އިންޑިޔާގެ އިގްތިސާދަށް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 1.6 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައި ވިޔަސް، ކޮވިޑް ވަބާ ފެތުރެމުންދާ ހަލުވިމިނަށް ބަލާއިރު، މި ހިނގާ ތިން މަސް ދުވަހުގެ ތެރޭގައި އިގްތިސާދަށް ވެދާނެ ގޮތަކާ މެދު ސުވާލު އުފެދިއްޖެ އެވެ.
މިދިޔަ އަހަރުން ފެށިގެން ކޮވިޑް ފެތުރެން ފަށާފައި ވިޔަސް، މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހާ އަޅައި ބަލާއިރު، މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު އިގްތިސާދު ވަނީ 1.6 ޕަސެންޓް ކުރިއަރައިފަ އެވެ. ނަމަވެސް ކޮވިޑްގެ ހާލަތު އާދަޔާ ހިލާފަށް ގޯސްވެފައި ވުމުން، މިހާރު ވެސް އިގްތިސާދީ ހީނަރުކަން ފެންނަމުންދާ ކަމަށް އިންޑިޔާގެ އިގްތިސާދީ މާހިރުން ވިދާޅުވެ އެވެ.
ކޮވިޑްގެ ދެ ވަނަ ރާޅު، އިންޑިޔާ އަށް ބިންދައިލީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. ބަލި ފެތުރެމުންދާ ނިސްބަތާ ގާތަށް ވެސް ވެކްސިން ދެވޭނެ ގޮތެއް ނެތުމުންނާއި މާ ހަލުވިކޮށް ފެތުރޭ ކޮވިޑްގެ އާ ބާވަތެއް އިންޑިޔާގައި ފެތުރެމުންދާ އިރު، އިގްތިސާދީ ހުރިހާ ހަރަކާތެއް ވަނީ ހުއްޓިފަ އެވެ. އޭގެ ތެރޭގައި ރީޓެއިލް ވިޔަފާރިތަކާއި އާންމު ދަތުރުފަތުރުތަކާއި އިމާރާތްކުރުމުގެ މަސައްކަތްތައް ހިމެނެ އެވެ.
މީގެ އިތުރުން، ކޮވިޑާ ގުޅިގެން ކުރިމަތި އިގްތިސާދީ ދަތިކަމުން އަރައިގަތުމުގެ ގޮތުން، އަމިއްލަ ކުންފުނިތަކުން ވަޒީފާތައް މަދުކޮށްފައިވާތީ، އެތައް މިލިއަން ބަޔަކު ވަނީ ވަޒީފާ ގެއްލިފަ އެވެ. އިންޑިޔާ އިން މިހާތަނަށް 28 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، އިއްޔެގެ ނިޔަލަށް 329000 މީހުން އެ ބަލީގައި މަރުވެއްޖެ އެވެ.
އެ ގައުމުގެ އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ވިޔަފާރި މުދާ ވިކުން ވެސް ވަރަށް ބޮޑަށް ދަށްވެއްޖެ އެވެ. ސަބަބަކީ، އާއިލާ އަށް ލިބޭ އާމްދަނީ ދަށްވުމާއި ވަޒީފާތައް ގެއްލުމެވެ. އޭގެ އިތުރުން، ދައުލަތުގެ ދަރަނި އިތުރުވަމުން ދިޔުމުގެ ސަބަބުން، ރައްޔިތުންނަށް އެހީވުމުގެ ގޮތުން ސްޓިމިއުލަސް ޕެކޭޖްތައް ތައާރަފްކުރުން ވެސް ސަރުކާރަށް ފަސޭހައެއް ނޫނެވެ.
ކޮވިޑްގެ ހާލަތު އާދަޔާ ހިލާފަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި، ވެކްސިން މަޝްރޫއު ހަލުވި މިނުގައި ކުރިއަށް ނުގެންދެވޭތީ، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފާޑުކިޔުން ވަނީ އިތުރުވެފަ އެވެ. އިންޑިއާގެ ރައްޔިތުންނަށް ވެކްސިން ޖެހުމުގެ ކެމްޕޭން ފެށީ މީގެ ހަތަރު މަސް ކުރިންނެވެ. ނަމަވެސް، އިންޑިޔާގެ 1.38 ބިލިއަން މީހުންގެ ބިޔަ އާބާދީން މިހާތަނަށް ވެކްސިން ޖެހުނީ ހަތަރު ޕަސެންޓަށް ވުރެ ވެސް ކުޑަ ނިސްބަތެއްގެ މީހުންނަށެވެ.