މަޝްހޫރު ވިޔަފާރިވެރިޔާ ސަން ސިޔާމް ކުންފުނީގެ ދަށުން ހިންގާ ސަން އެކުއާ އިރުވެލި ރިސޯޓްގައި މަސައްކަތްކުރި މުވައްޒަފަކު ގާނޫނާ ހިލާފަށް ވަޒީފާއިން ވަކި ކުރުމާ ގުޅިގެން އެ މުވައްޒަފަށް 1.4 މިލިއަން ރުފިޔާ ދޭން ސަން އިންވެސްޓްމެންޓުގެ މައްޗަށް އަމުރުކޮށްފި އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައިވާ ގޮތުން ސަން އެކުއާ އިރުވެލި ރިސޯޓްގެ ރެޒިޑެންޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރި މުވައްޒަފު، 2019 ވަނަ އަހަރުން ފެށިގެން ދެ އަހަރު ވަންދެން އެ ވަޒީފާގައި ހުރި ކަމަށާއި ވަޒީފާގެ އެއްބަސްވުމާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާކަން އެނގޭ ކަމަށެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
ޓްރައިބިއުނަލްގެ ނިންމުމުގައިވާ ގޮތުން ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާގެ އެއްބަސްވުމާ ހިލާފަށް މުސާރަ އާއި އިނާޔަތުން އުނިކުރުމުން އެ ވާހަކަ ދައްކަން ފެށުމުން ކަމަށް ވަނީ ބުނެފަ އެވެ. އަދި މިގޮތަށް އުނިކުރި ފައިސާގެ އަދަދު 993،492ރ. އަށް އަރާ ކަމަށް ނިންމުމުގައިވެ އެވެ. އަދި ރެޒިޑެންޓް މެނޭޖަރުގެ މަގާމުގެ މުސާރަ އާއި އިނާޔަތުގެ ހަ މަސް ދުވަހަށް ޖެހޭ މިންވަރު ކަމަށްވާ 462،600ރ. ދޭން ދޭން ޖެހޭނެ އެވެ. މިއީ ޖުމްލަ 1.4 މިލިއަން ރުފިޔާ އެވެ.
ޓްރައިބިއުނަލްގެ ނިންމުމުގައިވާ ގޮތުން އޭނާ ވަޒީފާއިން ވަކިކުރީ ވަޒީފާއިން ވަކި ކުރަން ޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތި، އެއްވެސް ނޯޓިިސްއެއް ނުދީ އެވެ. މި މައްސަލަ ރައްދުވާ، ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓުން މި ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކަން އަމުރުގައިވެ އެވެ.