ރާއްޖޭގެ އެންމެ މޮޅު އެއް ބާސްކެޓްބޯޅަ ކުޅުންތެރިއާ އިބްރާހިމް ރަޝްވާން (ޗިކު) ގެ ކަކުލަށް ސީރިއަސް އަނިޔާތަކެއްވެ މަދުވެގެން ހަ މަސް ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
ސްރީ ލަންކާގައި މި ހަފުތާގައި ބޭއްވި ތުރީއޮންތުރީ މުބާރާތެއްގައި މޮންސްޓާސް އަށް ކުޅެނިކޮށް ޗިކުގެ ކަނާތު ކަކުލުގެ އެންޓީރިއާ ކްރުޝުއޭޓް ލިގަމެންޓް އެއްކޮށް ކަނޑައިގެން ގޮސް އަދި މެނިސްކަސް އިން ބައެއް ވަނީ އިރައިގެން ގޮސްފަ އެވެ.
ކުޅިވަރުގައި ލިބޭ އެންމެ ސީރިއަސް އަނިޔާތަކުގެ ތެރޭގައި ހިމެނޭ ލިގަމެންޓުގެ މި ދެ ހާނިއްކައަށް ފަރުވާ ހޯދުމަށް އޭނާ ވަރަށް އަވަހަށް އޮޕަރޭޝަން ކުރާނެ އެވެ. މަދުވެގެން ހަ މަސް ދުވަސް، ގިނަ ވެގެން އަށެއްކަ މަސް ދުވަސް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ.
"އޮޕަރޭޝަނާއި ރީހެބިލިޓޭޝަން ރަނގަޅަށް ގޮސްފި ނަމަ ހަ މަސް ތެރޭ ކުޅެން ފެށޭ ވަރުވާނެ. އެކަމަކު ކިތަންމެ ގިނަ ދުވަހެއް ވިޔަސް އެއްކޮށް ފިޓްވެގެން އެނބުރި ނުކުންނާނީ،" ޗިކު ބުންޏެވެ.
މާނައަކީ އަން އަހަރުގެ މާޗު މަހު އޮންނަ ސައުތު އޭޝިއަން ގޭމްސްގައި ކުޅުމުގެ ފުރުސަތު ހަނިވުމެވެ. އެކަމަކު އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް އޭނާ ފިޓްވާނެ އެވެ.
މިފަދަ އަނިޔާތަކުގެ ސަބަބުން ކުޅުންތެރިންނަށް ނަފްސާނީ ގޮތުން ވެސް އަސަރުކުރެ އެވެ. ޗިކު ބުނީ އަލުން ކުރީގެ ފެންވަރަށް އާދެވިދާނެތޯ ފަދަ ސުވާލުތައް ހިތުގައި އުފެދޭ ކަމަށެވެ. އެކަމަކު އޭނާ ހުރީ ވަރުގަދަ އަޒުމެއްގަ އެވެ.
"އިރާދަކުރެވިއްޔާ ކުރިއަށް ވުރެ ވަރުގަދަކޮށް އެނބުރި އަންނާނީ،" ޗިކު ބުންޏެވެ.
ސްރީ ލަންކާގައި 2011 ވަނަ އަހަރު އޮތް ސްކޫލް ބާސްކެޓްބޯޅަ މުބާރާތެއްގެ ޗެމްޕިއަންކަން ރާއްޖޭގެ ޖޫނިއާ ޓީމު ހޯދިއިރު އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާ މަގާމް ހޯދި ޗިކަކީ މިހާރު ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ.
"ހަވީރު"ން ހޮވި ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިއާގެ މަގާމް 2015 ވަނަ އަހަރު ހޯދި ޗިކަކީ ބާސްކެޓްބޯޅައަށް ހުސްވެގެން އެ ކުޅިވަރު މަތީ ފަންތީގައި ކުޅެމުން އަންނަ މަދު ކުޅުންތެރިންގެ ތެރެއިން އެކެކެވެ. އޭނާ ވަނީ މި އަހަރުގެ އެމްބީއޭ ޗެމްޕިއަންޝިޕް މެޗެއްގައި 110 ޕޮއިންޓް ހޯދައި އެއް މެޗެއްގައި އެންމެ ގިނަ ޕޮއިންޓް ކާމިޔާބުކުރި ކުޅުންތެރިއާގެ ރެކޯޑް ވެސް ހަދައިފަ އެވެ.