ލޯބިވެރިޔާގެ އިންތިޒާރުގައި އެއާޕޯޓުގައި 10 ދުވަސް ހޭދަކޮށްފި

ބެއިޖިން (އޮގަސްޓް 2) - އޮންލައިންކޮށް ލޯބީގެ ގޮތުން ގުޅުނު ޗައިނާގެ އަންހެނަކު ހޯދަން ހޮލެންޑުގެ ފިރިހެނަކު ހުނާން ޕްރޮވިންސަށް ގޮސް ލޯބިވެރިޔާ އާދޭތޯ ބެލުމަށް އެއާޕޯޓުގައި 10 ދުވަސް ހޭދަކޮށްފި އެވެ.


އުމުރުން 41 އަހަރުގެ އެލެގްޒެންޑާ ޕިއެޓާ ކިރްކު ވަނީ އޭނާގެ ޗައިނާގެ ލޯބިވެރިޔާ ޒަންގްއާ ބައްދަލުވެވޭނެ ކަމުގެ އުއްމީދުގައި ދާދި ފަހުން ހޮލެންޑުން ޗައިނާގެ ހުނާން ޕްރޮވިންސަށް ދަތުރުކޮށްފަ އެވެ. އެކަމަކު ޗަންގްޝާ އެއާޕޯޓުގައި 10 ދުވަސް ހޭދަކުރި އިރު ވެސް އޭނާ ބަލައި ލޯބިވެރިޔާއެއް ނާދެ އެވެ. އެންމެ ފަހުން ގައި ބާރު ދެރަވެ ހާލު ބޮޑުވުމުން ކިރްކު ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންޖެހިފަ އެވެ.

ޗައިނާގެ ބައެއް މީޑިއާތަކަށް ކިރްކު ބުނީ 26 އަހަރުގެ ޒަންގްއާ އޭނާ ބައްދަލުވީ މީގެ ދެ މަސް ކުރިން އޮންލައިން އެޕެއް މެދުވެރިކޮށް ކަމަށެވެ. އޭގެ ފަހުން ދެ މީހުންގެ ލޯބި ވަރަށް ބޮޑަށް ތަރައްގީވި ކަމަށް އޭނާ ބުންޏެވެ. އަދި އެންމެ ފަހުން އޭނާ ގަސްދުކުރީ ޗައިނާ އަށް ގޮސް ލޯބިވެރިޔާއާ ބައްދަލު ކުރަން ކަމަށް ވެސް ބުންޏެވެ.

އެއާޕޯޓުގައި 10 ދުވަސް ހޭދަކުރުމުން ހާލު ދެރަވުމުން ޕީޓާ ކިރްކު ވަނީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައި.

ހުނާން ޓީވީން ބުނީ 10 ދުވަސްވީ އިރު ވެސް އެއާޕޯޓުން ދާން ކިރްކު ބޭނުން ނުވި ކަމަށެވެ. ކިރްކުގެ ރިޕޯޓް ދެއްކުމަށް ފަހު އެ ޓީވީ ޗެނަލުން ޒަންގްއާ ގުޅުމުން ބުނީ އޭނާ ހީކުރީ އެއީ ފޭކް ލޯބިވެރިއެއް ކަމަށެވެ.

"އޮންލައިން މެދުވެރިކޮށް ދެ މީހުންގެ ލޯބި ވަރަށް ބޮޑަށް މައްޗަށް ދިޔަ. ދެން ފަހުން އަހަންނަށް ހީވީ އޭނާ އުޅެނީ އަހަރެން ހައްދަން ވެގެން ކަމަށް،" ޒަންގް ބުންޏެވެ.

އޭނާ އަދި ބުނީ ޗައިނާ އަށް ދިއުމަށް ނަގާފައިވާ ޓިކެޓުގެ ފޮޓޯއެއް ވެސް ކިރްކު އޭނާ އަށް ފޮނުވި ކަމަށެވެ. އަދި އޭނާ ހީކުރީ އެއީ ޖޯކެއް ކަމަށެވެ. އަދި ފަހުން އޭނާ ގުޅާފައި ނުވާ ކަމަށް ވެސް ޒަންގު ބުންޏެވެ.

ޕީޓާ ކިރްކުގެ ލޯބިވެރިޔާ ޒަންގު

ޒަންގު އިތުރަށް ބުނީ ކިރްކު ޗައިނާ އަށް އައި އިރު އޭނާ ވަނީ ޕްލާސްޓިކް ސާޖަރީއެއް ހެދުމަށް އެހެން ޕްރޮވިންސަކަށް ގޮސް ކަމަށާއި ފޯނު ވެސް އޮތީ ނިއްވާލާފައި ކަމަށެވެ. ޒަންގު ބުނީ އޭނާގެ ސާޖަރީ ރަނގަޅުވުމުން ކިރްކުއާ ބައްދަލު ކުރަން ބޭނުންވާ ކަމަށެވެ. އަދި އޭނާއާ ގުޅުން ބާއްވަން ބޭނުންވާ ކަމަށް ވެސް ބުންޏެވެ. މި ހަފުތާގައި ކިރްކު އެނބުރި ގައުމަށް ފުރާނެ އެވެ.

ޗައިނާގެ ސޯޝަލް މީޑިއާ އިން ދަނީ މި މައްސަލާގައި ބަހުސް ކުރަމުންނެވެ.

"އޭނާ އަށް ނޭނގެނީތަ ޗައިނާގެ ކޮންމެ އެއްޗަކީ ފޭކެއްކަން،" އެކަކު ޚިޔާލު ފާޅުކުރި އެވެ.

ބައެއް މީހުން ދަނީ އޭނާ އަށް ހަމްދަރުދީ ފާޅުކުރަމުންނެވެ. އަދި އޭނާގެ އިހްސާސްތަކާ ނުކުޅެ، އޭނާ ބޭނުން ނޫން ނަމަ އެނބުރި ގައުމަށް ދާން ބުނުމަށް ވެސް ބައެއް މީހުން ދަނީ ޚިޔާލު ދެމުންނެވެ.