ހުޅުމާލޭގައި މީގެ ހަތް އަހަރު ކުރިން އެސްޓީއޯ އިން ހަދަން ފެށި ފަސް ތަރީގެ ހޮޓާ، އެންމެ ފަހުން ވިއްކާލަން ނިންމައި، ޝައުގުވެރިވާ ފަރާތްތައް ހޯދަން އިއުލާނުކޮށްފި އެވެ.

އެސްޓީއޯގެ އިއުލާނުގައި ބުނެފައިވަނީ، އެ ކުންފުނިން 2011 ގައި އިމާރާތް ކުރަން ފެށި 250 ކޮޓަރީގެ ހޮޓާ ގަންނަން ނުވަތަ އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކުން ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

އެކުންފުނިން ވަނީ ރާއްޖެ އާއި ބޭރުގެ ކުންފުނިތަކަށް ވެސް ދައުވަތު ދީފަ އެވެ. އެހެންކަމުން ޝައުގުވެރިވާ ފަރާތްތަކުން ޖެނުއަރީ 15 ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަން އިއުލާންގައި ބުނެފައިވެ އެވެ.

އެސްޓީއޯ އިން "ރެޑިސަން ބްލޫ ހޮޓެލް" ގެ ނަމުގައި ތަރައްގީކުރަން ފެށި ލަގްޒަރީ ހޮޓެލްގެ 60 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ.

ހޮޓާ ނިންމުމަށްޓަކައި ތައިލެންޑްގެ އެގްޒިމް ބޭންކުން 32 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ފަހުން ނެގި އެވެ.

ނަމަވެސް އަދިވެސް ހޮޓާ ނިންމާލެވޭ ވަރެއް ނޫނެވެ. މަސައްކަތް އެއްކޮށް ހުއްޓިފައި ހުންނަތާ ވެސް މިހާރު ދެ އަހަރު ވެދާނެ ކަމަށް ބެލެވެ އެވެ.

މީގެ ކުރިން 2016 ގައި ވެސް އެ ހޮޓާ ވިއްކާލަން އެސްޓީއޯ އިން މަސައްކަތްކުރި އެވެ.