑް ރިބްރޭންޑްކުރާތީ އެކަން ކުރިއަށް ދާނެ ގޮތުގެ އުސޫލުތައް މި އަހަރުގެ ފަހުކޮޅު އިއުލާންކުރާނެ އެވެ. އަދި ރިބްރޭންޑިންއާ އެކު ގެންނަ ބަދަލުތައް އަންނަ އަހަރު ޖަޕާނުގެ ޓޯކިއޯގައި ބާއްވާ އޮލިމްޕިކްސް ގޭމްސް އާއި އަންނަ އަހަރުގެ މެއި މަހު ފަށާ ޔޫރޯވިޝަން ސޯންގް ކޮންޓެސްޓްގައި ވެސް ހޮލެންޑުން ދައްކައިލާނެ އެވެ.

ހޮލެންޑްގެ ޓޫރިޒަމް އިޝްތިހާރުކުރަން ވެސް ކުރިއަށް އޮތް ތަނުގައި ބޭނުންކުރާނީ ނެދަލެންޑްސް އެވެ. އެކަމަށް ހާއްސަކޮށްގެން ހަދާފައިވާ ސައިޓް ހޮލެންޑް.ކޮމްގެ ނަން ވެސް ނެދަލެންޑްސް އަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ. އަދި ހޮލެންޑަކީ ވޯލްޑް ކަޕްގައި ވެސް ވާދަކުރާ ގައުމަކަށްވާތީ ކުރިއަށް އޮތް ތަނުގައި ގައުމީ ޓީމަށް ވެސް ހޮލެންޑް ކިޔުން ހުއްޓައިލާނެ އެވެ.

ހޮލެންޑް ޓިއުލިޕް ބަގީޗާއެއް: އެ ގައުމުގެ އެންމެ ހާއްސަ އެއް ސިފައަކީ މިއީ.
ހޮލެންޑް ޓިއުލިޕް ބަގީޗާއެއް: އެ ގައުމުގެ އެންމެ ހާއްސަ އެއް ސިފައަކީ މިއީ.

މި ބަދަލުތަކާ ގުޅޭގޮތުން ހޮލެންޑްގެ ފޮރިން އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ ގައުމު ރިންބްރޭންޑް ވުމުން ވަރަށް ގިނަ ގޮތްގޮތުން ގައުމަށް އެދެވޭ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އެ ގައުމާ ދޭތެރޭ މީހުން ދެކޭ ގޮތަށް ކުރިއަށް އޮތް ތަނުގަގައި ބޮޑު ބަދަލެއް އައިސް ގައުމުގެ ތަސައްވުރު ބައިނަލްއަގްވާމީ މައިދާނުގައި އުފުލިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ އުނދަގޫ އަދި ހަރަދު ބޮޑު މަސައްކަތަކަށްވިޔަސް މިއީ ހޮލެންޑްގެ ކުރިމަގާ ގުޅިފައި އޮތް ކަމެއް ކަމަށެވެ.