އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމަށް މޯލްޑިވްސް ރެޑްކްރެސެންޓް ސޮސައިޓީގެ ސެކްރެޓަރީ ޖެނެރަލް އައިޝަތު ނޫރާ މުހައްމަދު މިއަދު އައްޔަންކޮށްފި އެވެ.

އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމަށް ނޫރާ އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު މުހައްމަދުފުޅު ކަމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަން ކުރުމާ ގުޅިގެން އެ މަގާމު ހުސްވުމުންނެވެ.

ނޫރާ އަކީ ތައިލެންޑްގެ ޗުލަލޮން ކޯން ޔުނިވާސިޓީން މާސްޓާސް އޮފް އާޓްސްއިން އިންޓާނޭޝަނަލް ޑިވެލޮޕްމަންޓް ސްޓަޑީޒް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އެމެރިކާގެ އަޕާ ލޯވާ ޔުނިވާސިޓީން ބެޗްލާސް އޮފް ސައިންސް އިން ސައިކޮލޮޖީ އެންޑް ކޮމިއުނިކޭޝަން ވެސް ހާސިލު ކުރައްވައިފަ އެވެ.

ނޫރާ އެންމެފަހުން އަދާކުރެއްވީ މޯލްޑިވްސް ރެޑްކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމެވެ. އޭގެކުރިން އޭނާ ވަނީ ސޮސައިޓީ ފޮ ހެލްތް އެޑިއުކޭޝަންގެ ޑިރެކްޓަރު، ޕްރޮގްރާމްގެ މަގާމާއި ޔޫއެންޑީޕީގެ ޕްރޮޖެކްޓް ކޯޑިނޭޓަރުކަމާއި ޕްރޮޖެކްޓް މެނޭޖަރުކަން ކުރައްވައިފަ އެވެ.

އިންސްޕެކްޓަރް އޮފް ކަރެކްޝަނަލް ސާވިސް އަކީ މީހުން ބަންދުކުރާ ތަންތަނުގެ ހާލަތާއި އެތަންތަނުގައި ކަންހިނގާގޮތް ބަލައި ހޯމް މިނިސްޓަރަށް ރިޕޯޓްކުރުމަށް ހުންނަވާ ބޭފުޅެކެވެ.