އަދާލަތު ޕާޓީގެ ރައީސް ޝޭހު އިމްރާން އަބްދުﷲ ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފުގެ ޝަރީއަތް ދުވަސްތަކެއް މެދުކެނޑުމަކަށް ފަހު މާދަމާ ބާއްވަން ހައި ކޯޓުން ނިންމައިފި އެވެ.

ޓެރަރިޒަމްގެ ކުށުގައި އިމްރާން 12 ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މޭ، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް އިމްރާން ވާހަކަ ދެއްކެވި ކަން ސާބިތުވުމުންނެވެ. މި މައްސަލަ އިމްރާންގެ ފަރާތުން އިސްތިއުނާފް ކުރުމުން، އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގަ އެވެ.

އޭގެ ފަހުން އަޑުއެހުމެއް ނުބާއްވައި އޮތުމަށް ފަހު، މާދަމާ ހެނދުނު އެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން ހައި ކޯޓުން ހަމަޖެއްސި ކަން އިމްރާންގެ ވަކީލް އަދި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކުރިން އޮތީ ނިންމާލާފައި ވިޔަސް، ފަނޑިޔާރުންގެ ބެންޗަށް މިހާރު ބަދަލު އައިސްފައިވާތީ، މާދަމާ އެ މައްސަލައިގެ ހުކުމް ކުރާނެ ކަމަކަށް ނުބެލެވެ އެވެ.

މައްސަލަ ބަލާ ބެންޗަށް ބަދަލު އައީ އެ ބެންޗުގެ ރިޔާސަތު ބެެލެހެއްޓެވި ފަނޑިޔާރު ޝުޖާއު އުސްމާނު ހައި ކޯޓުގެ ދެކުނު ގޮތްޕަށް ބަދަލު ކުރުމުންނެވެ. އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް، ފަނޑިޔާރުންގެ ބެންޗަށް ބަދަލެއް އަތުވެއްޖެ ނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ އެވެ.

އިމްރާން ޖަލަށްލާން ހުކުމް ކުރިޔަސް ޖަލުގެ މަރާމާތުތަކެއް ކުރަމުންދާތީ، މިދިޔަ އަހަރުގެ މެދު ތެރެއިން ފެށިގެން އޭނާ ހުންނަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

އަދާލަތުން އިސްކޮށް އޮވެ، އިދިކޮޅު ފަރާތްތަކުން ބޭއްވި އެ ބޮޑު އެއްވުމުގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި ބަޔަކު ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.