ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން، އާބަން އައިލްގައި މަތީފަންތީގެ ތިން ހޮޓަލެއް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު އެޗްޑީސީން ހުޅުވާލައިފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ އެ ހޮޓެލްތަކަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް އަދި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ހާއްސަކޮށްގެން ތަރައްގީކުރާ މަތީ ފަންތީގެ ހޮޓެލްތަކެއް ކަމަށެވެ.
އެ މަޝްރޫއު ދޫކުރުމުގައި އިސްކަން ދޭނީ ލޭންޑް ލީސް މޮޑެލްއަށް ނަމަވެސް އެ ކޯޕަރޭޝަނަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެކަކަށްވުރެ ގިނައިން އެ މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލަނީ ޕްރޮޕޯސް ކޮށްފައިވާ ބިޒްނަސް މޮޑަލަށާއި ތަޖްރިބާއަށެވެ.
އާބަން އައިލްގައި ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ މީހުން އީމެއިލް މެދުވެރިކޮށް މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އީއޯއައި ހުށަހަޅަން ޖެހޭނެ އެވެ.
ހުޅުމާލެ 2 ގައި ބުޓިކް ހޮޓެލް އިމާރާތްކޮށް އެ ތަން ހިންގަން ޝައުގުވެރިވާ މީހުންނަށް ވެސް މިދިޔަ މަހު ފުރުސަތު ހުޅުވާލާފައިވެ އެވެ.