މާވެލް ސްޓޫޑިއޯސްގެ އެންމެ އިންތިޒާރުކުރެވޭ އެއް ފިލްމު ކަމަށްވާ "އެކްސް-މެން" ރީބޫޓް ފިލްމުގެ މައިގަނޑު ކާސްޓު އެމެރިކާގެ ކެލިފޯނިއާގައި ބޭއްވި ޑިޒްނީގެ މި އަހަރުގެ "ޑީޓުއެންޓީތުރީ" އިވެންޓުގައި އިއުލާންކޮށްފި އެވެ.

މާވެލްގެ ރައީސް ކެވިން ފައިގީ ބުނި ގޮތުގައި، މި ފިލްމަކީ 2019 ވަނަ އަހަރު ޑިޒްނީން ޓުވެންޓިއެތު ސެންޗުރީ ފޮކްސް ގަތުމަށް ފަހު، އެމްސީޔޫގެ ތެރެއަށް "އެކްސް-މެން"ގެ ތަރިން މުޅިން އާ ގޮތަކަށް ތައާރަފުވާނެ ފުރަތަމަ ފިލްމެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރެއިން ސްކޮޓް ސަމާސް (ސައިކްލޮޕްސް)ގެ ރޯލުން ފެންނާނީ އިނގިރޭސި އެކްޓަރު ކިޓް ކޮނާ އެވެ. އަދި ޖީން ގްރޭ (މާވެލް ގާލް)ގެ ރޯލުން "ސްޓްރޭންޖާ ތިންގްސް"ގެ ތަރި ސޭޑީ ސިންކް ފެންނާނެއިރު، ޕްރޮފެސާ ޗާލްސް އެކްސްއޭވިއާގެ ރޯލު ކުޅޭނީ ކްރިސްޓޮފާ އެބޮޓް އެވެ.

މީގެ އިތުރުން އެމާ ފްރޮސްޓްގެ ރޯލުން ސަމާރާ ވީވިން ފެންނާނެއިރު، އޮރޯރޯ މުންރޯ (ސްޓޯމް)ގެ ރޯލުން ފެންނާނީ ބްރޯޑްވޭ ތަރި މާޔާ ބޮއިޑް އެވެ. ރޯގްގެ ރޯލުން އިންޑޭ ނަވާރެޓީ ފެންނާނެކަން އިއުލާންކޮށްފައިވާއިރު، މި ފިލްމުގެ މައިގަނޑު ވިލަންގެ ކެރެކްޓާ "ނެތަނިއަލް މިލްބަރީ / މިސްޓަ ސިނިސްޓާ"ގެ ރޯލު ކުޅޭނީ މަޝްހޫރު އެކްޓަރު އެޑަމް ޑްރައިވާ އެވެ.

މި އިއުލާންކުރެވުނު ކާސްޓާ އެކު ސަޕޯޓަރުންގެ މެދުގައި ބޮޑު ހައިރާންކަމެއް އުފެދުނީ، "އެކްސް-މެން"ގެ އެންމެ މަގުބޫލު ދެ ކެރެކްޓާ ކަމަށްވާ ވުލްވަރީން އާއި މެގްނީޓޯގެ ނަން ލިސްޓުގައި ނެތުމުންނެވެ.

ނަމަވެސް، ކެވިން ފައިގީ ބުނީ މިއީ އަދި މުޅި ކާސްޓު ނޫން ކަމަށާއި ފިލްމުގެ ޕްރޮޑަކްޝަން ކުރިއަށްދާ ވަރަކަށް އިތުރު ކެރެކްޓާސްތައް އިއުލާންކުރާނެ ކަމަށެވެ.

މާވެލް އިން ވަނީ ކުރިއަށް އޮތް އަހަރުތަކުގައި އެމްސީޔޫގެ މުޅި ފޯކަސް މިއުޓަންޓުންނަށް ބަދަލުވެގެންދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.

"ތަންޑަރބޯލްޓްސް" ފިލްމުގެ ޑައިރެކްޓަރު ޖޭކް ޝްރަޔާ ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވާ "އެކްސް-މެން" ރީބޫޓް ސިނަމާތަކަށް ނެރުމަށް ތާވަލުކޮށްފައި ވަނީ މޭ 5، 2028 ގަ އެވެ.