އިމާރާތްކުރަން ފެށިތާ 12 އަހަރުވީ އިރު ވެސް މަސައްކަތް ނުނިމި ހުރި އެސްޓީއޯ ހޮޓާ ތަރައްގީކުރާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފި އެވެ.
އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި ބުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ފައިވް ސްޓާ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި މަސައްކަތުގެ އެއްބައި ނިމިފައިހުރި ހޮޓަލެއް ތަރައްގީކޮށް ހިންގަން ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެހެންވެ މިކަމަށް އިތުރު ބަޔަކު ޝައުގުވެރިވޭތޯ ބަލައި ހަމަހަމަ ފުރުސަތެއް ދިނުމަށްޓަކައި ހުޅުވައިލީ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިކަމަށް ޝައުގުވެރިވާ މީހުން އަންނަ މަހުގެ 9 ވަނަ ދުވަހުގެ ކުރިން އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ. އެޗްޑީސީން މި މަހުގެ ކުރީކޮޅު ބުނީ އެސްޓީއޯ ހޮޓާ ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ނުދާ ނަމަ އެހެން ކަމަކަށް އެ އިމާރާތް ބޭނުންކުރަން ފަށާނެ ކަމަށެވެ.
ހުޅުމާލޭގެ ޕްރައިމް ލޮކޭޝަނެއްގައި އެޅުމަށް އެސްޓީއޯ އިން އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާ އެކު 2008 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން 2012 ވަނަ އަހަރު އިމާރާތްކުރަން ފެށި ހޮޓަލުގެ މަސައްކަތް އެކި ސަބަބުތަކާ ހެދި ވަނީ ހުއްޓިފަ އެވެ. އެ ހޮޓާ ހިންގަން އޭރު ހަމަޖެހިފައި އޮތީ ހިލްޓަން ހޮޓަލުގެ ބްރޭންޑެއް ކަމަށްވާ "ރެޑިސަން ބްލޫ"ގެ ދަށުންނެވެ.
ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ހޮޓާ ތަރައްގީކޮށް ނިންމަން ކަނޑައެޅީ 2013 ވަނަ އަހަރުގެ ނިޔަލަށެވެ. ނަމަވެސް އެކަން ނާކާމިޔާބުވެ 2016 ވަނަ އަހަރު ވަނީ ސިޓީ ހޮޓާ ވިއްކާލަން ނިންމައިފަ އެވެ. ނަމަވެސް އެތަން ގަންނާނެ ބަޔަކު ވެސް ނުވި އެވެ. މި ސަރުކާރުން ވެސް މި ހޮޓާ ވިއްކާލަން މަސައްކަތް ފެށި އެވެ.
ހޮޓާ ވިއްކާލަން އިއުލާންކުރުމުން ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރޭގައި ބައިނަލްއަގްވާމީ މަޝްހޫރު ހޮޓެލް ޗެއިންތައް ހިމެނެ އެވެ. އެފަދަ ހޮޓެލް ޗެއިންތައް ހިމެނޭ ގޮތުން 10 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި އެވެ. އެކަމަކު، ހޮޓާ ވިއްކާލުމުގެ ތަފުސީލީ މަޝްވަރާތަކަށް ދިއުމުން، އެ ފަރާތްތަކަށް ރެޑިސަން އެއްބަސްވުމުގެ މައުލޫމާތު ލިބި، ހޮޓާ ގަންނަން ބޭނުން ނުވީ އެވެ.