ކުރީގެ ސަރުކާރުން ފްލެޓް ދޫކޮށްފައިވާ ގޮތް ބަލައި އިންސާފުން އެކަން ކުރުމަށް މި ސަރުކާރުން އުފެއްދި ކޮމިޓީގެ ރައީސަކަށް ހުންނެވި މުހައްމަދު މުއިއްޒު އަދުނާނާއި ކޮމިޓީގެ މެމްބަރު އަހުމަދު ތޮލާލް އިސްތިއުފާ ދެއްވައިފި އެވެ.

ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި މުއިއްޒު ފޭސްބުކްގައި ވިދާޅުވީ ފްލެޓް ކޮމިޓީގެ މެމްބަރުކަމުން މީގެ ދުވަސްކޮޅެއް ކުރިން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިސްތިއުފާ ގަބޫލުފުޅު ވެސް ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތޮލާލް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) ގައި މަސައްކަތް ކުރައްވަމުން ފްލެޓު ކޮމިޓީގެ މަސައްކަތްތަކަށް އެކަށީގެންވާ ވަގުތު ނުދެއްވޭ ކަމަށެވެ.

އެހެންވެ ކޮމިޓީން ވަކިވީ ދެ ފަރާތުން ވެސް އެއްބަސްވެގެން އެ މަސައްކަތަށް އެކަށީގެންވާ ވަރަށް ވަގުތު ދެވޭނެ ބޭފުޅަކަށް ފުރުސަތު ދީ އެކަންތައް އަވަހަށް ނިންމާލުމަށް ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ތޮލާލްގެ ބަދަލުގައި ފްލެޓް ކޮމިޓީ އަށް، ގާނޫނީ ވަކީލެއް ކަމަށްވާ ތޯހާ މުހައްމަދު އައްޔަންކުރައްވާފައިވާ ކަމަށެވެ. އެއީ އދ. މާމިގިލީ ބޭފުޅެކެވެ.

ތޯހާއާއެކު އެ ކޮމިޓީގައި މިހާރު ތިއްބެވީ ފާތިމަތު ސާއިރާ، ނުޒުހާ އަލީމާ އަދި ބަންޑާރަ ނައިބު އޮފީހުގެ ވަކީލެއް ކަމަށްވާ އަލީ ޝުހައިލެވެ.

ކޮމިޓީގެ މަސައްކަތާ ގުޅޭ ގޮތުން ރައީސް ވަރަށް އަވަހަށް މައުލޫމާތު ހިއްސާކުރައްވާނެ ކަމަށް ހޫދު ވިދާޅުވި އެވެ.

މި ކޮމިޓީގެ މަސައްކަތް ލަސްވުމާއި، އެތަނުން ކުރާ މަސައްކަތާ ބެހޭ މައުލޫމާތު އެކަށީގެންވާ ވަރަށް ހާމަ ނުކުރާ ކަމަށް ބުނެ އާންމުންގެ ޝަކުވާ ބޮޑެވެ.