ތުލުސްދޫގައި މިހާރު ކުރިއަށްދާ އޭއެސްއެފް އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ފިރިހެން އޯޕަން ޑިވިޝަނުގެ މެއިން އިވެންޓުގެ ތިންވަނަ ބުރަށް ހަސަން ނާސިހު (ޗިކާ) އާއި ހުސެއިން އަރީފް (އިބޫ) އަދި އިސްމާއިލް މިގުލާލް (ކުޑަ އިއްސެ) ދަތުރު ކޮށްފި އެވެ.

ޗިކާ އާއި އިބޫ އަދި ކުޑަ އިއްސެގެ އިތުރުން ދެން ވާދަކުރި ރާއްޖޭގެ އެތުލީޓުން ކަމަށްވާ އާދަމް މުއީން އިބްރާހިމް، ޖައިލަމް ނިޒާރު، އަބްދުﷲ އަރީފް (ފުކޫ)، ހޫދު އަހުމަދު (ހޫބްޒް) އަދި އަހުމަދު އާގިލް (އަންމަޑޭ) ވެސް ވަނީ ފުރަތަމަ ބުރުގައި ކާމިޔާބު ހޯދައި ދެވަނަ ބުރަށް ދަތުރު ކޮށްފަ އެވެ.

ނަމަވެސް ދެވަނަ ބުރުގައި ކާމިޔާބު ލިބުނީ ޗިކާ އާއި އިބޫ އަދި ކުޑަ އިއްސެ އަށެވެ. ބާކީ ފަސް އެތުލީޓުން މެއިން އިވެންޓުން ކެޓުމާ އެކު ވަނީ ރެޕޭޗާޖް އިވެންޓުން ފުރުސަތު ލިބިފަ އެވެ. ފަސް ރާޅާއެޅުންތެރިން ވެސް ވާދަ ކުރާނީ ރެޕޭޗާޖް އިވެންޓުގެ ދެވަނަ ބުރުގެ ހީޓުތަކުން ފެށިގެންނެވެ.

ދެވަނަ ބުރުގައި ހަ ހީޓެއް ކުރިއަށް ދިޔަ އެވެ. ތިންވަނަ ބުރުން ޗިކާ ޖާގަ ހޯދީ، ދެވަނަ ބުރުގެ ފުރަތަމަ ހީޓުގެ ދެވަނަ ހޯދައިގެންނެވެ. މި ހީޓުގައޗިކާގެ އިތުރުން މުއީން އާއި ޖައިލަމް ވެސް ވާދަ ކުރި އެވެ. ހީޓުގެ އެއްވަނަ ހޯދީ 18.67 ޕޮއިންޓް ހޯދި ޖަޕާނުގެ އިއްކޮ ވަޓަނަބޭ އެވެ. އިއްކޮ ވަނީ އެއް ރާޅަށް ފުރިހަމަ 10 ޕޮއިންޓެއް ވެސް ހޯދައިފަ އެވެ. ޗިކާ އަށް ލިބުނީ އަށް ޕޮއިންޓެވެ. މުއީން އަށް 7.07 ޕޮއިންޓް ލިބުނު އިރު ޖައިލަމް އަށް ހަމަކުރެވުނީ 6.20 ޕޮއިންޓެވެ.

ކުޑަ އިއްސެ ވަނީ ތިންވަނަ ހީޓުގައި 8.17 ޕޮއިންތް ހޯދައި ދެވަނަ ހޯދައިފަ އެވެ. އެއްވަނަ ހޯދީ 8.47 ޕޮއިންތް ހަމަކުރި އިންޑިއާގެ ސިވަރާޖް ބާބޫ އެވެ. މި ހީތުގައި ދެން ވާދަކުރި އިންޑިއާގެ ސަންޖޭ ސެލްވަމާނީ އަށް 7.83 ޕޮއިންޓް ލިބުނުއިރު ރަމޭޝް ބުދިހާލް އަށް ލިބުނީ 7.13 ޕޮއިންޓެވެ.

