ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ބާސްކެޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ރަޝްވާން (ޗިކު) ބުނާ ގޮތުގައި، ހުޅުމާލޭ ބާސްކެޓްބޯޅަ ކޯޓް ނެތް ނަމަ، މިއަދު އޭނާ އެ ފެންވަރުގެ ކުޅުންތެރިއެއްގެ ގޮތުގައި ނުފެނީސް ކަމަށެވެ. އޭނާ ފަދަ ކުޅުންތެރިއަކަށް ވުމުގެ ހުވަފެނުގައި ކޮންމެ ދުވަހަކު ސަތޭކައެއްހާ ކުދިން އެތަނުގައި އައީ ތަމްރީންވެ، ކުޅެމުންނެވެ. އެކަމަކު މީގެ ހަޔެއްކަ މަސް ކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެތަން މަރާމާތަށް ބަންދުކުރުމުން، އެ އެންމެން ތިބީ ކުޅޭނެ ގޮތެއް ނެތިފަ އެވެ.

ހުޅުމާލޭގައި 2004 ވަނަ އަހަރު މީހުން އާބާދުވީއްސުރެ، ބޭނުންކުރަމުން އައި އެ ކޯޓް މަރާމާތަށް ބަންދުކުރާނީ ތަނެއް ދެއްކުމަށް ފަހު ކަމަށް އެޗްޑީސީން އޭރު ބުނެފައިވެ އެވެ. އެކަމަކު ތަނެއް ނުދީ ކޯޓުގެ ތަޅުންގަނޑު ތަޅާލީ، ދެ ހަފުތާތެރޭ މަރާމާތުކޮށް ނިންމައި ހުޅުވާނެ ކަމަށް ބުނެ އެވެ.

"އޭގެ ފަހުން މިހާރު ހަތް މަސްވެއްޖެ. އަދިވެސް ނުހުޅުވާ. ދޭތެރެއަކުން އެތަނުގައި މަސައްކަތެއް ކުރާތަން ފެނޭ. އެކަމަކު ނިމޭ ދުވަހެއް ނާދޭ،" ގައުމީ ޓީމުގެ ކުޅުންތެރިޔާ ޗިކު ބުންޏެވެ.

ހުޅުމާލޭ ބާސްކެޓްބޯޅަ ކޯޓު.
ހުޅުމާލޭ ބާސްކެޓްބޯޅަ ކޯޓު.

އެހެންވެ މިހާރު ހުޅުމާލޭގައި ބާސްކެޓްބޯޅަ ކުޅެން އޮތް ހަމައެކަނި ތަނަކީ، ޕާކެއްގެ ތެރޭގައި އަޅާފައި އޮންނަ ހާފް ކޯޓެވެ. ދެ އެކަޑަމީއަކާއި ހަތަރު ސްކޫލަކާއި ތިން ޓީމެއްގެ ކުދިންނާއި އަމިއްލަ ގޮތުން ކުޅޭ މީހުންނަށް ވެސް އޮތީ ހަމައެކަނި އެތަނެވެ. އެކަމަކު ރޭގަނޑު 10 ޖަހާލާއިރު އެތަނުގެ ބޮކިތައް ނިއްވާލާތީ އާއި އެއީ އާއްމުން ދިރިއުޅޭ ފްލެޓެއްގެ މެދުގައި އޮތް ތަނަކަށް ވާތީ އެކަށީގެންވާ ގޮތަކަށް އެތަން ވެސް ބޭނުމެއް ނުކުރެވެ އެވެ.

"އެތަނުގައި މުބާރާތެއް ވެސް ނުބޭއްވޭ އާއްމުން ޝަކުވާކުރާތީ. އެންމެ ފަހުން އޮތް މުބާރާތުގެ ތެރެއިން ވެސް، އާއްމުން ޝަކުވާކުރުމުން ހުއްޓާލަން ޖެހުނީ،" ޗިކު ބުންޏެވެ.

