ދަރަންޏެއް ސާބިތު ނުވަނީސް، 2.8 މިލިއަން ޑޮލަރު ދައްކަން ކުރި ހުކުމެއްގެ މައްސަލައެއްގައި ސުޕްރީމް ކޯޓުން ކުރިން އަމަލުކޮށްފައިވާ ގޮތާ މެދު ލަދުވެތިވާ ކަމަށް ބުނެ، އެ މައްސަލަ ހައި ކޯޓުން އަލުން ބަލަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މއ. އަތަމަގޭ އިބްރާހިމް އަބްދުއްލަތީފްގެ ފަރާތުން އޯނަސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ޗެކެއް ބައުންސްވި މައްސަލައެއްގައި ޖިނާއީ ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް ނިންމުމުން ޕީޖީއާ ދެކޮޅަށް އޯނަސް ކުންފުނިން 2010 ވަނަ އަހަރު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ސުޕްރީމް ކޯޓުން އޭރު ނިންމާފައި އޮތީ ޕީޖީގެ ނިންމުން މުރާޖާ ކުރަން ޕީޖީގެ ކިބައިން އޯނަސް ކުންފުންޏަށް އެދެވިދާނެ ކަމަށެވެ. އެކަމަކު އެ ފައިސާ ދައްކަން އިބްރާހިމް އަބްދުއްލަތީފްގެ މައްޗަށް ހުކުމުގައި އަންގައިފައެއް ނެތެވެ.

ފައިސާ ދައްކަން ސުޕްރީމް ކޯޓުގެ ހުކުމުގައި އަންގާފައި ނެތީސް، އެ ކޯޓުން 2015 ވަނަ އަހަރު ސިވިލް ކޯޓަށް ސިޓީއަކުން އެންގީ އެ ހުކުމް ތަންފީޒުކޮށް، އިބްރާހިމް އަބްދުއްލަތީފްގެ އަތުން ފައިސާ ހޯދުމަށެވެ. އެހެންވެ، އެ ޗެކްތަކަށް 2.8 މިލިއަން ޑޮލަރު (43 މިލިއަން ރުފިޔާ) ދައްކަން ސިވިލް ކޯޓުން 2015 ވަނަ އަހަރު އޭނާއަށް އެންގި އެވެ. އެ ހުކުމް އޭނާގެ ފަރާތުން ހައި ކޯޓާއި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ދެ ކޯޓުން ވެސް އޭރު ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

އެ ފައިސާ ދައްކަން ދެވަނަ ފަހަރަށް 2017 ވަނަ އަހަރު އިބްރާހިމް އަބްދުއްލަތީފްގެ މައްޗަށް ސިވިލް ކޯޓުން އެންގި އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތީ ފެބްރުއަރީ 1، 2018 ގެ ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ބައެއް ފަނޑިޔާރުންގެ މަގާމު ގެއްލި އަދި އެ ކޯޓުގެ ބެންޗް ބަދަލުވެފައި ވަނިކޮށް އޭނާގެ ފަރާތުން ދެވަނަ ފަހަރަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ.

އެ މައްސަލަ ބެލުމަށް ފަހު ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ދަރަންޏެއް ސާބިތު ނުވާ މީހެއްގެ އަތުން ފައިސާ ހޯދަން ސުޕްރީމް ކޯޓުން އޭރު އެންގުމާއި އެ އެންގުމަށް ތަބާވެ ސިވިލް ކޯޓާއި ހައި ކޯޓުން އަމަލު ކޮށްފައި އޮތީ އަދުލު އިންސާފުގެ ހުރިހާ އުސޫލުތަކާ ދިމާ އިދިކޮޅަށް ކަމަށެވެ. ފައިސާ ދައްކަން ކުރި ހުކުމެއް ނެތީސް، ހުކުމް ތަންފީޒުކޮށް އެ ފައިސާ ހޯދަން އަންގައި، އޭރު ސުޕްރީމް ކޯޓުން އަމަލުކުރީ އެންމެ އާދައިގެ އިންސާނަކު ވެސް ގަބޫލު ނުކުރާނެ ފަދަ ގޮތަކަށް ކަމަށް އެ ހުުކުމުގައިވެ އެވެ.

"މިއަދު އަހުރެން ލަދުވެތިކަމާ އެކު ފާހަގަ ކުރަން ޖެހެނީ ދިވެހި ކޯޓުތަކުން ޚިޔާރުކުރީ ގާނޫނު އަސާސީ އާއި އިސްލާމީ ޝަރީއަތުގައިވާ ޕްރިންސިޕަލް އޮފް ނެޗުރަލް ޖަސްޓިސްގެ އަސާސީ އުސޫލުތައް ތަޖާހުލްކޮށް މުގުރާލުން ކަމަށެވެ. މި މައްސަލާގައި އޮތީ މީހެއްގެ އަސާސީ ހައްގު ކަށަވަރުކޮށް ދިނުމުގެ ބަދަލުގައި ޝަރުއީ ކޯޓުތަކުން އަސާސީ ހައްގެއް ނިގުޅައިގެެންފަ އެވެ." ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ހުކުމުގައި ލިޔުއްވާފައިވެ އެވެ.

އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ހިމެނިވަޑައިގަތް ފަނޑިޔާރު ހުސްނުއްސުއޫދު ހުކުމުގައި ލިޔުއްވާފައިވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ބައެއް ފަނޑިޔާރުން އަމަލު ކުރައްވާފައިވާ ގޮތާ މެދު ލަދުވެތިވާ ކަމަށެވެ. އެކަމަކު އެއްވެސް ބޭފުޅެއްގެ ނަމެއް އޭނާ ނުގެންނަވަ އެވެ.