ފަހު ހީޓުގައި ވާދަކުރި އިބޫ ތިންވަނަ ބުރަށް ދަތުރު ކުރީ ހީޓުގެ އެއްވަނައިގައި ނިންމައިގެންނެވެ. އިބޫ ވަނީ މި ހީޓުގައި 9.94 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނައަށް ދިޔައީ 7.90 ޕޮއިންޓް ހޯދި ޗައިނާގެ ޒިހާއޯ ވޫ އެވެ. ތިންވަނައަށް ދިޔައީ ސިންގަޕޫރުގެ ޖޫލިއެން މާކް ސަޕަކަރޮޓެއްލާ އާއި ބަންގްލަދޭޝްގެ މުހައްމަދު މަންނާން އެވެ.

ދެވަނަ ހީޓުގައި ވާދަކުރި ފުކޫ އަށް ލިބުނީ 6.13 ޕޮއިންޓެވެ. އެ ހީޓުގެ އެއްވަނަ ހޯދީ 13.67 ޕޮއިންތް ހޯދި ޖަޕާނުގެ ރިކީ ސަޓޯ އެވެ. ދެވަނަ ހޯދި ޖަޕާނުގެ ޓާރޯ ޓަކާއީ ވަނީ 10.60 ޕޮއިންތް ހޯދައިފަ އެވެ. ތިންވަނައަށް ދިޔައީ 10.50 ޕޮއިންތް ހޯދި އިންޑިއާގެ އަޖީޝް އަލީ އެވެ.

ހަތަރުވަނަ ހީޓުގައި ވާދަކުރި ހޫދު އަށް 8.54 ޕޮއިންޓާ އެކު ލިބުނީ ހީޓުގެ ތިންވަނަ އެވެ. ދެވަނަ ހޯދީ 8.67 ޕޮއިންޓް ހޯދި ސްރީލަންކާގެ ލަކްޝިތާ މަދުޝާން އެވެ. އެއްވަނަ ހޯދީ 10.64 ޕޮއިންޓް ހަމަކުރި ޖަޕާނުގެ ކައިސޭ އަޑާޗީ އެވެ. މި ހީޓުގެ ހަތަރުވަނައިގައި ނިންމި އަފްގާނިސްތާނުގެ އަފްރިދުން އަމޫ އަށް ލިބުނީ 3.97 ޕޮއިންޓެވެ.

ފުރަތަމަ ބުރުގައި އެންމެ މަތިން ސްކޯ ކުރި އަންމަޑޭ، ދެވަނަ ބުރުގެ ފަސްވަނަ ހީޓުގައި ވާދަކޮށް ހޯދުނީ 7.23 ޕޮއިންޓެވެ. އަންމަޑޭގެ ކުރީގައި ނިންމި ޗައިނީޒް ޓައިޕޭގެ ޖޯން ޖޯން ޗާން ވަނީ 8.40 ޕޮއިންޓް ހޯދަިއފަ އެވެ. މި ހީޓު ކާމިޔާބު ކުރި އިންޑޮނޭޝިއާގެ ދަނީ ވިޑިއަންޓޯ ވަނީ 16.84 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނަ ހޯދީ 8.73 ޕޮއިންޓް ހޯދި ސްރީލަންކާގެ ކަނަޕަތީ ރަމޭޝް ޖޭ ހޭލާ އެވެ.

ތިންވަނަ ބުރުގައި ކުޑަ އިއްސެ ވާދަކުރާނީ ދެވަނަ ހީޓުގައި، ރިކީ ސަޓޯ އާއި ދަނީ ވިޑިއަންޓޯ އަދި ލަކްޝިތާ މަދުޝާން އާއެކު އެވެ. ޗިކާ އާއި އިބޫ އާއެކު ތިންވަނަ ހީޓުގައި ވާދަކުރާނީ ސިވަރާޖް ބާބޫ އާއި ޓާރޯ ޓަކާއި އެވެ.

ރެޕޭޗާޖް ދެވަނަ ބުރުގެ ފުރަތަމަ ހީޓުގައި މުއީން ވާދަކުރާއިރު، އަންމަޑޭ އާއި ޖައިލަމް ވާދަކުރާނީ ދެވަނަ ހީޓުގަ އެވެ. ހަތަރުވަނަ ހީޓުގައި ހޫދު ވާދަކުރަން ހަމަޖެހިފައި ވާއިރު، ފުކޫ ވާދަކުރާނީ ފަސްވަނަ ހީޓުގަ އެވެ.