މިނިވަން ދައުލަތެއްގެ ގޮތުގައި އިންޑިއާ ދެމިއޮންނަނީ ސަރަހައްދީ ގައުމުތަކުގެ ބައިވެރިވުމާ އެކު ކަމަށާއި ރާއްޖެ އަކީ އެ ގޮތުން މުހިއްމު ބައިވެރިއެއް ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ އިންޑިއާގެ 70 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައި ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި މިޝްރާ ވިދާޅުވި ގޮތުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ. ތާރީހާއި ސަގާފަތުގެ އިތުރުން ވެސް އެކި ދާއިރާތަކަށް މި ގުޅުން ފުޅާވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މިޝްރާ ވިދާޅުވި ގޮތުގައި ރާއްޖެ އާއި އިންޑިއާ އިން ގިނަ ކަންތައްތަކަކަށް އިސްކަންދީ، ހިއްސާ ކުރެ އެވެ. އެ ގޮތުން، ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރަށް ދެކުނު އޭޝިއާ ސަރަހައްދުގައި ސުލްހަ މަސަލަސްކަން ދެމެހެއްޓުން ހާއްސަ ގޮތެއްގައި އޭނާ ފާހަގަކުރެއްވި އެވެ.

"ރާއްޖެ އަކީ އިންޑިއާގެ ޒަމާންވީ ބައިވެރިއެއް. ހުރިހާ ގޮތަކުން ވެސް އެއްބާރުލުން ދޭ ގައުމެއް،" ރާއްޖޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ އިންޑިއާ ރައްޔިތުން ބައިވެރިވި ރަސްމިއްޔާތުގައި ސަފީރު ވިދާޅުވި އެވެ.

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ ސަފީރު މިޝްރާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ ސަފީރު މިޝްރާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް، ރާއްޖޭގައި އުޅޭ އިންޑިއާ މީހުންގެ ދައުރު ބޮޑުކަން މިޝްރާ ފާހަގަކުރެއްވި އެވެ. އޭރުން އިންޑިއާގެ ތަރައްގީ އަށް ވެސް މިހާރަށް ވުރެ ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާ އިން ރާއްޖެ އަށް ގިނަ އަދަދެއްގެ އެހީތަކެއް ވެ އެވެ. އެ ގޮތުން، ރާއްޖޭގެ ތައުލީމީ އަދި ސިއްހީ ދާއިރާ އަށް ބޭނުންވާ މީހުން ފޮނުވައި އެ ދާއިރާތަކުން ދިވެހިން ތަމްރީނުކޮށް ދެމުން ދެ އެވެ. އަދި އަސްކަރީ ގޮތުން ވެސް ގިނަ އެހީތަކެއް އަންނަނީ ވަމުންނެވެ.

އެކަމަކު، ޗައިނާއާ އެކު ރާއްޖޭން މި ފަހުން ގުޅުން ބަދަހިކުރަން ފެށުމުން އިންޑިއާއާ ދެމެދު އޮންނަ ގުޅުމަށް ކޮންމެވެސް ވަރަަކަށް ވަނީ އަސަރުކޮށްފަ އެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، އެ މައްސަލަތައް ހައްލު ނުވެ ގިނަ ދުވަސްތަކެއް ވުމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރައްވަން އޮތް ދަތުރުފުޅު ވެސް ކެންސަލް ކުރެއްވި އެވެ.