އަންނަ އޭޕްރިލް މަހު އޮންނަ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ސްކޮޑު މިއަދު އިއުލާންކުރިއިރު ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އިޝާން މުހައްމަދު (ބަޓިސް) ބާކީވެއްޖެ އެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު އަދީލް (ބޭބެ) "މިހާރަ"ށް ބުނީ ކުޑަކާއްޓޭ ޓީމުން މި ވަގުތަށް ބާކީވީ އާއިލީ ކަމެއްގައި ބޭނުންވެގެން ކަމަށެވެ. އަދި އެންމެ ފަހުން މުބާރާތަށް ފަހު ބަޓިސްގެ ވިސްނުން ހުރީ ގައުމީ ޓީމުން ރިޓަޔާކުރާ ކަހަލަ ގޮތަކަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"ކާއްޓޭ މި ވަގުތަށް ބޭނުންވީ އަމިއްލަ ސަބަބަކާ ހުރެ ޓީމާ ވަކިވެލަން. އެހެންވުމުން މި ފަހަރު ޓީމުގައި ނެތީ. ދެން ބަޓިސް އެންމެ ފަހުން މުބާރާތުގައި ކުޅުމަށް ފަހު ރިޓަޔަކުރާ ވާހަކަތަކެއް އެނގިފައި އޮތީ. ދެން ގައުމީ ޓީމުގެ ކުުޅުންތެރިން ސޮއި ކުރާ ގަރާރުގައި ވެސް ސޮއިނުކުރާތީ. އެކަމަކު މި ކުޅުންތެރިންނަށް ފުރުސަތު ނެތީއެއް ނޫން. ސެންޓްރަލް ޒޯން މުބާރާތަށް ފަހު ފުރުސަތު އެބައޮތް އަލުން،" އޭނާ ބުންޏެވެ.
މިދިޔަ އަހަރު މާޗް މަހު މާލޭގައި އޮތް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ފަހު ބަޓިސް އާއި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ގައުމީ ޓީމަށް ކުޅުން ހުއްޓާލާން ނިންމާފައިވާ ކަމަށް ވާހަކަ ދެކެވުނެވެ. އެހެން ނަމަވެސް އެކަން ރަސްމީކޮށް އެ ދެ ކުޅުންތެރިން ހާމަކޮށްފައިނުވާއިރު، މި ފަހަރުގެ ސްކޮޑުގައި ވެސް ލޯންގޭ ހިމެނެ އެވެ.
ގައުމީ ޓީމަށް 2004 ވަނަ އަހަރުން ފެށިގެން ކުޅެމުން އައި ބަޓިސް އަކީ އެންމެ ފަހުން ކުޅުނު މުބާރާތާ ހަމައަށް ޓީމުގެ ކެޕްޓަން އެވެ.
މީގެ އިތުރުން ފާއިތުވި މުބާރާތްތަކުގައި ގައުމީ ޓީމަށް ކުޅުނު އަހުމަދު އަހުސަން އާއި އަލީ އާމިރު (ދިގު އައްޔަ) އަށް ވެސް މި ފަހަރު ފުރުސަތެއް ނެތެވެ. އެނގިފައިވާ ގޮތުގައި މި ދެ ކުޅުންތެރިންނަށް ޖާގަ ނުލިބުނީ ވީއޭއެމް އިން ކަނޑައެޅި މުއްދަތުގެ ތެރޭގައި ގަރާރުގައި ސޮއިކޮށްފައިނުވާތީ ކަމަށެވެ.
ބަންގްލަދޭޝްގައި އޭޕްރިލް މަހު 16-23 އަށް އޮންނަ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރާ ޓީމުގެ ސްކޮޑު މިއަދު އިއުލާންކުރީ 19 ކުޅުންތެރިންނާ އެކު އެވެ. އޭގެ ތެރޭގައި ގިނަ އާ ކުޅުންތެރިންނަށް ވަނީ ފުރުސަތު ދީފަ އެވެ.
މި ފަހަރު ސްކޮޑުން އަލުން ޖާގަ ހޯދި ކުޅުންތެރިންގެ ތެރޭގައި މިދިޔަ އަހަރު ގައުމީ މުބާރާތާއި ލީގުގައި ސިފައިންގެ ޓީމަށް މޮޅު ކުޅުމެއް ދެއްކި ޒުވާން ލިބަރޯ މުހައްމަދު މިމްރާހް ހަސަން ވަނީ ފުރުސަތު ހޯދައިފަ އެވެ. މީގެ ކުރިން ގައުމީ ސީނިއާ ސްކޮޑުގައި ހިމެނުނު ނަމަވެސް ސްކޮޑު ފައިނަލް ކުރިއިރު މިމްރާހު އަށް ޖާގަ ގެއްލުނީ އެެވެ.
މިދިޔަ އޮކްޓޫބަރު މަހު ގައުމީ ޓީމުގެ ކޯޗުކަމާ އަލުން ހަވާލުވުމަށް ފަހު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ ޓީމުން ބަދަލުތަކެއް ފެންނާނެ ކަމަށާއި އޭގެ މަގްސަދަކީ ޒުވާން ކުޅުންތެރިން ކުރިއަރުވުމަށާއި ކާމިޔާބީ ދެމެހެއްޓޭނެ ވަރުގެ ޓީމެއް ބިނާކުރުމަށް ކަމަށެވެ.
ގައުމީ ވޮލީބޯޅަ ޓީމުގެ ސްކޮޑު:
އަލީ ހުޒާމް (ހުޒާންޓެ)، އާދަމް ފައިރޫޒް، އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)، އަލީ މައުރޫފް، ހަސަން ނިލާމް (ޕާޓޭ)، ހުސެއިން ވިޝާމް (ބުޅިކެ)، އަހުމަދު ޝިމާއު، އަހުމަދު ފާޒިލް، އަހުމަދު އަނިލް، ޖަވާމް އަލީ، އަބްދުﷲ ޝަންވާޒް، މުހައްމަދު މިމްރާހު، ޝުއައިބު އަބްުދުލް ލަތީފް، މުހައްމަދު މިމްރާހު ހަސަން، ޔޫސުފް ޝަމްމާން، މުހައްމަދު އިއުޖާޒް އަލީ، އާދަމް ނަސީމް (އެޑަމް)، އަހުމަދު އަލަމް މުހައްމަދު ދީދީ، އަލީ ނިމާލް، މުހައްމަދު ނައީމް، ސަމާއިލް ހުސެއިން