އަހަރެމެން މިހާރު މި ތިބީ މި ހިސާބުގަ އެވެ. މިއީ 2018 އެވެ. އިލެކްޓްރޯނިކް ސްޓޯރޭޖްތައް އެކި ޒާތްޒާތަށް، އަތުޖެހޭ ފަށުގައި އެބަ ހުއްޓެވެ. ސްޓޯރޭޖްގެ އެއްވެސް ދަތިކަމެއް ނެތެވެ.
ފަހަތަށް އެނބުރި މާޒީ އަށް ބަލާލާއިރު، އައިބީއެމް (އިންޓަނޭޝަނަލް ބިޒްނަސް މެޝިންސް) އިން އުފެއްދި ޖާގަ ތަނަވަސް ހާޑް ޑިސްކެއްގެ ޖާދޫގައި ޖެހި ކުންފުނިތައް ދީވާނާ ވަނީ އެވެ. އެ އަށް އޯޑަރު ނުދެވިގެން ހުރިހާ ކުންފުނިތައް ކިޔޫ ހަދަނީ އެވެ.
އައިބީއެމް އަކީ އެމެރިކާ އަށް އުފަން ވިޔަފާރި ކުންފުންޏެކެވެ. މައިގަނޑު މަސައްކަތަކީ އިލެކްޓްރޯނިކް އާލާތްތައް އުފައްދައި، ބައްރުތަކުގައި ވިޔަފާރިކުރުމެވެ. އައިބީއެމް ނަމުގައި ކޮމްޕިއުޓަރު އަދި ކޮމްޕިއުޓަރުގެ ބައިތައް ވަނީ އުފައްދައިފަ އެވެ. އޭގެ ތެރޭގައި ހާޑް ޑިސްކް ވެސް ހިމެނެ އެވެ.
ދުނިޔޭގައި ވިޔަފާރި އުސޫލުން ވިއްކުމަށް އެންމެ ފުރަތަމަ ހާޑް ޑިސްކެއް އުފެއްދީ އައިބީއެމް އިން 1956 ގަ އެވެ. އެއީ މޮޑެލް 350 "އާރު އޭ އެމް އޭ ސީ – ރޭމެކް" (ރޭންޑަމް އެކްސަސް މެތަޑް އޮފް އެކައުންޓިން އެންޑް ކޮންޓްރޯލް) އެވެ.
މިއީ އިންސާނަކަށް އުފުލޭ ވަރަށް ވުރެ ބަރު ހާޑް ޑިސްކެކެވެ. އޭގެ އިސްކޮޅުގައި 1.5 މީޓަރު، ފުޅާމިނުގައި 1.8 މީޓަރު ހުންނައިރު ޓަނަކަށް ވުރެ ބަރެވެ. ހާޑް ޑިސްކްގެ މައިގަނޑަކީ 24 އިންޗި ފުޅާމިނުގެ 50 ޑިސްކެވެ. އެ ޑިސްކްތައް އެނބުރޭ ބާރުމިނަކީ މިނެޓަކު 1،200 ބުރެވެ.
އެ ޒަމާން، މި ޒަމާނަށް ތަރައްގީވުމަށް، މީހަކު ހައިރާންވާހާ ދުވަހެއް ނުނަގަ އެވެ. ޓެކްނޮލޮޖީ ކުރިއަރައިގެން އައި ބާރުމިނުގައި، މިހާރު މި އޮތީ މުޅި ދުނިޔެ އިނގިލިކުރީގަ އެވެ. އެކަމަކު އެއީ ވެސް އުނދަގޫ ޒަމާނެއް ނޫނެވެ. އައިބީއެމް މޮޑެލް 350 އަކީ ބިޔަ ހާޑް ޑިސްކެއްގެ ގޮތުގައި އެ ދުވަހު އޮތީ ގަބޫލުނުކުރެވި އެވެ.
އައިބީއެމް ހާޑް ޑިސްކްތަކާ އެކު ކޮމްޕިއުޓަރުތައް ހިންގަން ފެށުމުން އެއީ ކުއްޔަށް ދޫކުރާ މެޝިންތަކެއް ގޮތުގައި ކުންފުނިތަކުން އަމަލުކުރި އެވެ. އެ ގަނެވޭހާ ފެންވަރު ނެތް މީހުން ބޭނުންކުރީ މަހު ކުލި ދައްކައިގެންނެވެ.