ތިއޭޓަ މިރާޖާއި އޯކޭޒް އިންކް ގުޅިގެން ގެނެސްދޭ ފިލްމް "އިލް ނޮއިސް" އަންނަ މަހުގެ 23 ގައި ޝްވެކް ސިނަމާގައި ޕްރިމިއާ ކުރާ ގޮތަށް ނިންމައި، ފިލްމުގެ ޓްރެއިލާ އާއި ޕޯސްޓަރު ދައްކާލައިފި އެވެ.
މި ފިލްމަކީ 2012 ގައި ތިއޭޓަ މިރާޖުން މުހައްމަދު މުންތަސިރު (މުންކޮ) ހަމަ "އިލް ނޮއިސް" ގެ ނަމުގައި ގެނެސް ދިން ސްޓޭޖް ޕްލޭ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މީގައި ކިޔައި ދެނީ ގޮތް ނޭނގޭ ބައްޔެއް ޖެހިފައިވާ މީހަކަށް ފަރުވާދޭ މައިކްރޮ-ބައިލޮޖިސްޓަކު ކުރާ މަސައްކަތްތަކުގެ ވާހަކަ އެވެ.
އެ ރޯލް ފިލްމުގައި ކުޅެނީ ސްޓޭޖް ޕްލޭގައި ވެސް އެ ފިލްމު ކުޅުނު މުންކޮ އެވެ. މިއީ ފީޗާ ފިލްމަކުން އޭނާ ފެނިގެންދާ ފުރަތަމަ ފަހަރު ވެސް މެ އެވެ.
"އަސްލު ވަރަށް ޗެލެންޖިން ރޯލަކުން ފެނިގެން ދާނީ. މިއަށް ތައްޔާރު ވާން ހުންނާނެ ވަރަށް ބޮޑަށް ކެރެކްޓާ ރިސާޗިން ވެސް ހަދާފައި. އެހެންވީމަ ކެރެކްޓާ ތެރެއަށް ވަރަށް ބޮޑަށް ވަދެވިގެން ފިލްމްގެ މަސައްކަތް ކުރެވިފައި ހުންނާނީ،" މުންކޮ ބުންޏެވެ.
ހިތްހަމަޖެހޭ ކުރެވިފައި ހުރި މަސައްކަތްތަކާ ދޭތެރޭ."
އޭނާ ބުނީ ފިލްމުގެ މައި ކެރެކްޓާ އެޑްވަޑް ބެނެވިކްގެ ރޯލް ކުޅެން ކުރިން އޮތީ އެހެން އެކްޓަރެއް ކަމަށެވެ.
"އެހެން ނަމަވެސް އޭނަވީ ގޮތަކީ ތަންކޮޅެއް ބިޒީވެގެން ޓައިމް ދެވޭ ގޮތް ނުވީ. އެހެންވެ އަހަރެން މި ރޯލް ކުޅެން އަސްލު އޮންބޯޑްވީ. މީގެ ސްޓޭޖް ޕްލޭ ވެސް ކުރިން ކުޅެފައި އޮތީމަ އެހާ އުނދަގޫ ކަމަކަށް އަސްލު ނުވެއޭ ބުނެވި ދާނެ." މުންކޮ ބުންޏެވެ.
މުންކޮއާ އެކު "އިލް ނޮއިސް" ގައި ދެން ފެނިގެން ދާނީ އަހުމަދު އަލަމް، ޝަމްއަތު އިބްރާހީމް، އަހުމަދު ނިމާލް އަދި ޖޫދެވެ.
ދިވެހި ސިނަމާއިން އާންމުކޮށް ފެންނަ ފިލްމުތަކާ މާ ބޮޑަށް ވެސް ތަފާތު ކޮންސެޕްޓަކަށް ހަދާފައިވާ "އިލް ނޮއިސް" ޑައިރެކްޓްކޮށްފައި ވަނީ އިސްމާއީލް ނިހާދެވެ. މީގެ މައިގަނޑު ޑައިލޮގްތައް ވެސް ހުންނާނީ އިނގިރޭސިންނެވެ.
މުންކޮގެ ވާހަކައަށް ހަދާފައިވާ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އަހުމަދު މައުރޫފް ޖަމީލެވެ.
ފިލްމެއްގެ ގޮތުގައި "އިލް ނޮއިސް" ބޮޑު ސްކްރީނަށް ގެންނަ އިރު، މީގެ ދިގު މިނަކީ އެއް ގަޑިއިރާއި 45 މިނިޓެވެ. ސްޓޭޖް ޕްލޭގެ ދިގު މިނަކީ ގަޑިއެއްހާ އިރެވެ.
މުހައްމަދު އިކްރާމް ބެކް މިއުޒިކް ހަދާފައިވާ "އިލް ނޮއިސް" ރާއްޖޭން ބޭރުގެ ހަތަރު ގައުމެއްގައި ވެސް އަޅުވަން މިހާރު ވަނީ ނިންމައިފަ އެވެ. އެއީ ސްރީ ލަންކާ، ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލްގަ އެވެ.
"އިލް ނޮއިސް" ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ. ޓެލެކޮމް ޕާޓްނަރަކީ ދިރާގެވެ. ޕްރިންޓް ޕާޓްނަރަކީ އެމްސެވަން އެވެ. ޑިސްޓްރިބިއުޓާ އަކީ ޝްވެކް ސިނަމާ އެވެ. މީޑިއާ ޕާޓްނަރަކީ ޕީއެސްއެމް އެވެ. މި ފަރާތްތަކާ އެކު ރޭގައި ވަނީ ސޮއިކޮށްފަ އެވެ.