ޖަނަވާރުން ބޮޑުކަމުދާ ތަކެތި ބޭނުންކޮށްގެން ސްމާޓްފޯނަށް ބެޓެރީ އުފައްދަނީ އެވެ. ސައިންސްވެރިން ބުނާ ގޮތުގައި މިއީ ދުނިޔެ އަދި ދެކެފައި ނުވާހާ ގިނައިރު ބާރު ހިފަހައްޓާ ބެޓެރީއެކެވެ. ލެބޯޓަރީ ޓެސްޓްތައް އެހައި ވެސް ކާމިޔާބެވެ.
ސައިންސްވެރިން މި ކަހަލަ ކިތަންމެ އީޖާދެއް ކުރެ އެވެ. މާކެޓުން ގަންނާކަށް ނުލިބެ އެވެ. އަމަލީ ސިފަޖެހިގެން، ބޭނުންކުރާ މީހުންނާ ހަމަ އަށް ދުވަހަކު ވެސް ނާދެ އެވެ. ދެއިރު ދަޅަ އަށް ބެޓެރީ ޗާޖުކޮށްކޮށް ޖެހެނީ ތިބޭށެވެ.
ފޯނު ބޭނުންކުރެވޭ މިންވަރު އާދަޔާ ޚިލާފަށް މަދު ދުވަސް ދުވަހު ވެސް ބެޓެރީ ހުލިވާލެއް ވަކި ލަހެއް ނުވެ އެވެ. ބެޓެރީ ގިނައިރު ހިފަހައްޓާ މޮޅު ފޯނެއް ކަމަށް ބުނާތީ މާކެޓަށް ނެރޭ އާ މޮޑެލްތައް ވެސް ގަނެވެ އެވެ. އިހު ނޫން ވަރެއް ނުވެ އެވެ.
ސްމާޓްފޯން އުފައްދާ ބިޔަ ކުންފުނިތަކުން ވެސް ދައްކަނީ ފޯނުގައި ހުންނަ މޮޅު ފީޗާތަކުގެ ވާހަކަ އެވެ. ބެޓެރީ އަށް އިންގިލާބެއް ގެނައި ވާހަކައެއް ނޫނެވެ. އެކަމަކު ކޮންމެ މޮޑެލަކާ އެކު ތައާފުރުކުރާ އާ ފީޗާތަކަށް ވުރެ ބެޓެރީ އަށް ކުޅަދާނަކަން ދީފި ނަމަ އުފާނުވާނެ ހަމަ އެކަކު ވެސް ނުހުންނާނެ އެވެ.
ފޯނެއްގައި ހުރުމަށް އެންމެ އެދެވޭ ސިފަ އަކީ ކޮބައިތޯ އަހައިފި ނަމަ، ފޯނަކަށް ބޭނުންޖެހިގެން ފޯނު ބޭނުންކުރާ ގިނަ މީހުން ދޭނެ ޖަވާބު ކަށަވަރެވެ: ބާރުގަދަ ބެޓެރީއެކެވެ.
އޮފީސްތަކުގައި ގިނައިރު މަސައްކަތްކުރާ މީހުންނަށް ބުރަ މަސައްކަތުން ލިބޭ ނުތަނަވަސް ކަމަށް ވުރެ، ފޯނުގެ ބެޓެރީ އަށް އިތުބާރުކުރެވެން ނެތުމުން ލިބޭ ހާސްކަން ބޮޑެވެ.
އުފުލަން އުނދަގޫ ގޮށްބުރިތަކެއް ފަދަ "ޕަވާ ބޭންކް"ތަކަކީ މި މައްސަލަ އަށް އޮތް ހައްލެއް ނޫނެވެ. އެއީ ދެން ހަދާނެ ގޮތެއް ނެތިގެން ގެންގުޅެން ޖެހޭ އެއްޗެކެވެ.
ސްމާޓްފޯނުތަކަށް އަހަރަކު އެއްތައް ފަހަރަކު ލިއްބައިދޭ ސޮފްޓްވެއާ އަޕްޑޭޓްތަކަށް ވުރެ، ހެޔޮވަރު ބެޓެރީއަކުން ހެއްވާލެވޭ މިހުން ގިނަވާނެކަން ކަށަވަރެވެ. އުފަލާ އެކު ސްމާޓްފޯނެއް ބޭނުންކުރަން އަދި ވެސް އޮތް ހުރަހަކީ ބެޓެރީ ކަމަށް ނުދެކެނީ ކާކުބާ އެވެ؟