ބައިލައްކައަށް ވުރެ ގިނަ މީހުން ދިރިއުޅޭ އަދި މާލެ ނަގާފައި ރާއްޖޭގައި އެންމެ އާބާދީ ބޮޑު ރަށުގައި، ކުރީގެ ކޯޓް އޮތުމާ އެކު ބާސްކެޓްބޯޅައިގެ ފޯރި ގަދަ އެވެ. ގާތްގަނޑަކަށް ހަތް ސަތޭކައެއްހާ ކުދިން ސްކޫލާއި އެކަޑަމީ އަދި ޓީމުތަކުގެ ތެރެއިން ބާސްކެޓްބޯޅަ ކުޅެ އެވެ. އެކަމަކު މިހާރު ކުޅޭނެ ތަނެއް ނެތި ފާޑަކަށް ބަނީ ހުއްޓުމަކަށް އައިސްފަ އެވެ.

އެޗްޑީސީން މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގައި ކުރި ޓްވީޓެއްގައި ބުނީ ކޯޓް މަރާމާތުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި ދެ ހަފުތާގެ ތެރޭގައި ބޭނުންކުރެވެން ފެށޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެކަމަކު މިހާރު މިވަނީ އޭގެ ފަހުން ވެސް މަހެއްހާ ދުވަސްވާން ގާތްވެފަ އެވެ.

ހުޅުމާލޭ ބާސްކެޓްބޯޅަ ކޯޓުން އުފެދުނު ޗިކު: މިހާރު ކުޅޭނެ ތަނެއް ނެތް. --ފޮޓޯ: މުހައްމަދު އަހުސަން/ ރެޑްބުލް ކޮންޓެންޓްޕޫލް
ހުޅުމާލޭ ބާސްކެޓްބޯޅަ ކޯޓުން އުފެދުނު ޗިކު: މިހާރު ކުޅޭނެ ތަނެއް ނެތް. --ފޮޓޯ: މުހައްމަދު އަހުސަން/ ރެޑްބުލް ކޮންޓެންޓްޕޫލް

އެ ކުންފުނީގެ އޮފިޝަލަކު މިއަދު ވެސް ބުނީ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ހުޅުމާލޭ ބާސްކެޓްބޯޅަ ކޮމިއުނިޓީން އެ ކޯޓް ހުޅުވާނެ ދުވަހަކަށް ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އަންކަން ގަބޫލުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

އެތަން ނުހުޅުވި އިތުރުވާ ކޮންމެ ދުވަހަކީ ވެސް ވަރަށް ގިނަ ކުޅުންތެރިންނާއި ކޯޗުންނަށް އަދި ބެލެނެވެރިންނަށް މާޔޫސްކަން އިތުރުވާ ދުވަހެކެވެ. ހުޅުމާލޭގެ ތެރެއިން ވަރަށް ގިނަ ކުޅުންތެރިން ވަނީ އުފެދިފަ އެވެ. ހުރިހާ ވެސް ޝުކުރެއް އެ ކޯޓަށެވެ.

އޭގެ އެންމެ ބޮޑު މިސާލަކީ ޗިކެވެ. އޭނާ ދިރިއުޅޭ ފްލެޓް ކައިރީ އޮންނަ އެ ކޯޓަށް ކުޑައިރު މަޖަލަށް ކުޅެން ގޮސް، އޭނާ ފަހުން އެ ކުޅިވަރަށް ހިތްޖެހި އަދި ހުނަރު ތަރައްގީކުރީ ވެސް އެތަނުގައި ކުޅެ އެވެ. ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 2015 ވަނަ އަހަރު ހޯދި ޗިކު އަންނަނީ އެތަން ހުޅުވަން އެކި ގޮތްގޮތަށް ބާރުއަޅަމުންނެވެ.

"ކުޅޭނެ ތަނެއް ނެތުމުން ބައެއް ކުޅުންތެރިން ފޫހިވެގެން ހުއްޓާވެސް ލައިފި،" ޗިކު ބުންޏެވެ.