"އަދުލު އިންސާފު ގާއިމް ކުރެއްވުމުގެ ނަމުގައި ޝަރުއީ ނިޒާމުގެ ބޭރުން ސުޕްރީމް ކޯޓުގެ ކުރީގެ ބައެއް ފަނޑިޔާރުން ޝަރުއީ ނިޒާމަށް ހުރުމަތެއް ނުބަހައްޓަވައި، ކުރައްވާފައިވާ އަމަލުތަކަށް ލަދުވެތިވެ ހުރެ، މި މައްސަލާގައި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ." ފަނޑިޔާރު ސުއޫދުގެ ރައުޔުގައިވެ އެވެ.

އެ ބެންޗުގައި ދެން ހިމެނިވަޑައިގަތް ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަޣުލަބިއްޔަތު ރައުޔަށް ތާއީދު ކުރެއްވި އެވެ. އެކަމަކު އިތުރު އެއްޗެއް ހުކުމުގައި ވިދާޅެއް ނުވެ އެވެ.

އެ ހުކުމުގައިވާ ގޮތުން އޯނަސްއަށް އިބްރާހިމް އަބްދުއްލަތީފް ދޫކުރި ޗެކްތައް ބައުންސްވި މައްސަލާގައި އޭނާއާ ދެކޮޅަށް މަދަނީ ދައުވާއެއް ކޮށްފައި ނެތީސް، ސުޕްރީމް ކޯޓުގެ ގާނޫނާ ޚިލާފް އެންގުމަކަށް ތަބާވެ، ސިވިލް ކޯޓުން ވެސް އަމަލުކުރީ ގޯސްކޮށެވެ. ސުޕްރީމް ކޯޓަކީ އަދުލު އިންސާފުގެ ފަހު ބަސް ބުނާ ފަރާތް ކަމަށް ވިޔަސް، ގާނޫނުތަކާ ޚިލާފް އެންގުންތަކަށް ދަށު ކޯޓުތަކުން ތަބާވާން ނުޖެހޭ ކަމަށާއި އެއީ ގާނޫނީ އުސޫލެއް ކަމަށް ހުކުމުގައިވެ އެވެ.

"އަމިއްލަ އިސް ނެގުމަށް މައްސަލަތަކުގައި ކަމާނުގުޅޭ މީހުންގެ މައްޗަށް ސުޕްރީމް ކޯޓުން ގޮތް ކަނޑައެޅުން ގާނޫނު ހުއްދައެއް ނުކުރެ އެވެ. އަދި ހަމަޖެހިފައިވާ އިޖްރައާތުގެ ބޭރުން ކުރާ މިފަދަ ހުކުމްތައް ދަށު މަރުހަލާތަކުން ދެމެހެއްޓުން ވެސް ގާނޫނު ހުއްދައެއް ނުކުރެ އެވެ." ހުކުމުގައިވެ އެވެ.

ހުކުމުގައި އިތުރަށް ބުނެފައިވާ ގޮތުން ޕީޖީއާ ދެކޮޅަށް އޯނަސް އިން ދައުވާކުރި މައްސަލައިގެ ޝަރީއަތަށް އިބްރާހިމް އަބްދުއްލަތީފް ހާޒިރުކޮށް، ޗެކެއް ދޫކުރިތޯ ސުޕްރީމް ކޯޓުން އޭރު ސުވާލު ކުރިޔަސް، ފައިސާއެއް ދައްކަން އޭނާގެ މައްޗަށް ހުކުމެއް އަންނާނެ ކަން އޭނާއަށް ބުނެދީފަައެއް ނުވެ އެވެ. އަދި ފައިސާ ހޯދަން އޭނާއާ ދެކޮޅަށް އޯނަސް އިން ދައުވާ ނުކުރަނީސް، އޭނާގެ މައްޗަށް އެފަދަ ހުކުމެއް ކުރުމަކީ ގާނޫނާއި އިސްލާމީ ޝަރީއަތާ ވެސް ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ފައިސާ ދައްކަން އިބްރާހިމް އަބްދުއްލަތީފްގެ މައްޗަށް ސިވިލް ކޯޓުން ކުރި ދެ ހުކުމް ވެސް ބާތިލް ކުރަން ޖެހެ އެވެ. އެކަމަކު އެ މައްސަލަ ހައި ކޯޓުން ބަލައިނުގަނެ، ބޭރުކޮށްލާފައި އޮތުމުން ހައި ކޯޓުގެ މަރުހަލާ ނުނިމެނީސް، ސުޕްރީމް ކޯޓުން އެ ދެ ހުކުމް ބާތިލް ކުރުމަކީ ގާނޫނާ ޚިލާފް ކަމަކަށް ވާނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި ސުޕްރީމް ކޯޓުން އެންގީ އެ މައްސަލަ އިބްރާހިމް އަބްދުއްލަތީފުގެ ފަރާތުން ހައި ކޯޓުގައި އަލުން އިސްތިއުނާފް ކޮށްފި ނަމަ، އެ މައްސަލަ ބަލައި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ދެ މައްސަލަ ނިންމުމަށެވެ. އެކަމަކު އޯނަސްއަށް ލިބެންޖެހޭ ފައިސާއެއް ހުރި ނަމަ، އެކަމަށް ދައުވާ ކުރުމުގެ ހައްގު އޯނަސް އަށް އޮންނާނެ ކަމަށް އެ ހުކުމުގައިވެ އެވެ.